އެއްބަސްވުމާ ޚިލާފަށް "ކީއްވެ"ގެ ޕްރިމިއާ ނައިޓް ލައިވްނުކުރުމުން ޕީއެސްއެމްއަށް ގާނޫނީ ފިޔަވަޅު އަޅަން ނިންމައިފި

"ކީއްވެ"ގެ ޕްރިމިއާ ނައިޓް ލައިވްނުކުރުމުން، ޕީއެސްއެމްއަށް ގާނޫނީ ފިޔަވަޅު އަޅަން ނިންމައިފި -- ފޮޓޯ: ވަގުތު

ދިވެހި ފީޗާ ފިލްމު "ކީއްވެ"ގެ ޕްރިމިއާ ނައިޓަށް ދައުވަތު އަރުވައިގެން ބައެއް ސިޔާސީ ބޭބޭފުޅުން ވަޑައިގަންނަވާތީ، ވެފައިވާ އެއްބަސްވުމުގެ ދަށުން ޕީއެސްއެމްއިން އެ އިވެންޓު ލައިވްނުކުރި މައްސަލައިގައި ޕީއެސްއެމްއަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެ ފިލްމުގެ ޕްރޮޑަކްޝަން ހައުސްއިން ނިންމައިފިއެވެ.

"ކީއްވެ" ފިލްމުގެ ޕްރޮޑަކްޝަން ހައުސްއިން ވަނީ، ރޭ އޮލިމްޕަސް ސިނަމާގައި އިވެންޓު ފެށުމަށް ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް، އެއްވެސް މަގުބޫލު އުޒުރެއްނެތި، އެއްބަސްވުމާ ޚިލާފުވެ ލައިވް ކަވަރޭޖް ކެންސަލްކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބުނެފައެވެ.

ޕްރިމިއާ ނައިޓަށް އެންމެ ދެ ގަޑިއިރަށް ވެފައިވަނިކޮށް، އިވެންޓު ލައިވް ނުކުރެވޭނެ ކަމަށް ޕީއެސްއެމްއިން އަންގާފައިވާ ކަމަށާއި އެ ނިންމުން ނިންމާފައި ވަނީ ޕީއެސްއެމްގެ ޓެކްނިކަލް ޓީމުން އެ އިވެންޓު ލައިވްކުރުމަށް އޮލިމްޕަހަށް ގޮސް، ލައިވްކުރުމުގެ އެންމެހައި އިންތިޒާމުތަކެއް ހަމަޖައްސާ ނިމިފައިވަނިކޮށް ކަމަށް ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފައެވެ.

ނަމަވެސް އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފުކަމެއްކަން އެނގިހުރެ، ލައިވް ކުރިއަށް ނުގެންދިއުމަށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަކީބު ނިންމަވާފައިވާ ކަން ޕްރޮޑަކްޝަން ޓީމުން ނެރެފައިވާ ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

ފަހު ވަގުތު 'ކީއްވެ' ފިލްމްގެ ޕްރިމިއާ ނައިޓް ލައިވް ކޮށްފައި ވަނީ އެސްއެސްޓީވީ އިންނެވެ.

މީގެ އިތުރުން އެ ނޫސްބަޔާނުގައި ވަނީ، އިވެންޓު ލައިވްނުކުރުމުގެ ސަބަބެއްގެ ގޮތުގައި ޝަކީބް ފާހަގަކުރެއްވީ، އެ އިވެންޓަށް ދައުވަތުއެރުވިގެން ބައެއް ސިޔާސީ ބޭފުޅުން ވަޑައިގަތުމަށް ހަމަޖެހިފައިވާތީ ކަމަށެވެ. ނަމަވެސް އެ ފިލްމުގެ ޕްރިމިއާ ނައިޓަކީ 'އެއްވެސް ސިޔާސީ' ހަރަކާތެއް ހިމެނިގެންވާ އިވެންޓެއް ނޫން ކަމަށް ޕްރޮޑަކްޝަން ހައުސްއިން ވަނީ ބުނެފައެވެ.

އެ އިވެންޓަށް ދައުވަތު އަރުވާފައި ވާނީ ދައުލަތާއި ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައިވާ އަދި މިހާރު ފުރުއްވަމުންގެންދަވާ އެކި ފަންތީގެ ބޭފުޅުންނާއި ފަންނާނުންނާއި އާންމު ފަރާތްތަކަށް ކަމަށާއި، ވަކި ސިޔާސީ ފިކުރަކަށް ނުވަތަ ކުލައަކަށް ބެލުމެއްނެތި ފިލްމީ ދާއިރާއަށް ހިތްވަރުދިނުމުގެ މަގްސަދުގައި ކަމަށް ޕްރޮޑަކްޝަން ހައުސްއިން ބުނެއެވެ.

މީގެ އިތުރުން ދައުލަތުގެ މީޑިއާ ފަދަ ޒިންމާދާރު މުއައްސަސާއަކުން އެންމެ ފަހުވަގުތު ނިންމި ޣައިރު ޒިންމާދާރު އަމަލެއްގެ ސަބަބުން ޕްރޮޑަކްޝަން ހައުސްއަށް އިއާދަނުކުރެވޭވަރުގެ މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހުނުކަން ވަނީ ފާހަގަކޮށްފައެވެ.

ޕީއެސްއެމްއަކީ ވަކި ބައެއްގެ ނުފޫޒެއްނެތި، ދިވެހި ފަންނާނުންނާއި އުފެއްދުންތައް ކުރިއެރުވުމަށް މަސައްކަތްކުރަންޖެހޭ ތަނަކަށްވީ ހިނދު، އެފަދަ ދަށު ދަރަޖައިގެ އަމަލެއް ހިންގުމަކީ ދިވެހި ފިލްމީ ދާއިރާއަށް ދެވުނު ވަރަށް ބޮޑު ނިކަމެތިކަމެއްކަން ޕްރޮޑަކްޝަން ހައުސްއިން ވަނީ ފާހަގަކޮށްފައެވެ. އަދި އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ޕްރޮޑަކްޝަން ހައުސްއަށް ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށް ޕްރޮޑަކްޝަން ހައުސްއިން ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރޭ ދައުވަތު އަރުވައިގެން ޕްރިމިއާ ނައިޓްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އަދި މާލޭގެ މޭޔަރު އާދަމް އާޒިމް ހިމެނިވަޑައިގަންނަވާހެން ސިޔާސީ ބައެއް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

comment ކޮމެންޓް