އިސްލާމްދީނާ ބެހޭ ގޮތުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާ ވީޑީއޯއަކަށް އާއްމުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
ރައީސް ނަޝީދު ދާދިފަހުން ޑެންމާކަށް ކުރެއްވި ދަތުރުފުޅެއްގައި ކުރި ސުވާލާއި ޖަވާބު ސެޝަނެއްގެ ތެރެއިން ބޭރު މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވާހަކަ ދައްކަވާފައިވާ ގޮތުގެ ސަބަބުން ކީރިތި ރަސޫލާއާއި އިސްލާމްދީނަށް ފުރައްސާރަ ކުރެވިފައިވާ ކަމަށް ބުނެ، ގިނަ އާއްމުންތަކެއް ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
ސޯޝަލް މީޑިއާގައި ޝެއާކޮށްފައިވާ މިވީޑިއޯގައި ބޭރު މީހަކު ރައީސް ނަޝީދާ ކުރައްވާ ސުވާލަކީ ސަގާފީ އިސްލާމްދީނާއި "ޕްރޮގްރެސިވް" އިސްލާމްދީނާ ދެމެދު ހިނގަމުންދާ އަރާރުންވުމުގެ ތެރެއިން ސަގާފީ އިސްލާމް ފެތުރެމުންދާތީވެ އެކަމުގެ ހަގީގަތް ހުޅަނގުގެ އާއްމުންނާ ހިއްސާކޮށްދެއްވުމަށެވެ.
އެ ސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ މެދު އިރުމައްޗާއި ދެކުނު އޭޝިޔާގައި ފެތުރެމުންދާ ވައްހާބިޒަމްއާއި ހަރުކަށި އިސްލާމީ ފިކުރަކީ ހަގީގީ އިސްލާމްދީނެއް ނޫން ކަމަށާއި އެއީ ހިޖާޒުން ނުވަތަ ސައުދީ އަރަބިއްޔާ އިން އައިސްފައިވާ ފިކުރެއް ކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވަނީ ހަރުކަށި ފިކުރު ފެތުރެން ފަސޭހަވެފައި ވަނީ އިސްލާމްދީނުގައި އޮންނަ "އަނެއް ގޮތް" ނުވަތަ "އޮލްޓަނޭޓިވް ނެރޭޓިވް" ކިޔައި ނުދެވުމުގެ ސަބަބުން ކަމަށެވެ.
"ހަރުކަށި ފިކުރުގެ މީހުން ވެއްޖިއްޔާ ކޮންމެ ސުވާލަކަށް އެމީހުންގެ ޖަވާބެއް އެބަ އޮތް. ދަންވަރު ގުޅާފައި "ޝޭހުއޭ. މިއުޅެނީ ނުނިދިގެންނޭ" ބުނެފި ނަމަ، ޝޭހު ދޭނެ ރަސޫލާގެ ހަދީސްއެއް ނުވަތަ ވަހީ ބަސްފުޅެއް ދަންވަރު ނިދުމުގައި ކަންކުރުމާ ބެހޭ ގޮތުން. އަޅުގަނޑުމެންގެ ނެތް މިކަހަލަ ހެލްޕްލައިނެއް. އަޅުގަނޑުމެންގެ އަތުގައެއް ނެތް "އެހެން ގޮތެއް". އެހެން ގޮތެއް ހޯދުމަކީ ވަރަށް މުހިއްމު ކަމެއް،" ރައީސް ނަޝީދު ވީޑިއޯގައި ވިދާޅުވެ އެވެ.
މިވީޑިއޯ ފޭސްބުކުގައި އެތައް ސަތޭކަ ފަހަރަކު ޝެއާކޮށްފައިވާ އިރު، ގިނަ އަދަދެއްގެ އާއްމުން ވަނީ ކޮމެންޓުގެ ޒަރިއްޔާ އިން ވީޑިއޯގައި ނަޝީދު ދައްކަވާފައިވާ ވާހަކަފުޅަށް ފާޑުކިޔާފަ އެވެ.
މިގޮތުން ހަދީސްއާއި ވަހީ ބަސްފުޅުގެ ބަދަލުގައި އެހެން ގޮތެއް ހޯދަން ޖެހިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުމަކީ ރަސޫލާ އަށް ފުރައްސާރަކުރުމުގެ ބަސްތަކެއް ކަމަށް ކޮމެންޓުތަކުގައި ބުނެފައިވެ އެވެ.
އަދި ހަރުކަށި ފިކުރުގެ ވިސްނުން އަންނަނީ ސައުދީއާއި ހިޖާޒުން ކަމަށް ނަޝީދު ވިދާޅުވެފައިވާ އިރު، އިސްލާމްދީނަކީ މިހާރުގެ ސައުދީ އަރަބިއްޔާ އަށް ނުވަތަ ހިޖާޒުގައި ބާއްވާލެއްވި ދީނެއް ކަމަށް ބުނެވެސް ގިނަ ބަޔަކު ވީޑިއޯގައި ދައްކަވާފައިވާ ވާހަކަތަކަށް ފާޑުކިޔާފައިވެ އެވެ.
ވީޑިއޯގައި ނަޝީދު ދެއްކެވި ވާހަކަތަކާ ދެކޮޅަށް ގިނަ ބަޔަކު ކޮމެންޓުކޮށްފައިވާ އިރު، ބައެއް ފަރާތްތަކުން އެވީޑިއޯގައި ނަޝީދު ދައްކާފައި ވަނީ ރަނގަޅު ވާހަކަތަކެއް ކަމަށް ބުނެ ވެސް ކޮމެންޓުކޮށްފައިވެ އެވެ.