މިފަހަރު 125،000 ވޯޓު ހޯދާނަން: މޫސަ

އަންނަ ހޮނިހިރު ދުވަހު އަލުން ބާއްވާ ރިޔާސީ އިންތިހާބުގައި 125،000 ވޯޓު އެމްޑީޕީ އަށް "ނަގާނެ" ކަމަށް އެ ޕާޓީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި ރޭ ބޭއްވި އެމްޑީޕީގެ ކަންމަތީ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި އެމްޑީޕީ އަށް 10،000 ވޯޓު ޕީޕީއެމް އިން ވެސް ހޯދާނެ ކަމަށެވެ.

ސުޕްރީމް ކޯޓުން ބާތިލް ކުރި އިންތިހާބު ނުވަތަ ސެޕްޓެންބަރު 7ގައި ބޭއްވި އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ ވޯޓުލީ މީހުންގެ 45.5 ޕަސެންޓް ވޯޓެވެ.

މޫސަ ރޭ ވިދާޅުވި ގޮތުން ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ކުރިން ނަޝީދަށް ލިބިވަޑައިގެންނެވި ވޯޓަށް ވުރެ އިތުރަށް 10،000 ވޯޓު ލިބިވަޑައިގެންފި ނަމަ 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ނަޝީދަށް ލިބި އިންތިހާބު ކާމިޔާބުކުރެވިދާނެ އެވެ.

ރައީސް ނަޝީދާ އެކު ހުޅުމާލޭގައި ރޭ ބޭއްވި ބައްދަލުވުމުގައި މޫސަ ވަނީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ. މޫސާ ވިދާޅުވީ ރައީސް ވަހީދު ވެރިކަމަށް ގެނައީ "ބަޔަކު މީހުން ކެލާގާނާ އުސޫލުން" ކަމަށާއި "އެއީ ބޭނުންވީމާ ގާނާލައިފައި އެއްލާލާ ގޮތަށް، ފެއްކައްކާ ބޮލީގެ އިއްޒަތުގައި" ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް ވަހީދު ޖަލަށް ދާން ޖެހޭނެ ކަމަށާއި އެމަނިކުފާނު ޖަލަށް ގެންދާނީ އިއްޒަތުގައި ކަމަށެވެ.

"ޖަލަށް ދާން ޖެހޭނެ ވަހީދު ވެސް. އެކަމަކު އަޅުގަނޑުމެން ވަހީދު ޖަލަށް ގެންދާނީ އިއްޒަތާއި އަބުރާއި ގަދާރާ އެކީގައި. ހުންނާނެ ދޫނިދޫގައި ވެރިން ބަހައްޓާ ގަނޑުވަރެއް،" މޫސަ ވިދާޅުވި އެވެ. "ވައްކަން ކުރަން ވަންނަ މީހާއަށް ވުރެ ބޮޑަށް، ވައްކަމަށް ފަހިކޮށްދޭ މީހާގެ ހުކުމް ބޮޑުކޮށް އޮންނަން ޖެހޭނީ. އެހެން ނޫނިއްޔާ މިހަކެއް ރަނގަޅެއް ނުވާނެ... ދެން ފިލާނެ ގޮތެއް [ވަހީދަކަށް] ވެސް ނެތް،"

މޫސަ ވިދާޅުވީ އިނގިރޭސި ސަރުކާރަށް ދިވެހިން ކުރާ ކަންކަމާ ނުބެހެވޭނެ ކަމަށް ބަޔަކު ބުނަމުންދިޔަ ކަމުގައިވިޔަސް އިނގިރޭސިންނާ ގުޅުން ބަދަހި ނުކޮށް ރާއްޖެއަށް ތެލެއް ނުލިބޭނެ ކަމަށާއި ޓޫރިސްޓުން ނާންނާނެ ކަމަށެވެ. އިނގިރޭސި ސަރުކާރުންނާއި އެމެރިކާއިން ބުނީމަ ޖެހޭނީ ބޯލަބަން ކަމަށް އޭނާ ވިދާޅުވި އެވެ.

"އިނގިރޭސި ސަރުކާރުން ބުނީމަ ޖެހޭނީ ބޯލަބަން. އެމެރިކާ މީހުން ބުނީމަ ޖެހޭނީ ބޯލަބަން،" މޫސަ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު