އެމްޑީޕީ މޮޅު ނުވެއްޖެ ނަމަ ދުސްތޫރީ ހުކޫމަތް ނެތިގެންދާނެ: ނަޝީދު

މާދަމާ ބާއްވާ އިންތިޚާބު އެމްޑީޕީން ކާމިޔާބު ނުކޮށްފި ނަމަ ނޮވެމްބަރު 11ގެ ފަހުގައި އަނެއްކާ ވެސް ދިވެހިންގެ ދުސްތޫރީ ހުކޫމަތް ނެތި، ގާނުނީ ބާރާއި ސައްޚަ ވެރިކަން ވެސް ނެތިގެންދާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގައި އަބަދުވެސް ގާނޫނު އަސާސީ ދެމެހެއްޓުމުގެ ބާރު އޮންނަނީ ރައްޔިތުންގެ އަތްމަތީގައި ކަމަށާއި މާދަމާ އަކީ އެބަރާ އެކު ގޮސް ރާއްޖެ ސަލާމަތް ކުރަން ލިބޭ ދުވަސް ކަމަށެވެ.

"އަޅުގަނޑުމެންނަށް ހޮނިހިރުދުވަހުގެ އިންތިހާބު ކާމިޔާބު ކުރަން ޖެހޭ އެންމެ މުހިންމު ސަބަބަކީ ނޮވެމްބަރު 11 ފަހުގައި ދިވެހިރާއްޖޭގެ ދުސްތޫރީ ހުކޫމަތް އަނެއްކާ ވެސް ގެއްލި ދާނެ. އަޅުގަނޑުމެންގެ ރާއްޖޭގައި ގާނޫނު އަސާސީގެ ބާރާއި ސައްހަވެރިކަން ހަމައެކީގައި ނެތިދާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓުލުމަށް ރައްޔިތުންނަށް ލިބިފައިވާ ހައްގު ނިގުޅައިގަތުމަށް ބަޔަކު ކުރަމުންދިޔަ މަސައްކަތަށް މިހާރު ވަނީ ނިމުމެއް އައިސްފައި ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުން ވޯޓުލާން ތައްޔާރަށް ތިބި އިރު ބަޔަކު އެކަމަށް ހުރަސް އަޅަމުން އަންނަ ކަމަށާއި އެފަދަ ފަރާތްތަކުން ރާވާ ކޮންމެ ރޭވުމެއް ވަނީ "މާ ފައްޗަށް" ކަށް ކަމަށެވެ.

އެމަނިކުފާނާ އެކު ވާދަކުރައްވާ އަނެއް ދެ ކެންޑިޑޭޓުންނަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ އެ ބޭފުޅުންގެ ފަރާތުން ވޯޓާސް ލިސްޓުގައި ސޮއިކުރެއްވީ އެއްވެސް ގޮތެއް ނެތިގެން ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު