އައިފޯން ޑުއޯގެ ލޮކް ސްކްރީނަށް އައު ވިޖެޓް ލޭއައުޓެއް ތައާރަފުކުރަނީ

މި އައު ލޭއައުޓްގެ ސަބަބުން ފޯނު އަންލޮކް ނުކޮށް ލޮކް ސްކްރީނުން އިތުރު މައުލޫމާތުތައް ބެލޭނެ ---

އެޕަލްގެ ފުރަތަމަ ފަށްޖަހައިލެވޭ ނުވަތަ ފޯލްޑަބަލް ފޯނު ކަމަށްވާ އައިފޯން ޑުއޯގެ ލޮކް ސްކްރީނަށް އިތުރު ވިޖެޓްތަކެއް ހިމެނޭ އައު ލޭއައުޓެއް ތައާރަފުކުރުމަށް އެ ކުންފުނިން ތައްޔާރުވަމުންދާ ކަމަށް ޓެކްނޮލޮޖީ ޚަބަރުތައް ގެނެސްދޭ ފަރާތްތަކުން ބުނެފިއެވެ.

މި އައު ލޭއައުޓްގެ ސަބަބުން ފޯނު އަންލޮކް ނުކޮށް ލޮކް ސްކްރީނުން އިތުރު މައުލޫމާތުތައް ބަލައިލުމުގެ ފުރުސަތު ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ. ޕީޑީއެފްޔޫ ނަމަކަށް ކިޔާ ޓިޕްސްޓަރަކު އެކްސްގައި ހިއްސާކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، "ކޮމްޕްލިކޭޝަން ކޮލަމް" ގެ ނަން ދީފައިވާ މި ފީޗާ މެދުވެރިކޮށް ސްކްރީނުގެ ކަނާތްފަރާތުގައި ހުންނަ ފްލޭޝްލައިޓާއި ކެމެރާ ޝޯޓްކަޓްގެ މަތީގައި ވަށް ބައްޓަމަށް ހުންނަ ދެ ވިޖެޓް ބެހެއްޓޭނެއެވެ.

މިހާރުވެސް ލޮކް ސްކްރީނުގައި ހުންނަ ވިޖެޓްތަކުގެ ބައި ބަދަލުނުކޮށް ބަހައްޓައިގެން، މި އައު ކޮލަމްގައި އިތުރު ވިޖެޓްތައް ހިމެނުމުގެ އިޚްތިޔާރު ލިބޭނެ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އައިއޯއެސް 27.1 ގެ އެތެރޭގެ ސެޓިންގްސްތަކުން މި ފީޗާއާ ގުޅޭ އިޝާރާތްތަކެއް ފެނިފައިވީ ނަމަވެސް، އެޕަލްއިން އަދި މި ފީޗާ އާންމުކޮށް ހުޅުވާލާފައެއް ނުވެއެވެ.

މީގެ އިތުރުން އެޕަލްއިން ވަނީ ދާދިފަހުން ނެރުނު އައިއޯއެސް 27.3 ބީޓާ އަޕްޑޭޓާއެކު އައިފޯން ޑުއޯއަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އޭގެ ތެރޭގައި ފޯނު ލައްޕާލާފައި އޮންނަ ވަގުތު ފްރަންޓް ކެމެރާ ބޭނުންކޮށްގެން ފޯނު އަންލޮކް ކުރެވޭނެ ގޮތް ހެދުމާއި، ފޯނު ލައްޕާލުމުން އޮޓޮމެޓިކުން ލޮކްވާ "ކްލޯޒް ޓު ލޮކް" ސެޓިންގް ހިމެނެއެވެ.

އެޕަލްއިން ހާމަކޮށްފައިވާ ގޮތުގައި އައިފޯން ޑުއޯއަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ދެލައްކައަށްވުރެ ގިނަ އެޕްލިކޭޝަން މިހާރު ބޭނުންކުރެވޭނެއެވެ.

އައިފޯން ޑުއޯގެ ސޮފްޓްވެއާއަށް މިފަދަ ކުރިއެރުންތަކެއް ގެންނަމުންދާއިރު، އެ ފޯނުގެ ދެވަނަ ޖީލު ކަމަށްވާ އައިފޯން ޑުއޯ 2 އަންނަ އަހަރުގެ ފަހުކޮޅު ނެރުމަށް އެޕަލްއިން މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ.

އައު މޮޑެލްގައި ޓެލެފޮޓޯ ކެމެރާއަކާއި، ލުއި އަދި ތުނި ޑިޒައިނެއްގެ އިތުރުން އެކްޝަން ބަޓަނެއް ހިމެނޭނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް