ކުއްލިޔާގެ ޑިގްރީ އަދި ޑިޕްލޮމާ ކޯސްތަކުން 134 ދަރިވަރުން ދަސްވެނި ވެއްޖެ

މިދިޔަ އަހަރު ކުއްލިއްޔަތުއް ދިރާސާތުއް އިސްލާމިއްޔާއިން ޑިގްރީ އަދި ޑިޕްލޮމާ ކޯސްތައް ފުރިހަމަކޮށް 134 ކުދިން ދަސްވެނި ވެއްޖެއެވެ.

ދަސްވެނިވި ކުދިންނަށް ސަނަދު ހަވާލުކުރުމަށް ރޭ ކުއްލިއްޔާގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. އަދި ޑިގްރީ ކޯސްތަކުގެ ދަސްވެނީނަން ދަރަޖަ ދެއްވީ ކުއްލިޔާގެ ރެކްޓަރު އިބްރާހިމް ޒަކަރިއްޔާ މޫސާ އެވެ.

މިދިޔަ އަހަރު ކުއްލިއްޔާގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އިންނާއި ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އެންޑް ހިއުމަން ސައިންސް އިން 101 އެއް ދަރިވަރަކު ވަނީ ޑިގްރީ ކޯސް ފުރިހަމަ ކޮށްފަ އެވެ. އެދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވީ ނައިބް ރައީސް ޑރ. ޖަމީލް އެވެ.

ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ދަށުން ހިންގާ ޝަރީއަތާ ގާނޫނު އޮނާސް ޑިގްރީ ކޯހުން 38 ދަރިވަރަކު ދަސްވެނިވެފައިވާއިރު ޝަރީއަތާ އިސްލާމިއްޔާ ޑިގްރީ ކޯހުން 15 ދަރިވަރަކު ވަނީ ދަސްވެނިވެފަ އެވެ.

ކުއްލިޔާގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އެންޑް ހިއުމަން ސައިންސްގެ ދަށުން ހިންގާ ގުރުއާން މުދައްރިސް އޮނާސް ޑިގްރީ ކޯހުން އަށް ދަރިވަރަކާއި އިސްލާމް މުދައްރިސް އޮނާސް ޑިގްރީ ކޯހުން 16 ދަރިވަރަކާއި ދިރާސާތު އިސްލާމިއްޔާ އޮނާސް ޑިގްރީ ކޯހުން 24 ދަރިވަރަކު ވަނީ ދަސްވެނިވެފަ އެވެ.

ކުއްލިއްޔާގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އިންނާއި ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އެންޑް ހިއުމަން ސައިންސްގެ އިތުރުން ލޭންގުއޭޓް ސެންޓަރުން ޖުމްލަ 32 ދަރިވަރަކު ވަނީ ޑިޕްލޮމާ ކޯސްތައް ފުރިހަމަކޮށް ދަސްވެނިވެފަ އެވެ. އެ ދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އެވެ.

ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ދަށުން ހިންގާ ޝަރީއަތާއި ގާނޫނު ޑިޕްލޮމާ ކޯހުން 22 ދަރިވަރަކާއި، ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އެންޑް ހިއުމަން ސައިންސްގެ ދަށުން ހިންގާ އިސްލާމް މުދައްރިސް ޑިޕްލޮމާ ކޯހުން ތިން ދަރިވަރަކާއި ގުރުއާން މުދައްރިސް ޑިޕްލޮމާ ކޯހުން ދެ ދަރިވަރަކު ވަނީ ދަސްވެނިވެފަ އެވެ.

ކުއްލިއްޔާގެ ލޭންގުއޭޖް ސެންޓަރުން ހިންގާ އަރަބި ބަހުގެ ޑިޕްލޮމާ ކޯހުން ފަސް ދަރިވަރަކު ވަނީ ދަސްވެނިވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު