އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފި

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު ހަވީރުން ފެށިގެން ކުރިއަށް އެބަދެ އެވެ. ސަރުކާރާ އިދިކޮޅު ޕާޓީ، އެމްޑީޕީގެ ރައީސާއި ނައިބު ރައީސާއި ޗެއާޕާސަންގެ އިތުރުން ޗެއާޕާސަންގެ ނައިބު ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ ހަވީރު 4:00 ފެށިގެންނެވެ.

އެމްޑީޕީން އެތެރޭގެ އިންތިހާބުގެ ވޯޓުލުން ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ދާނެ ކަމަށް ޕާޓީން ބުނެ އެވެ. އެ އިންތިހާބުގެ ވޯޓުލުން މިރޭ 8:00 ހަމައަށް ކުރިއަށް ދާނެ ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ. މާލޭގައި އެ ޕާޓީގެ ވޯޓުލުން ކުރިއަށް ދަނީ މާލޭ ސިޓީ ކައުންސިލްގެ ހޯލުތެރޭގަ އެވެ.

އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލައްވާފައި ވަނީ މިހާރު ވެސް އެ ޕާޓީގެ ވަގުތީ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެކަންޏެވެ. ނައިބު ރައީސްގެ މަގާމަށް ބާރަށު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝިފާޒް އާއި ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ކުރިމަތިލެއްވި ނަމަވެސް އަލްހާނަށް ކުރިމަތި ނުލެއްވޭނެ ކަމަށް އެ ޕާޓީން ނިންމުމާއި ގުޅިގެން އެ މަގާމަށް ވާދަކުރައްވަނީ ހަމަ އެކަނި ޝިފާޒް އެވެ. ހަމަ އެހެންމެ ޗެއާޕާސަން ކަމުގެ މަގާމަށް ތޮއްޑޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ވަހީދު އާ ވާދަކުރައްވާނެ އެހެން ކެންޑީޑޭޓަކު ނެތެވެ. އޭގެ އިތުރުން ޗެއާޕާސަންގެ ނައިބުގެ މަގާމަށް ވެސް ކުރިމަތިލެއްވީ އުތުރު ޕްރޮވިންސްގެ އެމްޑީޕީގެ ރައީސް އަލީ ނިޔާޒް އެކަނި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު