ވޮޝިންޓަން (25 ނޮވެންބަރު 2026): އީރާން ހަނގުރާމަ އެމެރިކާއަށް ނާކާމިޔާބު ވެދާނެކަމުގެ ބިރު އިހުސާސް ކުރައްވާކަމަށް ވިދާޅުވެ ފުރަތަމަ ފަހަރަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދައްކަވައިފިއެވެ.
"ނިޔުޔޯކް ޕޯސްޓް" އަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ އޭނާގެ ޒަޢާމަތުގައި އެމެރިކާ ވަނީ އީރާނުގެ މައްޗަށް ކާމިޔާބު ހޯދާފައި ކަމަށާއި ނަމަވެސް އެމެރިކާގެ ކޮންގްރެސްގެ އައު މެންބަރުން މަގާމުގެ ހުވާކުރެއްވުމާއެކު ކޮންގްރެސްގެ އަޣުލަބިއްޔަތު އޭނާގެ ޕާޓީއަށް ގެއްލުމުން އީރާން ހަނގުރާމައަށް ބޭނުންވާ ފައިސާ ދިނުމަށް ކޮންގްރެސް އިން ދެކޮޅު ހަދައިފިނަމަ މި ހަނގުރާމައިގެ ކާމިޔާބު ނާކާމިޔާބަކަށް ބަދަލުވެގެންދާނެ ކަމުގައެވެ. މިކަމާމެދު ވަރަށް ކަންބޮޑުވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވި ގޮތުގައި މި ހަނގުރާމަ ކާމިޔާބުވެފައި ވަނީ ހަނގުރާމައިން އޭނާ ހާސިލް ކުރަން ބޭނުންވި ހުރިހާ މަގްސަދެއް ހާސިލްވުމުގެ ސަބަބުންނެވެ. އީރާން އިނދަޖައްސާލައި އަސްކަރީ ގޮތުންނާއި އިގްތިސާދު ހަފުސްކޮށްލެވިފައި ވާތީއެވެ. އެމެރިކާއަށް ރައްދު ދިނުމުގެ ގާބިލްކަން އީރާނުގެ ކިބައިން ނައްތާލެވިފައި ވާތީއެވެ. އީރާނުގެ ކިބާގައި ހަނގުރާމަ ކުރުމުގެ ރޫހާއި އަޒުމު ގެއްލުވާލައި އީރާނުގެ ވެރިން މާޔޫސްކޮށްލެވިފައިވާތީއެވެ. އީރާނުގައި އެއްވެސް އާރެއް ބާރެއް މިހާރު ނެތްކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އީރާނުގެ ވެރިކަން ބަދަލުކުރެވިފައި ނުވުމަކީ ނާކާމިޔާބެއް ނޫންތޯ "ނިއުޔޯކް ޕޯސްޓް" އިން ކުރި ސުވާލެއްގެ ޖަވާބުގައި ޓްރަމްޕް ވިދާޅުވީ އީރާނުގެ ވެރިކަން ބަދަލުކުރަން އެއްވެސް ވަރަކަށް އޭނާ އުޅުއްވާފައި ނުވާނެ ކަމުގައެވެ. "އީރާނުގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީ އަހަރެން ފެށި ހަނގުރާމައިގެ މަގްސަދެއްނޫން، އެކާމެދު އަހަރެން ޚިޔާލުވެސް ނުކުރަން" ޓްރަމްޕް ވިދާޅުވެފައިވެއެވެ.
ނަމަވެސް ހަނގުރާމައިގެ ކުރީކޮޅު ޓްރަމްޕް ވަނީ އީރާނުގެ ވެރިކަމުގެ ނިޒާމު ބަދަލުކުރާނެ ކަމަށް ނޫނީ ވެނެޒުއެލާގައި ހެދިގޮތަށް އެެމެރިކާއަށް ބޯލަނބާ ވެރިންތަކެއް އީރާނުގެ ޒައާމަަތަށް ގެންނަވާނެކަމަށް ވިދާޅުވެ އެތަށް ފަހަރަކު ވާހަކަ ދައްކަވައިފައެވެ. އަދި އެމެރިކާގެ ބަސްއެހުމަށް އީރާނުގެ އައު މުރުޝިދު އާޔަތުﷲ މުޖްތަބާ ޚަމަނައި އަށްވެސް އެތަށް ފަހަރަކު އެދުވަސްވަރު ޓްރަމްޕް ގޮވާލައްވާފައިވެއެވެ. އީރާނަށް ބޮންއަޅައި އެގައުމުގެ އިސްވެރިޔާ އާޔަތުﷲ އަލީ ޚަމަނާއި ޝަހީދުކޮށްލުމަަށްފަހު އީރާނުގެ ވެރިކަމުގައި ދެން ހުންނާނީ އެމެރިކާ ބަހައްޓާ މީހެއްކަމަށް ވެސް އެދުވަސްވަރު ޓްރަމްޕް ވިދާޅުވެފައިވެއެވެ.
ޓްރަމް ވިދާޅުވިގޮތުގައި އީރާނުގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން އުޅުނީ އިސްރާއީލުންނެވެ. މިހާތަނަށް އެކަން ކުރެވިފައި ނެތަސް ފަހަރެއްގައި އިސްރާއީލަށް އަދިވެސް އެކަން ކުރެވިދާނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް ވިދާޅުވިގޮތުގައި އެއްއިރެއްގައިވެސް އެއީ އެމެރިކާގެ މަގްސަދެއްނޫނެވެ.
"ނިއުޔޯކް ޕޯސްޓް" އަށް ދެއްވި ބަސްދީގަތުމުގައި ޓްރަމްޕް ވަނީ އީރާންއާ ދެކޮޅަށް އިސްވެ ހަނގުރާމަ ފެށިކަމަށް އެއްބަސްވެ ވަޑައިގެންފައެވެ. ނަމަވެސް ޓްރަމްޕް ވަނީ އީރާންއާ ދެކޮޅަށް އިސްވެ ހަނގުރާމަ ފެށީ އެމެރިކާ ނޫންކަމަށާ އީރާން ގެންދަނީ މީގެ 47 އަހަރު ކުރިން އެމެރިކާއާ ދެކޮޅަށް ހަނގުރާމަ ކުރަމުން ކަމަށް މީގެ ދެތިން ހަފްތާކުރިން ވިދާޅުވެފައެވެ.
ކޮންގްރެސްއަށް އަލަށް އިންތިޚާބުވެފައިވާ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ އެތަށް މެންބަރުންނެއްވަނީ އެބޭފުޅުން ކޮންގްރެސްގެ ގޮނޑިތަކުގައި އިށީންދެ ވަޑައިގަތުމާއެކު، އީރާން ހަނގުރާމަ ކުރިޔަށް ގެންދިޔުމަށް ޓްރަމްޕްގެ ސަރުކާރަށް ބޭނުންވާ ފައިސާ ކަނޑާލުމުގެ ބިލެއް ފާސްކުރާނެކަމަށް ވިދާޅުވެފައެވެ. މިދިޔަ އިންތިޚާބުގައި ކޮންގްރެސްގެ ދެގޭގެ އަޣްލަބިއްޔަތު ލިބިފައިވަނީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށެވެ.
އެޕާޓީގެ މެންބަރުން ދެކޭގޮތުގައި އީރާންއާ ދެކޮޅަށް ޓްރަމްޕް ފެށި ހަނގުރާމައަކީ އެމެރިކާގެ މަސަލަހަތަށްޓަކައި ކުރާ ހަނގުރާމައެއް ނޫނެވެ. އެހެންކަމުން ކޮންގްރެސް އަށް އަލަށް އިންތިޚާބުކުރި މެންބަރުންނަށް މަގާމުގެ ބާރު ލިބުމާއެކު އެމެރިކާ ރައްޔިތުންގެ ޓެކްސް ފައިސާއިން އެހަނގުރާމައަށް ޚަރަދު ކުރުމުގެ ފުރުސަތު ޓްރަމްޕްގެ ސަރުކާރަކަށް ނުދިނުމަށް ނިންމާނެ ކަމަށްވަނީ ބެލެވިފައެވެ.
މީގެއިތުރުން ޓްރަމްޕް ހިންގަވަމުން ގެންދަވާ ކޮރަޕްޝަންގެ އަމަލުތައްވެސް ކޮންގްރެސްގެ ތެރެއިން ބަލައި ތަހުގީގު ކުރުމުގެ ކަންތައްތައް ފެށިގެންދާނެ ކަމަށްވެސް ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންވަނީ ވިދާޅުވެފައެވެ. އައު ކޮންގްރެސް ފެށުމާއެކު ޓްރަމްޕް އާ ދެކޮޅަށް 9 ކަމެއްގެ ތަހުގީގުތައް ފެށުމަށް އައު ކޮންގްރެސްގެ އަޣްލަބިއްޔަތު ލިބިފައިވާ ޑިމޮކްރެޓުންވަނީ ޕްލޭންކޮށްފައެވެ. ޓްރަމްޕް އަޒުލު ނުކުރެވުނު ނަމަވެސް މިހާލަތުގައި އޭނާއަށް ވަރަށް ޕްރެޝަރު ބޮޑުވެ ޓްރަމްޕް ބޭނުންވާހާ ގޮތަކަށް ވެރިކަން ކުރަން ވަރަށް ބޮޑަށް ދަތިވެގެން ދާނެކަމަށް ރިޕޯޓްތައް ބުނެއެވެ.