ސީއެސްސީގެ 8 ވަނަ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ބައްދަލުވުން ނިންމާލައިފި

ސީއެސްސީގެ 8 ވަނަ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލައިފި --- ފޮޓޯ: ރައީސް އޮފީސް

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް (ސީއެސްސީ)ގެ އަށްވަނަ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ބައްދަލުވުން މިއަދު ވިލާ ނޯޓިކާ ޕެރަޑައިސް އައިލެންޑްގައި ނިންމާލައިފިއެވެ.

މި ބައްދަލުވުމުގައި މެންބަރު ގައުމުތަކުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންނާއި ސަލާމަތީ ދާއިރާގެ އިސް އޮފިޝަލުން ބައިވެރިވެ، ސަރަޙައްދީ ސަލާމަތީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އިންޑިއާ ކަނޑުގެ ސަރަޙައްދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އަލަށް އުފެދެމުންދާ ނުރައްކާތަކާ ކުރިމަތިލުމުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވަކީ އިންޑިއާއި ރާއްޖެއާއި މޮރިޝަސް، ސްރީލަންކާ، ބަންގްލަދޭޝް އަދި ސީޝެލްސް ހިމެނޭހެން އުފައްދާފައިވާ ސަރަހައްދީ ސަލާމަތީ އެއްބާރުލުމުގެ މަންސައެކެވެ. އޭގެ ދަށުން ކަނޑުމަތީގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމާއި ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާއި އިންސާނީ ވަގުފާރިއާއި ގައުމުތައް ހުރަސްކޮށް، ރޭވިގެން ހިންގާ ކުށްތައް ހުއްޓުވުމާއި ސައިބާ ސެކިއުރިޓީއާއި މުހިންމު އުމްރާނީ ވަސީލަތްތައް ހިމާޔަތްކުރުމުގެ އިތުރުން އިންސާނީ އެހީތެރިކަމާއި ކާރިސާތަކުން އަރައިގަތުމަށް އެހީތެރިވުން ހިމެނެއެވެ.

މި ބައްދަލުވުމުގައި ރާއްޖެ، އިންޑިއާ، ސްރީލަންކާ އަދި ބަންގްލަދޭޝްގެ މަތީ ފަންތީގެ ވަފުދުތަކުން ބައިވެރިވެވަޑައިގެންނެވިއިރު، މެހެމާނު ގައުމުތަކުގެ ގޮތުގައި އޮސްޓްރޭލިއާ އާއި މެލޭޝިއާއިން ވަނީ ބައިވެރިވެފައެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އޮނަރަބަލް އިބްރާހީމް ލަޠީފް، ޑީސީ ރިޓަޔާޑް، ލެފްޓިނެންޓް ކާނަލް ރިޓަޔާޑްއެވެ. މި ވަފުދުގައި ރާއްޖޭގެ ސަލާމަތީ ދާއިރާގެ އެންމެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުން ނިންމާލުމުގެ ގޮތުން، ރާއްޖެ ހިމެނޭހެން މެންބަރު ގައުމުތަކުން ވަނީ ބައްދަލުވުމުގައި އެއްބަސްވެވުނު ކަންކަން ހިމެނޭ ޖޮއިންޓް ސްޓޭޓްމަންޓެއް ނެރެފައެވެ. މި ބައްދަލުވުމުގައި ކޮންކްލޭވްގެ ފަސް ތަނބު ކުރިއެރުވުމުގައި މެންބަރު ގައުމުތަކުގެ މެދުގައި މެދުނުކެނޑި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާއި، އަމާން ރައްކާތެރި އަދި ވިލުންތެރި އިންޑިއާ ކަނޑުގެ ސަރަހައްދެއް ބިނާކުރުމަށް ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް ވަނީ އިގުރާރުވެފައެެވެ.

comment ކޮމެންޓް