ރަކީދޫ ރައްޔިތުން އެއްބަސްވާ ނަމަ މާލެ ކައިރިއަށް ބަދަލުކުރަން ތައްޔާރު: މުއްތަލިބު

ވ. ރަކީދޫ --- ފޮޓޯ: ފޭސްބުކް، ރަކީދޫ އައިލެންޑް

އާބާދީ ވަރަށް ބޮޑަށް މަދުވެފައިވާ ވ. ރަކީދޫގެ ރައްޔިތުން އެއްބަސްވާ ނަމަ، މާލެއާ ކައިރި ސަރަހައްދަކަށް އެ ރަށުގެ ރައްޔިތުން ބަދަލުކުރުމަށް ސަރުކާރުން ތައްޔާރަށް އޮތް ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ރަކީދޫ ރައްޔިތުން މާލެއާ ކައިރި ތަނަކަށް ބަދަލުވުމުގެ މަޝްވަރާތައް ފެށިފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ވާހަކަދެއްކި ގިނަ ރައްޔިތުން އެދިފައިވަނީ މާލެއާ ކައިރި ރަށަކަށް ބަދަލުކޮށްދިނުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ރަކީދޫ ރައްޔިތުން މިހާތަނަށް ބަދަލުނުކުރެވި އޮތީ އެ ރަށުގެ ހުރިހާ ރައްޔިތުން އެ ކަމަށް އެއްބަސްނުވާތީ ކަމަށެވެ. އަދި ރައްޔިތުން ބަދަލުވާން ބޭނުންވާ ނަމަ ރަސްމާލެ ނޫނަސް، ވީހާވެސް އަވަހަކަށް އާބާދުކުރެވޭ މާލެ ކައިރި ސަރަހައްދަކަށް އެ މީހުން ބަދަލުކުރުމަށް ސަރުކާރުން އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ އެދުމުގެ މަތިން މީހުން ބަދަލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މިސާލެއްގެ ގޮތުގައި ވަޒީރު ދެއްކެވީ މ. ރަތްމަންދޫ ރައްޔިތުން ކ. ތުލުސްދުއަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢެވެ. އެގޮތުން، ރަތްމަންދޫ ރައްޔިތުންނަށް ތުލުސްދޫން ގޯތި ދީގެން އެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހުށަހަޅާފައިވާ ޕްރޮޕޯސަލެއް މިހާރު އިވެލުއޭޓްކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

https://sun.mv/218664

"އިރާދަކުރެއްވިއްޔާ ހަމަ އެ އުސޫލުން އެ ރަށުގެ ރައްޔިތުން ބޭނުންވާ ނަމަ އަޅުގަނޑުމެންނަށް ރަކީދޫ ރައްޔިތުން ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނަން. އަޅުގަނޑުމެން ގަދަކަމަކުން އެއްވެސް ރައްޔިތެއް ބަދަލެއް ނުކުރާނަން،" ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އާބާދީގެ ގޮތުން އެންމެ ކުޑަ އެއް ރަށް ކަމަށްވާ ވ. ރަކީދޫ ކައުންސިލުގެ އިދާރީ މުވައްޒަފުން އިސްތިއުފާދިނުމާ ގުޅިގެން، އެ ރަށު ކައުންސިލުގެ އިދާރީ ޚިދުމަތްތައް ހުއްޓިފައި އޮތް ދުވަސްކޮޅެއް ވެސް ދިޔައެވެ. އެހެންވެ އެ ރަށު ރައްޔިތުން ނިކުމެ، ކައުންސިލު އިދާރާ ވެސް ބަންދުކުރިއެވެ.

comment ކޮމެންޓް