އިންތިހާބު އަވަސް ކުރުމަށް ސަރުކާރުގެ ފަރާތުން ދެވެން އޮތް އެހީތެރިކަން ދިނުމުގެ ގޮތުން ސަރުކާރުގެ ފަރާތުން އިލެކްޝަން ކޮމިޝަނާ މިއަދު މަޝްވަރާކޮށްފި އެވެ.
އެ މަޝްވަރާ އަށް ފަހު އިލެކްޝަންސް ކޮމިޝަނުން ނުކުމެވަޑައިގަތުމުން "ސަން" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ނައިބު ރައީސް މުހައްމަދު ވަހީދުއްދީން ވިދާޅުވީ ނޮވެމްބަރު 11ގެ ކުރިން ވެރިޔަކު ކަނޑަނޭޅިއްޖެ ނަމަ ގާނޫނީ ސުވާލުތަކަކަށް ދާތީ ސަރުކާރަށް އިލެކްޝަންސް ކޮމިޝަނަށް ކޮށްދެވޭނީ ކޮންކޮން ކަންތަކެއްތޯއާ މެދު މަޝްވަރާކޮށްފައިވާނެ ކަމަށެވެ.
"އަޅުގަނޑު މިއަދު މަޝްވަރާކޮށްލަން މިއައީ ސަރުކާރަށް އިލެކްޝަންސް ކޮމިޝަނަށް ކޮށްދެވޭނީ ކޮންކަމެއްތޯ، އެއީ ސަރުކާރުގެ ބައެއް މުއައްސަސާތައް ހުސްކޮށް އެތަންތަން އެބޭފުޅުންނަށް ދީގެން ނަމަވެސް އިމާރާތުގެ ދަތިކަން އުޅެންޏާ ދީގެން އިތުރު ބޭފުޅުން ބޭނުންފުޅު ވަންޔާ އެކަމާ މަޝްވަރާކުރުމަށް،" ނައިބު ރައީސް ސަން އަށް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ވަރަށް އަވަހަށް އެ ކޮމިޝަނަށް ބޭނުންވާ ކަންކަން ސަރުކާރަށް ހުށައަޅާނެ ކަމަށެވެ. އަދި މިއަދުގެ މަޝްވަރާގައި އެ ކޮމިޝަން ވަރަށް "ޕޮޒިޓިވް" ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ އަންނަ މަހު ދެ ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ދަތިތަކެއް އެބަ ހުރި ކަމަށާއި ނަމަވެސް ފަހެއް ހިސާބުގައި އިންތިހާބު ބޭއްވޭނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލައްވައިގެން އުޅުއްވާ ތިން ކެންޑިޑޭޓުން ވެސް އިލެކްޝަންސް ކޮމިޝަނާ އިއްޔެ ވަނީ މަޝްވަރާކޮށްފަ އެވެ. އެ ތިން ބޭފުޅުން ވެސް އެ ކޮމިޝަނަށް ހުށައަޅާފައި ވަނީ އަންނަ ހޮނިހިރު ދުވަހު އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ހޮނިހިރު ދުވަހު އިންތިހާބެއް ނުބޭއްވޭނެ ކަމަށެވެ.