މާދަމާ ފެށުމަށް ހަމަޖެހިފައިވާ ނޭޝަނަލް ސްކިލްސް އެންޑް ކެރިއާ އެކްސްޕޯ؛ "ވަރަ އެކްސްޕޯ 2026" ގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބައިވެރިވާނެކަން އިޢުލާނުކޮށްފިއެވެ.
މާދަމާއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް، ހަވީރު 16:00 އިން ރޭގަނޑު 23:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި ތިން ދުވަހުގެ އެކްސްޕޯގައި ބަހައްޓާ އެމްއައިބީގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޝައުގުވެރި ގިނަ ހަރަކާތްތަކެއް ރާވާފައިވާކަމަށް އެ ބޭންކުން މަޢުލޫމާތުދެއެވެ.
އެގޮތުން، ވަޒީފާއަށް ކުރިމަތިލާއިރު ސީވީ އިތުރަށް ފުރިހަމަކުރާނެގޮތުގެ ޢަމަލީ އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ "ސީވީ ކްލިނިކް" އެއް ކުރިއަށްދާނެކަމަށާއި، އެމްއައިބީގެ ހިއުމަން ރިސޯސަސް ޓީމާ ބައްދަލުކޮށް، އެ ބޭންކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ކުރިއަށް ދެވޭނެ މަގުތަކާ ބެހޭ މަޢުލޫމާތު ހޯދުމަށް "ކެރިއާ ކޯނާ" އެއްވެސް ހުންނާނެކަމަށް އެމްއައިބީން ބުނެއެވެ.
އެކްސްޕޯގެ ފޯރި އިތުރަށް ގަދަކުރުމުގެ ގޮތުން، ޒިޔާރަތްކުރާ ފަރާތްތަކުގެ މަޢުލޫމާތު ވަޒަންކޮށްލުމަށް ބާއްވާ "މެގަ ބަޒާ" ގޭމާއި "ސްޕިން އެންޑް ވިން" ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެކަމަށާއި އަދި މި ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް "ފައިސާވެއާ ޓެގް" ފަދަ އަގުހުރި އިނާމުތަކާއި ހަދިޔާތައް ލިބުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އެމްއައިބީން ބުނެއެވެ.
އެމްއައިބީން މި އެކްސްޕޯގައި ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ ހުނަރުވެރި ޒުވާނުންނާ ގުޅުން ބަދަހިކޮށް، ޕްރޮފެޝަނަލް ކުރިއެރުމަށް ހިތްވަރުދިނުމާއެކު، މުޖުތަމަޢަށް ފައިދާހުރި ބަދަލެއް ގެނެވޭފަދަ ދާއިރާއަކުން ކުރިއަށް ދިއުމަށް ޒުވާނުންނަށް ހިތްވަރުދިނުންކަމަށް ބޭންކުން ބުނެއެވެ.
އެހެންކަމުން ދަރިވަރުންނާއި ދަސްވެނިންގެ އިތުރުން ވަޒީފާ ހޯދާ މީހުންނާއި އިތުރުން ފުރުސަތުތައް ހޯދުމަށް ޝައުޤުވެރިވާ ކޮންމެ މީހަކުވެސް "ވަރަ އެކްސްޕޯ 2026" ގައި ބަހައްޓާފައިވާ އެމްއައިބީގެ ސްޓޯލަށް ޒިޔާރަތްކޮށް، އެ ބޭންކާއެކު ކުރިއަށްދިއުމަށް ހުރި ފުރުސަތުތައް ބަލާލުމަށް އެމްއައިބީން ދަޢުވަތު ދީފައިވެއެވެ.