ކުޑޯސޯ: ހޯމްވޯރކް ފުރިހަމަ ކުރުމުން އިންޓަނެޓް ލިބޭ ރައުޓަރެއް

ކޮމްޕިއުޓަރު ސްކްރީންގައި “ތަތްވެގެން”އިނދެދަރިފުޅު ބޮޑުވުމަކީ އެއްވެސް މަޔަކު އަދި ބަފަޔަކުވެސް ބޭނުންވާނޭ ކަމެއް ނޫނެވެ. ގިނައިރު އެއްތަނެއްގައި ސްކްރީންއަށް ބަލަހައްޓައިގެން އިނުމަކީ ކުއްޖާ ފަލަވުމުގެ އިތުރުން ނިދަން އުނދަގޫވެ، އެންޒަޔަޓީ އާއި ޑިޕްރެޝަން އަށް މަގުފަހިކޮށްދޭ ކަމެއް ކަމަށް ދިރާސާތައް ބުނެފައިވެއެވެ.

ތިން ކުދިންގެ ބައްޕަ އަދި “ކުޑޯސޯ” ރައުޓަރ ގެ މޭސްތެރިއާ ރޮބް އިރިޒާރީ ބުނި ގޮތުގައި ކުދިން އިންޓަނެޓަށް ވަދެ، ކޮމްޕިއުޓަރު ކައިރީގައި ގިނަ ވަގުތުތަކެއް ހޭދަކުރާ މައްސަލައިގެ ހައްލަކީ އެނާގެ ރައުޓަރ އެވެ.

ކުޑޯސޯ އަކީ އިންޓަނެޓް ރައުޓަރ އެކެވެ. އިންޓަނެޓް ލިބޭނީ މި ރައުޓަރ މެދުވެރިކޮށެވެ. ކުޑޯސޯ ބޭނުންކުރާ ގެއެއްގައި ކުދިން އިންޓަނެޓް އަށް ވަންނަން ބޭނުންވާނަމަ، އެ ކުދިން ޖެހޭނީ މަންމަ ނުވަތަ ބައްޕަ އެ ދުވަހަކަށް ކަނޑައަޅާފައިވާ ކަންތައްތަކެއް ފުރިހަމަ ކުރާށެވެ.

ކުޑޯސޯ އިންޓަފޭސްގައި ކުދިންފުރިހަމަ ކުރަންޖެހޭ ކަންތައްތައް ކަނޑައެޅުން އޮންނާނީ މައިންބަފައިންގެ އަތްމަތީގައެވެ. މީގެ ތެރޭގައި ހޯމްވޯރކް ފުރިހަމަ ކުރުން،ގުރުއާން ކިޔެވުން، ކޮޓަރި ސާފު ކުރުން، ތަށިތައް ދޮވުން ފަދަ ކަންކަން ހިމެނިދާނެއެވެ. އަދި ކުއްޖާއަށް އިންޓަނެޓް ލިބޭނީ މި ކަންކަން ފުރިހަމަ ކޮށްގެން، ކަންޑައަޅާފައިވާ މިންވަރަށް ޕޮއިންޓް ހޯދުމުންނެވެ.

މައިންބަފައިން ބޭނުން ވެބްސައިޓްތައް ބްލޮކް ކޮށްލުން ނުވަތަ ބޭނުން ގަޑީތަކެއްގައި ރައުޓަރ ބޭނުންކުރެވޭ ގޮތަށް ހެދުން ފަދަ ޕޭރަންޓަލް ކޮންޓްރޯލް ފީޗާތަކަކީ ބާޒާރުގައި މިހާރުވެސް ލިބެން ހުރި ބައެއް ރައުޓަރތަގައި ހިމެނޭ ފީޗާ ތަކެވެ. ނަމަވެސް ރޮބް އިރިޒާރީ ބުނި ގޮތުގައި ކުއްޖާއަށް ކަންކަން މަނާ ކުރުމުގެ ބަދަލުގައި ކުޑޯސޯ ބޭނުންކުރުމުން ކުއްޖާ ބޭނުންވާ ލަނޑުދަނޑިތަކެއް ކަންޑައަޅައި އެ ކަންކަން ހާސިލު ކުރަން މަސައްކަތްކުރަން ހިއްވަރުލިބެއެވެ.“ޕޮޒިޓިވް ރީއިންފޯސްމަންޓް” ގެ ގޮތުގައި ސިފަކުރާ މި އުކުޅަކީ ހެޔޮގޮތުގައި ކުދިންގެ އަހުލާގު ބައްޓަންކުރުމުގައި ފައިދާހުރި ކަމެއްކަމަށް ޑޮކްޓަރު އެއްބަސްވެއެވެ.

މަޝްހޫރު އެޑިއުކޭޝަނަލް ވެބްސައިޓް އެއް ކަމަށްވާ ހާން އެކަޑަމީ ވަނީ ކުޑޯސޯ އާ ގުޅާލެވިފައެވެ. ހާން އެކަޑަމީގެ ވެބަސައިޓްގައިވާ މައްދާތައް ކިޔާ، ފިލާވަޅުތައް ފުރިހަމަކޮށްގެންވެސް ކުއްޖާއަށް ޕޮއިންޓް ހޯދިދަނެއެވެ.

ރައުޓަރ އާ ގުޅޭ މޮބައިލް ފޯނު އެޕްލިކޭޝަންއެއްވެސް ކުޑޯސޯގައި އެކުލެވިގެންވެއެވެ. މި އެޕްލިކޭޝަން ބޭނުންކޮށްގެން އެދުވަކަށް ކަނޑައަޅަފައި މަސައްކަތްކަށް ބަދަލުގެނެސް، ކުދިންނާ ހަވާލުކުރެވިފައިވާ މަސައްކަތް ފުރިހަމަ ކުރުމުން ޕޮއިންޓް ދެވޭނެއެވެ.

މައިންބަފައިން ބޭނުންވާނަމަ ވިކިޕީޑިއާފަދަ މައުލޫމާތު ހިމެނޭ ވެބްސައިޓްތަކަށް އަބަދުވެސް ވަދެވޭ ގޮތަށް ބެހެއްޓިދާނެއެވެ. އަދި އެއްވެސް ހުރަހެއް ނެތި މަންމަ އާއި ބައްޕައަށް އިންޓަނެޓްއަށް ވަދެވޭގޮތަށް ހެދޭނެއެވެ. ކުޑޯސޯ ރައުޓާރުގެ ކޮންޓްރޯލް އޮންނާނީ މައިންބަފައިންގެ އަތްމަތީގައެވެ.

ކުޑޯސޯ ރައުޓަރ އަކީ ސްކްރީންގައި ތަތްވެގެން ތިބެ ދަރީން ބޮޑުވުމުގެ ބަދަލުގައި، ބޭރަށް ނުކުމެލާ، ހެދިބޮޑުވުމަށް ފައިދާހުރި ކަންކަމުގައި ޝާމިލުވުމަށް ހިތްވަރުދޭ ޓެކްނޮލޮޖީއެއްގެ ގޮތުގައި ޓެކްނޮލަޖީ އިންޑަސްޓްރީ ދިރާސާ ކުރާ ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު