އެމްއޭސީއެލުން މުވައްޒަފުންގެ ބޯނަސް ޖަމާކޮށްދީފި؛ މި ފަހަރު ދެނީ ޕާފޯމަންސަށް ބަލާފައި

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ޝަރީފް --- ފޮޓޯ/ އެމްއޭސީއެލް

އެއާޕޯޓުތަކާ ބެހޭ ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން އެ ކުންފުނީގެ މުވައްޒަފުންނަށް މި އަހަރުގެ ބޯނަސް ދޭން ފަށައިފިއެވެ.

އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް މިއަދު ހަވީރު 'ސަން'އަށް ވިދާޅުވީ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބާއްވައި، މުވައްޒަފުންނަށް އަހަރީ ބޯނަސް ދޭން ނިންމައިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތަފުސީލު ދެއްވާފައެއް ނުވެއެވެ.

https://sun.mv/231094

އިތުބާރު ހުރި ބައެއް މަސްދަރުތަކުން 'ސަން'އަށް ވަނީ ބައެއް މުވައްޒަފުންނަށް ބޯނަހުގެ ގޮތުގައި މި ފަހަރު ދެނީ 25،000 ރުފިޔާއާއި 15،000 ރުފިޔާކަން ޔަގީންކޮށްދީފައެވެ. އެއީ މިފަހަރު މުވައްޒަފުންނަށް ބޯނަސް ދެނީ ޕާފޯމަންސަށް ބަލާފައި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

އެނގިފައިވާ ގޮތުގައި މިއަދު ހަވީރު ބޯނަސް ޖަމާކޮށްދޭން ފަށައިފައި ވަނީ މުސާރައާ ވެސް އެކުގައެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ އެކައުންޓު ގެންގުޅޭ މުވައްޒަފުންގެ މުސާރައާއި ބޯނަސް ޖަމާވުން ލަސްވެފައިވާކަން ވެސް އެނގިފައިވެއެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި އެމްއޭސީއެލުން ވަނީ އެ ކުންފުނީގައި މަސައްކަތްކުރަމުން އަންނަ މުވައްޒަފުންނަށް 25،000 ރުފިޔާގެ ބޯނަހެއް ދީފައެވެ. އެއީ ވޭތުވެދިޔަ ހަތަރު އަހަރު ވެސް އެ ކުންފުނީގެ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި ދީފައިވާ އަދަދެވެ.

އެމްއޭސީއެލުން މީގެކުރިން ބުނެފައިވާ ގޮތުގައި، އަހަރީ ބޯނަސް ދެނީ އަހަރުގެ ހަ މަސްދުވަހަށް ވުރެ ގިނަ ދުވަހު ވަޒީފާ އަދާކުރި މުވައްޒަފުންނަށާއި، ހަ މަސްދުވަހު ވަޒީފާގައި އުޅުމަށް ފަހު، ކެނޑުނު މުވައްޒަފުންނަށް މަސައްކަތްކުރި ދުވަހުގެ މުއްދަތަށް ބަލައިފައެވެ.

ނަމަވެސް އަޚުލާގީ މައްސަލައެއްގައި ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް އެ ބޯނަސް ނުދޭނެ ކަމަށް ވެސް އެ ކުންފުނިން އޭރު ބުނެފައިވެއެވެ.

އެމްއޭސީއެލަކީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެއް ކުންފުންޏެވެ. އަދިވެސް އެ ކުންފުނީގައި މުވައްޒަފުންނަށް މުސާރަ ދެނީ އެއްބައި ޑޮލަރުން، އަދި އެއްބައި ރުފިޔާއިންނެވެ.

comment ކޮމެންޓް