ތައިލެންޑްގައި ދިވެއްސަކު 14 މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ.
ފޮރިން މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު ނަހްލާ އަލީ މިއަދު "ސަން" އަށް ވިދާޅުވީ ތައިލެންޑްގައި ދިވެއްސަކު ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ ދެ މައްސަލައެއް ސާބިތުވެގެންނެވެ. އެއީ ވިސާ ހަމަ ވުމަށް ފަހު ވެސް އެގަމުގައި ހުރުމުގެ ކުށް ސާބިތުވުމުންނާއި ވަގު ޑޮލަރުތަކެއް ގެންގުޅުމުގެ ކުށް ސާބިތުވެގެން ކަމަށެވެ.
ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ މީހަކީ އުމުރުން 44 އަހަރުގެ ރ. އުނގޫފާރު މީހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭނާގެ ނަމެއް ފޮރިން މިނިސްޓްރީ އަކުން ނުބުނެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ތައިލެންގައި ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ އުނގޫފާރު އަބްދުﷲ ސައީދު އެވެ.
މިދިޔަ މާޗް މަހުގެ އުފުލާފައިވާ ދައުވާއާ ގުޅިގެން އޭނާގެ މައްޗަށް ހުކުމް ކޮށްފައި ވަނީ މި މަހު އެވެ. އަދި ދިވެހި މީހާ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ ޝރީއަތުގައި އިއުތިރާފްވެފައި ކަމަށް ވެސް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.
ނަހްލާ ވިދާޅުވީ ޖަލު ހުކުމް އައިސްފައިވާ މީހާގެ އާއިލާ އަށާއި ރާއްޖޭގެ ކަމާ ގުޅޭ އިދާރާތަކަށް މިހާރު އެ މައުލޫމާތު ފޮރިން މިނިސްޓްރީން ދީފައިވާ ކަމަށެވެ.