"ރަނގަޅު އެއްޗެއް ޖީބަށް ނާންނަ ގޮތަކަށް ވިޔަފާރީގެ މުއާމަލާތް ހިންގާކަށް ނުވާނެ،"

ރަނގަޅު އެއްޗެއް ޖީބަށް ނުވަންނަ ގޮތަކަށް ވިޔަފާރީގެ މުއާމަލާތް ހިންގައިގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ޖީއެމްއާރާ ހަވާލުކުރީ ދައުލަތަށް ރަނގަޅު ފައިދާއެއް ހޯދައިދިނުމުގެ މަގްސަދުގައި ކަމަށެވެ.

"އެއާޕޯޓުން ވެސް ދައުލަތަށް ވަރަށް ރަނގަޅު އެއްޗެއް ލިބެން ޖެހޭނެ. ރަނގަޅު އެއްޗެއް ޖީބަށް ނާންނަ ގޮތަކަށް ވިޔަފާރީގެ މުއާމަލާތު ހިންގާކަށް ނުވާނެ،" އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެއާޕޯޓް ހިންގަން ބޭރުގެ ފަރާތަކަށް ހާވާލު ކުރީ ކުއްޔަށް ކަމަށާއި އެ މީހުން އަމިއްލަ އަށް އިންވެސްޓްކޮށްގެން އެއާޕޯޓް ތަރައްގީ ކުރާ ގޮތަށް ކަމަށެވެ. އަދި 25 އަހަރުވުމުން އަމިއްލައަށް އެއާޕޯޓް ދިވެހިންގެ އަތް މައްޗަށް އަންނަ ގޮތަށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެއާޕޯޓް ހިންގަން ބޭރުގެ ފަރާތަކަށް ހަވާލުކުރީ ކުއްޔަށް އެބޭފުޅުން އިންވެސްޓް ކުރާ ގޮތަށް އެތަން ތަރައްގީ ކުރާ ގޮތަށް. އަދި 25 އަހަރު ފަހުން ދިވެހިރާއްޖެ އަށް އެބޭފުޅުން ދޫކޮށްލަން ޖެހޭ ގޮތަށް. ކޮންމެހެން ސަރުކާރުން ނަގަން ޖެހޭ ގޮތަކަށް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެއާޕޯޓް ބޭރުގެ ބަޔަކަށް ކުއްޔަށް ދިނުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ގައުމުގެ އިސްތިގުލާލަށް އަދި މިނިވަންކަމުގެ އިތުރުން އެހެން ބޭރުގެ ގައުމަކަށް ވެސް ބެހެވޭ ކަމެއް ވެސް ނޫން ކަމަށެވެ.

ހަމައެއާ އެކު ނަޝީދު ވިދާޅުވީ ޖީއެމްއާރަކީ ހަމައެކަނި އިންޑިޔާގެ ކުންފުންޏެއް ނޫން ކަމަށާއި އެއީ މެލޭޝިއާ ކުންފުންޏަކާ އެކު އުފައްދާފައިވާ މަލްޓި ނޭޝަނަލް ކުންފުންޏެއް ކަމަށެވެ. އަދި ދުނިޔޭގެ ދިހަ ރަށެއްގައި އެ ކުންފުނިން އެއާޕޯޓް ހިންގާ ކަމަށާއި އެ ކުންފުނީގެ ހިއްސާދާރުންނާއި މުވައްޒަފުންނަކީ ވެސް ވަކި ގައުމެއްގެ ބަޔެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

މިރޭގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ގާސިމް ބަންދުކުރަން ޖެހުމަކީ އެމަނިކުފާނު ވަރަށް ހިތާމަކުރެއްވި ކަމެއް ކަމަށެވެ. އަދި މީހަކު ހިފައި ހައްޔަރުކުރުމަކީ ކޮންމެ ފަހަރަކު ގައުމުގެ ވެރިއަކަށް ހުންނަ މީހާ ކުރާ ކަމެއް ނޫން ކަން ގާސިމަށް އެނގިވަޑައިގަންނަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި އެމަނިކުފާނު އަރިހުން އެކަމަށް މައާފަށް އެދޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު އެކަމަށް ގާސިމް އަރިހުން ނިހާޔަތަށް މައާފަށް އެދެން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތާއި އިސްލާމް ދީނާއި ދުރުކަމަށް ބަޔަކު ބުނަމުންދާ ކަމަށެވެ. އެހެންނަމަވެސް އިސްލާމީ ޝަރީއާ އަށް އަމަލުކުރަން އެ މަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށާއި އިސްލާމީ އަގީދާ ހަރުދާނާ ކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތިބީ އިސްލާމީ ޝަރީއާއަށް އަމަލު ކުރަން އަބަދު ވެސް ތައްޔާރަށް. މުސްލިމުންގެ އަގީދާ ވަރުގަދަ ކުރަން އަޅުގަނޑަށް ކުރެވުން ހުރި ހުރިހާ ކަމެއް ކުރާނަން." ނަޝީދު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު