ގާސިމަށް 25،000 ވޯޓު ނުލިބޭނެކަން ކަށަވަރު: ރައީސް ނަޝީދު

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް 25،000 ވޯޓު ވެސް ނުލިބޭނެ ކަމަށާއި އެމްޑީޕީ އަށް އެ ދުވަހު 125،000 ވޯޓު ލިބޭނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ވިލިމާލޭގައި ރޭ ބޭއްވި ކަންމަތީ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނާ އެއް ރޭހެއްގައި ވާދަ ކުރައްވަން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިނާއި ގާސިމަށް ނުކެރޭނެ ކަމަށެވެ. އިންތިހާބު ބާއްވަން ހުއްޖަތުތަށް ދައްކަވާކަމީ އެކަމުގެ ހެއްކެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ގާސިމަކަސް އަދި ޔާމިން އަކަށް ނުކެރޭނެ އަޅުގަނޑާ އެއް ރޭހެއްގައި ވާދަ ކުރައްވާކަށް. އެބޭފުޅޫންނަކަށް ކެރިވަޑައެއް ނުގަންނަވާނެ އަޅުގަނޑާއި ވާދަކުރައްވާކަށް. އެބޭފުޅުންނަށް އަޅުގަނޑުގެ ހަގީގަތް މާ ބޮޑަށް ސާފުވާނެ،" އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ހޮނިހިރުދުވަހު ބާއްވާ އިންތިހާބުގައި އަބްދުﷲ ޔާމިން އާއި ގާސިމް އިބްރާހިމް ބަލިކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަށް ލިބިލައްވާނީ ކުރިން ލިބުނު ވަރު ވެސް ދެން ނުލިބޭނެ ކަމަށެވެ.

"އަޅުގަނޑަށް ޔަގީން ކަށަވަރު ކުރިއަށް މިއޮތް އިންތިހާބުގައި ގާސިމް އިބްރާހީމަކަށް ދެނެއް 25،000 ވޯޓު ވެސް ނުލިބޭނެ. އަޅުގަނޑުމެން އެއާހިލާފަށް ޔަގީންކޮށް އަރުވަން 125،000 ވޯޓު ނޮވެމްބަރު ނުވަ ވަނަ ދުވަހު އެމްޑީޕީ ނަގާނެ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންތިހާބަށް ފުލުހުން ކޮންމެހެން އެއްބާރުލުން ދޭނެ ކަމެއް ނެތް ކަމަށާއި ފުލުހުންގެ އެއްބާރުލުން ނުދީ ވެސް އިންތިހާބު ބޭއްވޭނެ ކަމަށެވެ. އިންތިހާބު ބާއްވަން ރަށު ކައުންސިލް ތަކާށާއި ސިޓީ ކައުންސިލް ތަކަށް އެހީވެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ފުލުހުން މި އިންތިހާބު ބޭއްވުމަށް އެއްބާރުލުން ކޮންމެހެން ދޭނެ ކަމައް ނެތް. އެއެއްބާރުލުމެއް ނެތަސް މި އިންތިހާބު ބޭއްވޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގައި ތިބި މެމްބަރުނާއި މުވައްޒަފުންނަށް ވެސް އިންތިހާބުގެ ބޭއްވުމުގައި އިލެކްޝަންސް ކޮމިޝަނަށް އެއްބާރުލުން ދެވޭނެ ކަމަށެވެ. އިންތިހާބުގެ ސެކިއިރިޓީ ބަލަހައްޓަން ޖެހިއްޖެނަމަ އެކަން ވެސް މާލެ ސިޓީ ކައުންސިލަށް ވާނެ ކަމަށެވެ.

"މާލެ ސިޓީ ކައުންސިލްގައި އެބަހުރި މެމްބަރުން ވެސް މުވައްޒަފުން ވެސް އަދި ހިތްވަރު ވެސް. މި އިންތިހާބު އިލެކްޝަނަސް ކޮމިޝަނަށް ހިންގާދިނުމުގައި ހުރިހާ އެހިތެރި ކަމެއް ފޯރުކޮށްދޭނެ. އެއީ ވޯޓު ފޮށިތަށް ދިފާއުކުރުން ކަމުގައި ވަނީ ނަމަ އެކަން ވެސް މާލެ ސިޓީ ކައުންސިލްއަށް ކޮށްދެވޭނެ،" ނަޝީދު ވިދާޅުވި އެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު ބާއްވަން އުޅުނު އިންތިހާބަށް ފުލުހަކު ހުރަސްއަޅައި ހުއްޓުވި މައްސަލައަށް އިޝާރާތްކޮށް ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބަށް ފުލުހުންގެ އެއްބާރުލުން ނުލިބުނީ ކާކުގެ ސަބަބުންކަން މިހާރު އެނގިއްޖެ ކަމަށާއި ދެން އިންތިހާބު ބޭއްވުމަށް ފުލުހުންގެ ފާރަތުން އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ފުލުހުންނަކީ ހުރިހާ ކަމެއް ކުރާ މުއައްސަސާއަކަށްވާން ނުޖެހޭ ކަމަށެވެ. އިންތިހާބުގެ ކަންކަން ނުބަލައި ގައުމުގައި ހުރި އެހެން މައްސަލަތަށް ހައްލު ހޯދުން މާ މުހިންމު ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ރާއްޖޭގައި ފުލުހުންނަކީ ހުރިހާ ކަމެއް ކުރާ މުއައްސަސާއެއްގެ ގޮތުގައި ތިއްބަވާކަށް ނުގަންނަވާ ފުލުހުންނަކަށް. އެބޭފުޅުންގެ މައިގަނޑު މަސައްކަތްތަށް ކުރެއްވެވީމަ ރަނގަޅުވާނެ،" ނަޝީދު ވިދާޅުވި އެވެ.

ރޭގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ޖުމްހޫރީ ޕާޓީ އަދި ޕީޕީއެމް އިން ސޮއި ނުކުރިޔަސް އިންތާހާބު ބޭއްވޭނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު