ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ކ. ކާށިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކޮށްފައިވަނިކޮށް ޕާޓީން ވަކިކޮށް ޓިކެޓު އަތުލި މައްސަލައިގައި، އެ ޕާޓީއާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޢަބްދުﷲ ޖާބިރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމަށް ހާޒިރުނުވުމުން އެ މައްސަލައިގެ ދައުވާ ފޯމު ކޯޓުން ބާތިލުކޮށްފިއެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ދައުވާއާ ގުޅިގެން މައްސަލައިގެ އަޑުއެހުމެއް 24 ނޮވެންބަރު 2026 އަށް ތާވަލުކޮށް، އަޑުއެހުމުގައި ބައިވެރިވުމަށް ޖާބިރުގެ ވަކީލަށް ކޯޓު އަމުރު ވަނީ ރައްދުކޮށްފައެވެ. ނަމަވެސް އެ އަޑުއެހުމަށް ދައުވާކުރާ ފަރާތުން ނުވަތަ އެ ފަރާތުން އައްޔަންކޮށްފައިވާ ފަރާތަކުން ވެސް ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ.
ސިވިލް ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 20 ވަނަ މާއްދާގައިވާ ގޮތުން، ކޯޓަށް ބަލައިގަނެވޭނެ އަމިއްލަ ބާރު ނުފޯރާ ފަދަ ސަބަބެއް މެދުވެރިވެގެން ނޫން ގޮތަކަށް ކޯޓަށް ހާޒިރުނުވެއްޖެނަމަ، ދައުވާ ފޯމު ބާތިލުކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ. އެހެންކަމުން މައްސަލަ ބެއްލެވި ގާޟީ ޒުލައިޚާ ޝީޒާ ވަނީ ޖާބިރުގެ ފަރާތުން ހުށަހެޅި ދައުވާ ފޯމު ބާތިލުކޮށް މައްސަލަ ނިންމަވާފައެވެ.
ޖާބިރުގެ ފަރާތުން އެމްޑީޕީގެ މައްޗަށް މި ދައުވާ ހުށަހަޅާފައިވަނީ 13 މާރިޗު 2024 ގައެވެ. އެ މައްސަލައިގައި ޖާބިރު ފާހަގަކުރައްވާފައިވަނީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ކާށިދޫ ދާއިރާއަށް ވާދަކުރުމަށް ބޭއްވި ޕްރައިމަރީ އޭނާ ކާމިޔާބުކޮށްފައިވަނިކޮށް، އާންމު މިންގަނޑާ ޚިލާފަށް ބޭއަދަބީ ބަހުރުވައިން މުއާމަލާތްކުރި ކަމަށް ބުނެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން އޭނާ ޕާޓީން ވަކިކޮށް ޓިކެޓު އަތުލީ އެމްޑީޕީގެ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށެވެ.
އަދި ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ޕާޓީން ވަކިކުރުމަށްފަހު، އެ ދާއިރާގެ ޓިކެޓު ޢަބްދުﷲ ނަސީރު ކިޔާ ފަރާތަކަށް ދިނުމަށް އެމްޑީޕީން ނިންމި ނިންމުން ބާތިލުކޮށްދިނުމަށާއި، ޖާބިރުގެ އިންތިޚާބީ ހައްގު އިއާދަކޮށްދީ ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ވެސް ދައުވާގައި އެދިފައިވެއެވެ.
ނަމަވެސް، ކޯޓުން ތާވަލުކުރި އަޑުއެހުމަށް ޖާބިރުގެ ފަރާތުން ހާޒިރުނުވުމާ ގުޅިގެން ކޯޓުން މިހާރު ވަނީ މި މައްސަލަ ބާތިލުކޮށްފައެވެ.