ދިވެހި ލީގު: ރެފްރީންގެ އިންތިޒާރުގައި 40 މިނެޓް މަޑުކުރުމަށްފަހު މެޗު ފަސްކޮށްފި

ދިރާގު ދިވެހި ލީގުގެ ދެ ވަނަ ބުރުގައި މިއަދު ހަވީރު 4:00ގައި ވެލެންސިއާ އާއި ދެކޮޅަށް ބީޖީ ސްޕޯޓްސް ކުލަބު ކުޅެން އޮތް މެޗަށް، ރެފްރީން އަންނާނެ ކަަމަށް 40 މިނެޓް ވަންދެން މަޑުކުރުމަށްފަހު، އެ މެޗު ފަސްކޮށްފި އެވެ.

ހަވީރު ކުޅެން އޮތް މެޗު ފަސް ކުރުމާއެކު މިރޭ މަހިބަދޫ އާއި އޭވައެލް ކުޅެން އޮތް މެޗު ވެސް ފަސް ކުރުމަށް ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ވަނީ ނިންމާފައެވެ. ނަމަވެސް ހަވީރު މެޗާއި މިރޭ ކުޅެން އޮތް މެޗު، ދެން ކުޅުމަށް ހަމަޖެހިފައިވާ ވަކި ތާރީހެއް އެ އިދާރާއިން އަދި ހާމަކޮށްފައި ނުވާއިރު، އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓް މަންޓުގެ ބައްދަލުވުމެއް މިހާރުވެސް ކުރިއަށްދާކަމަށް އެ އިދާރާގެ އިސް އޮފިޝަލަކު ސަންއަށް ވަނީ ކަށަވަރު ކޮށްދީފައެވެ.

މިއަދު ހަވީރު ކުޅެން އޮތް މެޗަށް ރެފްރީން ހާޒިރުވެފައި ނުވަނީ ލީގުގައި ރޭ މާޒިޔާ އާއި އީގަލްސް ކުޅުނު މެޗަށްފަހު، ސަޕޯޓަރަކު ރޭގެ މެޗުގައި ލައިސްމަނަކަށް ހުރި ޖައުފަރު ރަޝީދުގެ މޫނު މަތީގައި ޖެހުމުންނެވެ. އަދި އެ ސަޕޯޓަރު ރޭ ދަނޑަށް އަރާފައި ވަނީ އީގަލްސްގެ ސަޕޯޓަރުން ތިބި ގޮނޑިބަރިއާ ދިމާލުންނެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި، ރެފްރީން މިއަދު ދަނޑަށް އައިސްފައި ނުވަނީ އެ މީހުންނަށް ލިބިދޭންޖހެާ ސަލާމަތީ ކަންކަން އެންމެ ފުރިހަމައަށް ލިބިފައި ނުވާ ކަމަށް ބުނެއެވެ.

އެފްއޭއެމް އިން ބުނީ، ހަވީރު މެޗް ފަސް ކުރީ ދެ ޓީމުގެ މެނޭޖްމަންޓާއި ވާހަކަ ދެއްކުމަށްފަހު ކަމަށެވެ. އަދި އެ މެޗު ކުޅޭނެ ތާރީހެއް ފަހުން އަންގާނޭ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު