ލ. އިސްދޫގައި ތަރައްގީކުރާ އެ އަތޮޅުގެ ދެވަނަ އެއާޕޯޓުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި، އެ މަސައްކަތް ހަވާލުކުރުމަށްޓަކައި މިހާރު އަގު ލިބި، އެވޯޑުކުރުމުގެ މަރުހަލާއަށް ޓެންޑާ ބޯޑަށް ފޮނުވާފައިވާ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިސްދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޝަފީޢު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. މަޖިލީހުގައި މެންބަރު ޝަފީޢު ވަނީ އިސްދޫ ދާއިރާއަށް ނިސްބަތްވާ މުހިންމު ދެ މަޝްރޫއަކާ ގުޅޭގޮތުން ވަޒީރާ ސުވާލު އަމާޒުކުރައްވާފައެވެ.
އެގޮތުން މެންބަރު ކުރެއްވި ފުރަތަމަ ސުވާލަކީ އިސްދޫ-ކަލައިދޫ އަދި ދަނބިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައި އޮތް ނަމަވެސް، އަމަލީ މަސައްކަތް ނުފެށި ލަސްވާތީ އެ މަސައްކަތް ފެށޭނެ ތާރީޚަކާ ގުޅޭގޮތުންނެވެ. އަދި ދެވަނަ ސުވާލެއްގެ ގޮތުގައި މެންބަރު އެއްސެވީ އިސްދޫ-ކަލައިދޫގައި އަޅަން ނިންމާފައިވާ އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށޭނީ ކޮން ތާރީޚެއްގައިތޯއެވެ.
އެއާޕޯޓާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު މުއްތޮލިބު ވިދާޅުވީ، އިސްދޫ-ކަލައިދޫގައި އަޅާ ލ. އަތޮޅުގެ ދެވަނަ އެއާޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ. އެގޮތުން އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް މިހާރު އަގު ލިބި، އެވޯޑުކުރުމަށްޓަކައި ޓެންޑާ ބޯޑަށް ފޮނުވާފައިވާ ކަމަށް ވިދާޅުވިއެވެ.
"އިސްދޫ-ކަލައިދޫ އެއާޕޯޓުގެ މަސައްކަތް ފެށުމަށް މިހާރު އަގު ލިބި، ޓެންޑާ ބޯޑަށް ވަނީ ފޮނުވާފައި،" މިނިސްޓަރު ވިދާޅުވިއެވެ.
ފެނާއި ނަރުދަމާގެ މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އިސްދޫ-ކަލައިދޫ ނަރުދަމާއަކީ ވަރަށް ދުވަސްވީ ނިޒާމަކަށް ވުމުން އެ ނިޒާމު އެއްކޮށް ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ މަރުހަލާ ކަމަށާއި، ފައިސާ ހަމަޖެހުނުހާ އަވަހަކަށް އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، ލ. އަތޮޅުގައި ތަރައްގީކުރާ ދެވަނަ އެއާޕޯޓު އެ އަތޮޅު އިސްދޫ ކަލައިދޫގައި އެޅުމަށް ސަރުކާރުން ނިންމައި އެކަން އިއުލާނު ކުރީ މި އަހަރުގެ ޖޫންމަހުގެ 25 ގައެވެ.
މިކަން ހާމަކޮށްފައި ވަނީ މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން އާންމުކުރި ވީޑިއޯ ރިޕޯޓެއްގައެވެ.
ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަތީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެ އަތޮޅު މާވަށަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައެވެ.
އެމަނިކުފާނު ވިދާޅުވެފައި ވަނީ މި އެއާޕޯޓު ތަރައްގީކުރާނީ ދުރުރާސްތާއަށް ވިސްނައި، އިގްތިސާދީ ގޮތުން ދެމެހެއްޓެނިވި ތަރައްގީ ހާސިލުވާނެ ގޮތަކަށް ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ގިނަ ރިސޯޓުތަކެއް ތަރައްގީކުރެވެން އޮތް ސަރަހައްދެއްގައި އެއާޕޯޓު އެޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.