އައްޑޫ ސިޓީގެ ހިތަދޫ ގެއެއްގެ ބޭރުގައި އޮތް ދެ ކާރުގައި ރޯކޮށްލައިފި އެވެ.
ސައުތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވީ، ރޯކޮށްލާފައި ވަނީ ހިތަދޫ ގެއެއްގެ ބޭރުގައި ހިޔާކޮށްފައި ހުރި ތަނެއްގައި ބާއްވާފައި އޮތް ދެ ކާރުގައި ކަމަށެވެ.
އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވި ނަމަވެސް ދެ ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ޝިފާން ވިދާޅުވި އެވެ.
ޝިފާން ވިދާޅުވީ ދެ ކާރުގައި ރޯކޮށްލަފައި ވަނީ ޕެޓްރޯލު ބޭނުންކޮށްގެން ކަމަށް ބެލެވޭ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.