އެމްޑީއޭގެ ލީޑަރަކަށް ސިޔާމް، ނައިބު ލީޑަރުންނަށް ތިން ބޭފުޅަކު ހޮވައިފި

ރާއްޖޭގައި 16 ވަނަ އަށް އުފެއްދި ސިޔާސީ ޕާޓީ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ އިންތިގާލީ ލީޑަރަކަށް ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު އިންތިހާބުކޮށް، އެ ޕާޓީއަށް ތިން ނައިބު ލީޑަރުން މިރޭ ހޮއްވަވައިފި އެވެ.

އެމްޑީއޭ އުފެއްދުމަށް ޓްރޭޑާސް ހޮޓަލުގައި މިރޭ ބޭއްވި ޖަލްސާ އަށް އެ ޕާޓީގެ 362 މެންބަރުން ހާޒިރުވި ކަމަށް އިލެކްޝަންސްގެ އޮފިޝަލުން ވަނީ ފާހަގަ ކުރައްވައިފަ އެވެ. ޖަލްސާ އަށް ހާޒިރުވި މީހުންގެ ރަޖިސްޓްރީ އެމްޑީއޭ އިން އިލެކްޝަންސްގެ އޮފިޝަލުންނަށް ހުށަހެޅުމުން ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައި ބުނާ އަދަދަށް މެންބަރުން ހަމަވުމުން ޖަލްސާ ފެށުމުގެ ހުއްދަ އިލެކްޝަނުން ދިނެ އެވެ.

ސިޔާސީ ޕާޓީތަކާ ބެހޭ ގަވާއިދުގެ (8) މާއްދާގެ (ށ) ގައި ބުނެފައި ވަނީ އެ ޕާޓީއެއްގައި ހިމެނޭ 3000 މީހުންގެ ތެރެއިން މަދުވެގެން 300 މީހުން ސިޔާސީ ޕާޓީ އުފައްދާ ޖަލްސާގައި ބައިވެރިވާންވާނެ ކަމަށެވެ. އަދި އެ މީހުންގެ ނަމާއި އެޑްރެހާއި އައިޑެންޓިޓީ ކާޑު ނަންބަރާއި ސޮއި އޮތް ލިސްޓެއް ބައްދަލުވުމުގެ ޔައުމިއްޔާގައި ހިމަނަންވާނެ ކަމަށެވެ.

އެމްޑީއޭ އުފެއްދުމަށް ބޭއްވި ޖަލްސާގައި އެ ޕާޓީގެ ފުރަތަމަ ކޮންގްރެސް ބޭއްވުމުގެ ކުރިން، އިންތިގާލީ ލީޑާޝިޕެއް އާންމު މެންބަރުންގެ ވޯޓް ދީގެން އިންތިހާބު ކުރި އެވެ. ޕާޓީގެ އިންތިގާލީ ލީޑަރު ކަމަށް ފުރުސަތު ހުޅުވާލުމުން، މީދު ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމްގެ ނަން ޖަލްސާ އަށް ހާޒިރުވި އެ ޕާޓީގެ މެންބަރަކު ހުށަހެޅުއްވި އެވެ. ޕާޓީގެ އިންތިގާލީ ލީޑާރު ކަމުގެ މަގާމަށް ވަޑައިގަތުމަށް އިއުތިރާޒު ނުކުރައްވާ ކަމަށް ސިޔާމް ވިދާޅުވުމުން، ސިޔާމްގެ ނަން ވޯޓަށް އެއްސެވި އެވެ. ސިޔާމްގެ ނަން ވޯޓަށް އެއްސެވުމުން ޖަލްސާ އަށް ހާޒިރުވެތިބި 362 މެންބަރުންގެ ތެރެއިން 335ގެ އަޣުލަބިއްޔަތު ލިބުނީ އެ ޕާޓީގެ އިންތިގާލީ ލީޑަރަކަށް ސިޔާމް ހޮއްވެވުމަށެވެ.

ޕާޓީގެ އިންތިގާލީ ތިން ނައިބު ލީޑަރުންނަށް ފުރުސަތު ހުޅުވާލުމުން ތިން ބޭފުޅެއްގެ ނަން މެންްބަރުން ހުށަހެޅުއްވި އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރާއި މާލެ އަށް ނިސްބަތްވެވަޑައިގަންނަވާ އައިޝަތު ރަފިއްޔާ އާއި އާއި ނ. ކުޑަފަރީ އަށް ނިސްބަތްވެވަޑައިގަންނަވާ އަލީ މައުރޫފެވެ. އެ ތިން ބޭފުޅުން ވެސް އެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި އެވެ.

އެ ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބުނީ ޢަލީ މައުރޫފަށެވެ. މައުރޫފަށް 335 ވޯޓް ލިބުނު އިރު، އައިޝަތު ރަފިއްޔާ އަށް 323 ވޯޓް ލިބުނެވެ. އާމިރަށް ލިބިވަޑައިގެންނެވީ 307 ވޯޓެވެ.

ޕާޓީގެ އިންތިގާލީ ކައުންސިލަށް ވެސް 18 ބޭފުޅަކު އިންތިހާބު ކޮށްފައިވެ އެވެ. ޕާޓީގެ ރައީސްއާއި ތިން ނައިބު ލީޑަރުންނާ އެކު އެ ޕާޓީގެ ކައުންސިލްގައި 22 ބޭފުޅުން ތިއްބަވާނެ އެވެ.

މިރޭގެ ޖަލްސާގައި އެ ޕާޓީގެ ކުލައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ އޮރެންޖު ކުލަ އެވެ. އަދި ޕާޓީގެ ލޯގޯ އާއި ސިއްކަ ވެސް ފާސްކުރި އެވެ. މީގެ އިތުރުން ޕާޓީގެ ދިދަ އާއި މެނިފެސްޓޯ އާއި އަސާސީ ގަވާއިދު ވެސް ފާސްކޮށްފައިވެ އެވެ.

މިރޭގެ ޖަލްސާގައި އެމްޑީއޭގެ އިންތިގާލީ ލީޑަރު ސިޔާމް ވާހަކަފުޅު ދެއްކެވި އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ޕާޓީގެ މަގުސަދު ތަކުގެ މައްޗަށް އަލިއަޅުވައިލެއްވި އެވެ. ރާއްޖޭގެ ކަންކަން ކުރިޔަށް ދަނީ ރައްޔިތުން އެންމެ އެދޭ ގޮތަށް ނޫން ކަމަސާއި ރައްޔިތުން އެދޭ ފަދަ ހެޔޮ ތަރައްގީ އެއް ގައުމަށް ގެނެސްދޭން އެމްޑީއޭ އިން މަސައްކަތް ކުރާނެ ކަމަށް ސިޔާމް ވިދާޅުވި އެވެ. ޕާޓީގެ އެންމެ މުހިންމު ބަޔަކީ ޕާޓީގެ މެންބަރުން ކަމަށާއި މި ޕާޓީ ވުޖޫދަށް ގެނެސްދެއްވުމަށް ޕާޓީގެ މެންބަރުންނާއި އެހެން ފަރާތްތަކުން ކޮށްދެއްވި މަސައްކަތްތައް ފާހަގަކޮށް ސިޔާމް ވަނީ އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު