އެސްޓީއޯ އަށް މިދިޔަ މަހު ރެކޯޑް މިންވަރަކަށް ފައިދާ ވެއްޖެ އެވެ.
އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އެ ކުންފުންޏަށް ޖުމުލަ 49 މިލިއަން ރުފިޔާ، މާޗު މަހު ފައިދާގެ ގޮތުގައި ލިބިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެހާ ބޮޑު ފައިދާއެއް އެސްޓީއޯ ތާރީހުގައި ވެސް މަހެއްގެ މައްޗަށް ލިބުނު ފުރަތަމަ ފަހަރަކީ މިދިޔަ މަސް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ފައިދާ އެސްޓީއޯ އިން ހާސިލު ކުރީ އެ ކުންފުނިން ވިއްކާ މުދަލުން އެންމެ ލާރިއެއް ވެސް އަގު ބޮޑުނުކޮށް ކަމަށެވެ. އަދި ބައެއް މުދަލުގެ އަގުތައް ހެޔޮ ކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ކޮންސްޓްރަކްޝަން ދާއިރާ އިން 60 ޕަސެންޓް އަގު ހެޔޮކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފައިދާ 49 މިލިޔަން ރުފިޔާ އަށް އަރުވާފައި މިވަނީ އެންމެ ސެންޓެއް ވެސް ރައްޔިތުންނަށް ވިއްކާ މުދަލުގެ އަގުބޮޑު ނުކޮށް. އަޅުގަނޑުމެން މަސައްކަތްކޮށްފައި ވަނީ އަޅުގަނޑުމެންގެ މެނޭޖްމެންޓް ޓީމްގެ އެފިޝަންސީ އިތުރުކޮށްގެން،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ އެ ކުންފުނިން އެހާ ބޮޑު ފައިދާއެއް ހޯދުމުގެ އަސްލަކީ "ހަރަދު ކުޑަކުރުން" ކަމަށެވެ.