"ގަރުނުގެ ވަރި" ގައި 537 މިލިއަން ޕައުންޑުގެ ހުށަހެޅުމަށް ބިލިއަނަރުގެ ކުރީގެ އަނބިކަނބަލުން ދެކޮޅުހައްދަވައިފި

ގަރުނުގެ ވަރީގެ ގޮތުގައި މަޝްހޫރު ވެފައިވާ، ރޯ ސޯ-ޔޮންގް، ވަރީގެ މައްސަލަ ކޯޓު މެދުވެރިކޮށް ހައްލުކުރުމަށް ހުށަހެޅި ހުށަހެޅުމަށް ދެކޮޅުހައްދަވައިފިއެވެ.

އިއްޔެ ނިއުސިސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދެކުނު ކޮރެއާގެ ބިލިއަނަރު އަދި އެސްކޭ ގްރޫޕުގެ ޗެއާމަން ޗޭ ޓޭ-ވޮންގެ ކުރީގެ އަނބިކަނބަލުން ރޯ ވަނީ މުދާ ބެހުމުގެ މި މައްސަލައިގައި ޗޭ ހުށަހެޅުއްވި އެއްބަސްވުމުގެ އެ ހުށަހެޅުމާ ދެކޮޅަށް އެ ގައުމުގެ ސުޕްރީމް ކޯޓަށް ބަޔާނެއް ހުށަހަޅުއްވާފައެވެ. ގިނަ ބަޔަކު ”ގަރުނުގެ ވަރި“ ގެ ގޮތުގައި ސިފަކުރާ މި މައްސަލައިގައި ރޯގެ ވަކީލުންގެ ބަހެއް ވަގުތުން ލިބޭ ގޮތް ވަނީ ނުވެފައެވެ.

މި ހުށަހެޅުމަށް ދެކޮޅުހެއްދެވުމުގެ އިތުރުން، ޗޭ ހުށަހަޅުއްވާފައިވާ އިސްތިއުނާފު އަނބުރާ ގެންދެވުމަށް ރޯ އެދިވަޑައިގެންފައިވާ ކަމަށް ޗޭގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. މުދާ ބެހުމުގެ ގޮތުން ކޯޓުން ކަނޑައަޅާފައިވާ 944 ބިލިއަން ވޮން (537 މިލިއަން ޕައުންޑް) ގެ ފުރިހަމަ އަދަދު ކޯޓު މެދުވެރިކޮށް ދެއްކެވުމަށް ޗޭ ހުށަހެޅުއްވީ މިދިޔަ ހޯމަ ދުވަހުއެވެ. ޗޭގެ ވަކީލުން ބުނި ގޮތުގައި، މުދާ ބެހި ގޮތާ މެދު ސުވާލު އުފެއްދޭނެ ވަރުގަދަ ގާނޫނީ ސަބަބުތަކެއް ހުރި ނަމަވެސް، އެ ހުށަހެޅުން ހުށަހެޅުއްވީ ދިގުލައިގެން ގޮސްފައިވާ މި މައްސަލަ ނިމުމަކަށް ގެނައުމުގެ މަގުސަދުގައެވެ.

ނަމަވެސް، ޗޭގެ އިހުލާސްތެރިކަމާ މެދު ރޯގެ ފަރާތުން ސުވާލު އުފައްދަވައި، އެ ހުށަހެޅުން ދަށްކޮށްލައްވާފައިވާތީ އެކަމާ ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށް ވަކީލުން ބުންޏެވެ. އަދި ސުލްހަވެރި ހައްލެއް ހޯއްދެވުމަށް މަސައްކަތްކުރައްވަމުން، ކޯޓުގެ ބާކީ ހުރި މަރުހަލާތަކުގައި ޗޭ ފުރިހަމައަށް ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ވަކީލުން ބުނެފައިވެއެވެ.

ދަ އިންޑިޕެންޑެންޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެސްކޭ ގްރޫޕުގެ ކޮންޓްރޯލް ޗޭގެ އަތްޕުޅުގައި އޮތުމުން، ދެކުނު ކޮރެއާގެ އާންމުންނާއި އިންވެސްޓަރުން މި މައްސަލަ ދަނީ ވަރަށް ގާތުން ބަލަމުންނެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާއަށް އައި ކުރިއެރުމާއެކު އެސްކޭ ގްރޫޕުގެ ސެމީކޮންޑަކްޓަރު ވިޔަފާރީގެ އަގު އުފުލި، އެ ކުންފުނީގައި އޮންނަ ޗޭގެ ހިއްސާގެ އަގު ވަރަށް ބޮޑަށް މަތިވެފައިވާތީ މި މައްސަލައަށް ވަނީ ހާއްސަ ސަމާލުކަމެއް ލިބިފައެވެ.

އޭއައި ޕްރޮސެސަރުތަކުގައި ބޭނުންކުރާ މެމޮރީ ޗިޕް އުފައްދާ މައިގަނޑު އެއް ކުންފުނި ކަމަށްވާ އެސްކޭ ހައިނިކްސްއަކީ، ދުނިޔޭގައި އޭއައި އިންފްރާސްޓްރަކްޗާއަށް އޮތް ޑިމާންޑުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ލިބުނު އެއް ކުންފުންޏެވެ.

ސޯލްގެ އާޓް މިއުޒިއަމެއްގެ ޑިރެކްޓަރު ރޯ އާއި ޗޭ 1988 ވަނަ އަހަރު ކައިވެނިބައްލަވައިގެން ތިން ބޭފުޅުން ލިބިވަޑައިގެންފައިވާއިރު، ޗޭ ވަރިއަށް އެދިވަޑައިގެން ކޯޓަށް ހުށަހެޅުއްވީ އެހެން އަންހެނަކާ ގުޅުމެއް ބާއްވަވައި ކުއްޖަކު ލިބިވަޑައިގެންފައިވާކަން ހާމަކުރެއްވުމަށްފަހު 2017 ވަނަ އަހަރުއެވެ.

comment ކޮމެންޓް