މިމަހު 19ގެ ކުރިން ކަންކަން އިސްލާހުކޮށް އިންތިޚާބެއް ނުބޭއްވޭނެ: ޕީޕީއެމް

ރިޔާސީ އިންތިޚާބުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި ރަނގަޅުކުރުމަށް ސުޕްރީމް ކޯޓުން އަންގާފައިވާ ކަންތައްތައް މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ރަނގަޅު ކުރެވިދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމްގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެޕާޓީގެ ނާއިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިންތިޚާބު ބާތިލްކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމާ އެކު ދީފައިވާ ގައިޑުލައިންތަކުގައި 16 ނުކުތާއެއް ފާހަގަކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިމަހުގެ 19 ގެ ކުރިން ސުޕްރީމް ކޯޓުގެ ހުކުމްގައި ހިމަނާފައިވާ ގައިޑުލައިންތައް ފުރިހަމަކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެ ގައިޑުލައިންތައް ފުރިހަމަނުކޮށް އިންތިޚާބު ބޭއްވުމަށް ޕީޕީއެމުން ގަބޫލުނުވާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންގޮތެއް ނޫން އަވަސް އަރުވާލާފަ އިންތިހާބް ބޭއްވުމަކީ. ސުޕުރީމް ކޯޓުން ބުނެފައިވާ 16 ނުކުތާ ފުރިހަމަކޮށްފަ އިންތިހާބެއް ބޭއްވެންޖެހޭނީ. ދެން އަޅުގަނޑު ގަބޫލެއް ނުކުރަން އެ 16 ނުކުތާ 19 ގެ ކުރިން ފުރިހަމަ ކުރެވޭނެ ކަމަކަށް،" އަބުދުއްރަހީމް ވިދާޅުވިއެވެ.

ނޮވެމްބަރު 11 ވަނަ ދުވަހާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު އިންތިޚާބު ނުކުރެވުނަސް ގާނޫނީ ހުސްކަމެއް ނާންނާނެ ކަމަށް އިންތިޚާބު އަލުން ބޭއްވުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައިވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގައި މިހާރު ތިއްބެވި ހަތަރު މެމްބަރުންނާއެކު އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ ކަމަށް އެޕާޓީން ގަބޫލުނުކުރާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރުމަށް ޕީޕީއެމާއި އެމްޑީއޭ ކޯލިޝަނުން ތިބީ ތައްޔާރަށް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން އެމްޑީއޭގެ ނާއިބް ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ވިދާޅުވީ އިލެކްޝަނސް ކޮމިޝަނުން ކަންކަން ނިންމުމުގައި ދައުލަތުގެ ބަންޑާރަ ނާއިބްގެ ލަފާ ހޯދަމުން ނުދާކަމަށެވެ.

އޭނާ ވިދާޅުވީ އިންތިޚާބު ބާތިލްކޮށް އަލުން ވޯޓުލުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމުން އިލެކްޝަންސް ކޮމިޝަނުން ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާކަން ހާމަވެއްޖެ ކަމަށާއި އެހެންކަމުން އެ ކޮމިޝަންގެ ހަތަރު މެމްބަރުން މިހާރުން މިހާރަށް އިސްތިއުފާދޭން ޖެހޭކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު