ލައިސެންސް ނެތި ފުވައްމުލަކުގައި ސައިކަލް ދުއްވި ކުއްޖަކު އެކްސިޑެންޓުވެ، ސީރިއަސް އަނިޔާތަކެއްވެއްޖެ އެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ އެކްސިޑެންޓްގައި ޒަހަމްވެފައި ވަނީ އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށެވެ. އަދި އެކުއްޖާގެ ކަނާތު އުޅަބޮށްޓާއި އެ އަތުގެ ކުޑަހުޅާ ދެމެދުން ބިންދައިގެން ގޮސްފައިވާއިރު، ކަނާތު ފައިގެ ކުޑަހުޅަށް ވެސް ވަނީ ބޮޑެތި ޒަހަމްތަކެއް ވެފަ އެވެ. ހޮސްޕިޓަލުން ބުނީ އަނިޔާވި ކުއްޖާ އިތުރު ފަރުވާއަށް މާލެ ފުރުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 4:00 ހާއިރު ހިނގި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ފުނާޑު އަވަށު ފިނިފެންމާގެ، އަހުމަދު ޝައުބާން ލަތީފް، 15، ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ލައިސެންސެއް ނެތި 15 އަހަރުގެ ކުއްޖާ ދުއްވި ސައިކަލު އެކްސިޑެންޓްވިއިރު، ސައިކަލު ފަހަތުގައި 18 އަހަރުގެ މީހަކު އިން ކަމަށެވެ. ނަމަވެސް އޭނާއަށް މާ ސީރިއަސް އަނިޔާތަކެއް ލިބިފައެއްނުވެ އެވެ. ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވި ސައިކަލު ކޮންޓްރޯލު ނުވެގޮސް ފާރެއްގައި ޖެހި އެވެ.