ފޭދޫގައި 11 އަހަރުގެ ކުއްޖަކު ވިހައިފި

އައްޑޫ ސިޓީގެ ފޭދޫގައި 11 އަހަރުގެ ކުއްޖަކު ދުވަސް ނުފުރާ ވިހައިފި އެވެ.

ފޭދޫން ވާހަކަދެއްކި މީހަކު މިއަދު ބުނީ އެކުއްޖާ އަކީ ފޭދޫ ސްކޫލު ގައި ތައުލީމް ހާސިލް ކުރަމުން އަންނަ ކުއްޖެއް ކަމަށާއި އޭނާ ވިހެއީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ.

ފޭދޫ ސިއްހީ މަރުކަޒުން ވާހަކަދެއްކި އިސް އޮފިޝަލަކު މިރޭ ވިދާޅުވީ މިއަދު ހަވީރު 5:06 އެހާކަންހާއިރު ފޭދޫ ސިއްހީ މަރުކަޒުގައި އެކުއްޖާ ވިހާފައި ވަނީ ބަނޑަށް ހަތް މަހުގައި ކަމަށެވެ. އަދި ވިއްސުމަށް ފަހު މިރޭ 7:00 ޖަހާ އެހާކަންހާ އިރު އިތުރު ފަރުވާ ދިނުމަށް އެ ސިޓީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް އެކުއްޖާ ބަދަލުކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދު ހަވީރު އެކުއްޖާ ހޮސްޕިޓަލަށް އައީ ބަނޑު ހަރުވެ ބަނޑުގައި ރިއްސާތީ ކަމަށް ބުނެ އޭނާގެ ބެލެނިވެރިޔާއާ އެކުގައި ކަމަށާއި ވިހެއީ އެކަމަށް ޑޮކްޓަރު ބޭސް ދިނުމަށް ފަހު އެޑުމިޓްކޮށްފައި އޮއްވާ ކަމަށެވެ. އަދި ވިހޭ އިރު ދެމައިންގެ ހާލު ވެސް ރަނގަޅު ކަމަށާއި އޭނާ ވިހެއީ އަންހެން ކުއްޖެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އަދި ވިދާޅުވީ ބަނޑުބޮޑުވީ މީހަކު އޭނާއާ ގަދަކަމުން ޖިންސީ ގުޅުން ހިންގުމުން ކަމަށް ހޮސްޕިޓަލުގައި އެކުއްޖާ ބުނެފައިވާ ކަމަށެވެ.

ފޭދޫ ސްކޫލްގެ ބެލެނިވެރިޔަކު މިރޭ ބުނީ އެ ކުއްޖާ މިއަދު ހެނދުނު ވެސް ޓެސްޓަށް ދިޔަކަމަށާއި ނަމަވެސް އޭނާ ބަނޑުބޮޑުކަން އެހެން މީހުންނަށް ފާހަގަ ނުވާކަމަށެވެ.

"ފަހަކަށް އައިސް އެކުއްޖާ ހުންނަނީ ވަރަށް ފަލަކޮށް. އެހެންވެ ކަންނޭގެ އޭނާ ބަނޑުބޮޑުކަން ނޭނގުނީ" އެމީހާ ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު