ޖޭޕީ ކައުންސިލް ބައެއް މެންބަރުން އެމްޑީޕީ އަށް ސޮއިކުރައްވައިފި

ޖުމްހޫރީ ޕާޓީން ޕީޕީއެމްއާ އެކު ކޯލިޝަން ހެދުމަށް ނިންމުމާ ދެކޮޅު ހެއްދެވި އެ ޕާޓީގެ ބައެއް ކައުންސިލް މެންބަރުން އެ ޕާޓީން ވަކިވެ، އެމްޑީޕީ އަށް ސޮއިކުރައްވައިފި އެވެ.

މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އެ ޕާޓީ އަށް ސޮއި ކުރެއްވީ ޖޭޕީގެ ރައީސް ޑރ. އިބްރާހީމް ދީދީ އާއި ޖޭޕީގެ ކައުންސިލް މެންބަރުން ކަމަށްވާ، ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދާއި މޫސާ ރަމީޒާއި އަހުމަދު ހަމީދު (ފްލައި) އެވެ.

އެމްޑީޕީ އަށް ސޮއި ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ އޭނާ އަލުން އަނބުރާ އެމްޑީޕީ އަށް ސޮއިކުރެއްވީ ރާއްޖޭގައި ޑިމޮކްރަސީ ދެމެހެއްޓުމަށް ޓަކައި ކަމަށެވެ.

ޑރ. ޑީޑީ ވިދާޅުވީ ގާސިމް އިބްރާހިމް ތާއީދު ކުރައްވަނީ އެމްޑީޕީ އަށް ކަމަށާއި އެމަނިކުފާނު މިވަގުތު ހުންނެވީ "މަޖުބޫރީ ހާލަތެއްގައި" ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނަށް މަޖްބޫރުވެފައި ވަނީ ކީއްވެގެން ކަމެއް ޑީޑީ ވިދާޅެއް ނުވެ އެވެ.

މިއަދުގެ ބައްދަލުވުމުގައި މުހައްމަދު ނަޝީދުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ވެސް އެމްޑީޕީ އަށް ސޮއި ކުރެއްވި އެވެ. މަޖީދު ވިދާޅުވީ އެމްޑީޕީ އާ ގުޅުނީ އެމްޑީޕީގެ ދީނީ ސިޔާސަތު ބެއްލެވުމަށް ފަހު ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީ ސަރުކާރެއްގައި އިސްލާމް ދީނަށް ވަރަށް ބޮޑުކުރިއެރުންތަކެއް ލިބގެންދާނެ ކަމުގެ އުންމީދު ލިބިފައިވާ ކަމަށާއި ނަޝީދުގެ ވާހަކަފުޅުތަކުން އެމިކުފާނު އެކަން ސާބިތު ކުރައްވާފައިވާ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެބޭފުޅުން އެމްޑީޕީ އަށް ސޮއި ކުރެއްވުމަކީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކުރަން ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު