އެއާޕޯޓު އެޅުމަށް ކުޑަހުވަދޫ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރު ފަށާނަން: ރައީސް

ކުޑަހުވަދޫން: މުރުޝިދު އަބުދުލްހަކީމް

ކުޑަހުވަދޫގައި އެއާޕޯޓެއް އެޅޭނީ ބިން ހިއްކައިގެން ކަމަށާއި ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރައީސް މިއަދު ހަވީރު މިރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ކުޑަހުވަދޫ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފައްޓަވާނެ ކަމަށެވެ.

"މާލަހެއްނުވެ އެއާޕޯޓް އެޅުމުގެ މަސައްކަތް ފެށޭނެ. އާދެ އެކަން ކުރުމަށްޓަކައި މި ރަށުގައި އެބަޖެހޭ ބިން ހިއްކަން. އެހެންވީމާ ބިން ހިއްކުމުގެ މަޝްރޫއު ފުރަތަމަ ފައްޓަން މި ޖެހެނީ. މާތް ﷲ އިރާދާ ކުރެއްވިއްޔާ މި އަންނަ އަހަރުގެ ކުރީ ކޮޅު އެ މަސައްކަތް ފެށިގެންދާނެ،" ދ. އަތޮޅުގެ ވެރިކަން ކުރާ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވި އެވެ.

ކުޑަހުވަދޫގެ ތަރައްގީ އަށް ޓަކައި ސަރުކާރުން މަސައްކަތްތަކެއް ފައްޓަވާފައިވާ ކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ. އެގޮތުން ރައީސް ވަހީދުގެ ސަރުކާރުގައި މި ރަށު ބަނދަރު ތޮށި ލުމަށް ހޯގާޑާ ހަވާލުކޮށްފައިވާ 23 މިލިއަން ރުފިޔާގެ މަޝްރޫއު ރައީސް ފާހަގަ ކުރެއްވި އެވެ. އަދި މި ރަށުގެ ބޯޅަދަނޑު ހެދުމަށް ޓަކައި ބޭނުންވާ ފައިސާ މިހާރު މި ރަށު ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މި ވޭތުވެ ދިޔަ ނުވަ ވަރަކަށް މަސް ދުވަހަކީ އެހާ ފަސޭހަ ދުވަސްތަކެއް ނޫން. އެހެން ނަމަވެސް އަޅުގަނޑުމެން މަޑެއްކޮށެއް ނުތިބެން. އޭގެ އެއް މިސާލު އަޅުގަނޑުމެނަށް މި ރަށުން ފެންނަމުން ދަނީ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މި ވޭތުވެދިޔަ ނުވަ މަސް ދުވަސް ތެރޭގައި މި ރަށުގެ ބަނދަރު ވެސް ހަދަން ފެށި މިހާރު ބަނދަރު ދަނީ ހެދެމުން." ރައީސް ވިދާޅުވި އެވެ.

ރައީސްގެ މި އަތޮޅުގެ ދަތުރުފުޅުގައި ބަނޑިދު އާއި މާއެނބޫދޫގެ ބަނދަރުގެ މަސައްކަތް ވެސް އަންނަ އަހަރު ފައްޓަވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ކުރީގެ ރައީސަށް ވެސް ފާޑުވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އެ މަނިކުފާންގެ ވެރިކަމުގައި ބައްލަވަނީ ވަކި ސިޔާސީ ޕާޓީަކަށް ނޫނީ ކުލައަކަށް ނޫން ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެ މަނިކުފާނާ ދެމެދު ހިޔާލުތަފާތުވީ ވެސް އެ ވާހަކަ އެ ގޮތަށް ދައްކަވަން ފެއްޓެވުމުން ކަމަށެވެ.

"އަޅުގަނޑާ ރައީސް ނަޝީދާ އެންމެ ފުރަތަމަ ހިޔާލު ތަފާތުވާން ޖެހުނު ކަމަކީ މި ދެންނެވި ކަންތައް. އަޅުގަނޑު ދެންނެވިން ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބުކުރާ މީހަކު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަގާމަށް އައްޔަން ކުރާ މީހަކު އެއީ ވަކި ޕާޓީއެއްގައި މަސައްކަތް ކުރަން ޖެހޭ މީހެއް ނޫނޭ. އެއީ މުޅި ގައުމަށް މަސައްކަތް ކޮށްދޭން ޖެހޭ މީހެކޭ. އެ މީހާ ކަންކުރުމުގައި ސިޔާސީ މަގާމުތައް ދިނުމުގައި، ސަރުކާރުގެ އެކި އެހީތައް ދިނުމުގައި ދައުލަތުގެ މަޝްރޫއުތައް ހިންގުމުގައި ޕާޓީއަކަށް ތަފާތުނުކޮށް ހުރިހާ ކަމެއް ކުރަން ޖެހޭނެއޭ. މި ވާހަކަ އަޅުގަނޑު ދެއްކުމުން އަޅުގަނޑުވީ ވަރަށް ގޯސް މީހަކަށް،" ރައީސް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި މި އަތޮޅަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުން ވެސް ވާހަކަ ދެއްކެވި އެވެ.

މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ވިދާޅުވީ ވޭތުވެ ދިޔަ ތިން އަހަރު ވެގެންގޮސްފައި ވަނީ މި އަތޮޅަށާއި މުޅި ރާއްޖެ އަށް ވެސް "ކަޅު އަނދިރި ނާމާން އަހަރުތަކެއްގެ ގޮތުގައި" ކަމަށެވެ. އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ ތިން އަހަރު ނިމުނު އިރު ވެސް މި އަތޮޅުގެ ތަރައްގީ އަށް "އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާ" ކަމަށެވެ.

ރައީސް ޑރ. ވަހީދު މިރަށަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މަރުހަބާ ކިޔާފައިވެ އެވެ. ނަމަވެސް އެމަނކިފާނަށް ތާއިދު ނުކުރާ މަދު އަދަދެއްގެ ބަޔަކު ނިކުމެ އަޑު އުފުލައިފައިވާ އިރު ފުލުހުންނަށް ނުކިޔަމަންތެރިވި އަންހެނަކާއި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތަން ފެނިފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު