އަލިފާން ރޯވި މާލޭ ގެއެއްގެ 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

އުނިހިޔާގޭގައި އަލިފާން ރޯވެފައި-- ފޮޓޯ: އެންޑީއެމްއޭ

މާލޭގެ ހ. އުނިހިޔާގޭގައި ދިރިއުޅުނު 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން އިއްޔެ ހަމަޖައްސައިދީފިއެވެ.

އެންޑީއެމްއޭއިން ބުނި ގޮތުގައި، މި އިންތިޒާމު ހަމަޖައްސައިދިނީ އެ ގޭގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެންނެވެ.

އުނިހިޔާގޭގެ ތިންވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓުކޮށްފައިވަނީ އިއްޔެ މެންދުރުފަހު 15:00 ހާއިރުއެވެ. އެއަށްފަހު، އެމްއެންޑީއެފްގެ ފަޔާފައިޓަރުން ކުރި މަސައްކަތުން އެ ގޭގެ ކޮޓަރިއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ އިއްޔެ ހަވީރު 4:19 ހާއިރުއެވެ. މި ހާދިސާގައި އެ ގެއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.

މި ހާދިސާއާ ގުޅިގެން އެ ގޭގައި ދިރިއުޅުނު 23 މީހަކަށް ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން 18 އަހަރުން މަތީގެ 20 މީހުންނާއި 18 އަހަރު ނުވާ ތިން ކުދިން ކަމަށާއި، މި ހާދިސާގައި އެންމެ ބޮޑަށް ގެއްލުންވި ހަތަރުވަނަ ފަންގިފިލާގައި ދިރިއުޅުނު ހަތް މީހަކަށް އަންނައުނުވެސް ފޯރުކޮށްދީފައިވާ ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވި ނަމަވެސް، އެ ގޭގެ ހަތަރުވަނަ އަދި ފަސްވަނަ ފަންގިފިލާއަށް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވެފައިވަނީ ކަރަންޓު ޝޯޓެއް ވެގެންކަން ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

comment ކޮމެންޓް