މިހާރު ކުރަމުންދާ މަޝްވަރާތަކަށް ފަހު، 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލްމީޑިއާގެ ވަކި އެޕުތަކަށް ނުވަދެވޭ ގޮތަށް ހެދުމަށް އަންނަ އަހަރު ގޮތެއް ނިންމޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ވަކި އެޕްތަކަކަށް ނުވަދެވޭ ގޮތަށް މަނާކުރަން އުޅޭކަން މިދިޔަ ޖޫން އެކެއްގައި ހާމަކުރެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ، އެ ކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ދެއްވާފައެވެ. އެގޮތުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމަށް ރައީސް އޮފީހުގެ ސޯޝަލް ކައުންސިލުގެ ލަފައަކަށް އެދި ކަރުދާހެއް އިއްޔެ ހުށަހަޅާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.
އެ ކަން ކުރާނީ އެ ކައުންސިލުގެ ލަފައާއި ރައްޔިތުންނާއި އެންމެންގެ ޚިޔާލާއި މަޝްވަރާ އެކުގައި ސިޔާސަތެއް ގާއިމުކޮށް، ކެބިނެޓަށް ހުށަހަޅައިގެން ކަމަށް އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެ ފަދަ ފިޔަވަޅުތައް އަޅާފައި ހުރި ހައްލުތައް ވެސް ބެލި ކަމަށެވެ.
ސޯޝަލް މީޑިއާގެ ވަކި އެޕުތަކެއް މަނާކުރުމަށް އެންމެ ރަނގަޅީ 16 އަހަރުން ދަށުގެ ކުދިންނަށް ކަމަށް މިހާތަނަށް ޓެކްނިކަލް ޓީމުތަކުން ލަފާ ދީފައިވީ ނަމަވެސް ގޮތެއް ނިންމާނީ ވަރަށް ފުޅާކޮށް މަޝްވަރާކޮށްގެން ކަމަށް އިހުސާން ވިދާޅުވިއެވެ.

ސޯޝަލްމީޑިއާގެ އެޕުތަކެއް: 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން އަންނަ އަހަރު ގޮތެއް ނިންމޭނެ ކަމަށް އިހުސާން ވިދާޅުވި -- ފޮޓޯ: ޕީއޭ
މިނިސްޓަރު ވަނީ 16 އަހަރުން ދަށުގެ އުމުރުފުރައަށް ވަކި އެޕުތައް މަނާކުރުމަށް އެ ކަންކަން ކުރެވޭނެ ތާރީޚެއް ދެއްވާފައެވެ. މިގޮތުން، މަސައްކަތް ކުރަނީ ރައީސް ވިދާޅުވި ގޮތަށް، އެއް އަހަރު ތެރޭ އެ ކަން ތަންފީޒުކުރުމަށްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ގެންދާ ޑިސްކަޝަންތަކުން ޑްރާފްޓު ކުރެވޭ ސޮލިއުޝަނެއް އިމްޕްލިމަންޓު ކުރުމަށްޓަކައި މަސައްކަތް ފަށާނަން އަންނަ އަހަރު ތެރޭގައި،" އިހުސާން ވިދާޅުވިއެވެ.
އިހުސާން ކިޔައިދެއްވި ގޮތުގައި، ސަރުކާރުގެ ބޭނުމަކީ ކުޑަކުދިންނަށް ވަކި ލިމިޓުތަކާއެކު، ރައްކާތެރި ގޮތެއްގައި ސޯޝަލް މީޑިއާ ބޭނުންކުރެވޭނެ ފުރުސަތު ފަހިކޮށްދިނުމެވެ.
ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން ހަނިކުރުމަށް ރާއްޖޭގައި މަޝްވަރާކުރާއިރު، ގްރީސް، ޕޯޗުގަލް، އޮސްޓްރޭލިއާ، މެލޭޝިއާ އަދި އިންޑޮނޭޝިއާ ފަދަ ގައުމުތަކުންވެސް ވަނީ މިފަދަ ފިޔަވަޅުތައް އަޅަން ފަށާފައެވެ.
ސޯޅަ އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ވަކި އެޕްތަކަަކަށް ނުވަދެވޭ ގޮތް ހަދާކަން އިއުލާނުކުރެއްވި ދުވަހު ރައީސް މުއިއްޒު ވިދާޅުވީ، މި ކަމުގައި އޮސްޓްރޭލިއާއިން އަޅާފައިވާ ފިޔަވަޅުތައް އެއީ ރަނގަޅު މިންގަނޑެއް ކަމުގައި ދެކޭ ކަމަށެވެ.
އެހެންވެ އޮސްޓްރޭލިއާގެ މިންގަނޑުތައް ބޭނުންކުރެވޭނެ ގޮތެއް ރާއްޖޭގައި ތައާރަފްކުރެވޭނެ ގޮތެއް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެ ދުވަހު ރައީސް ވިދާޅުވިއެވެ.