ލީބިޔާގެ ބަނދަރެއްގައި އޮތް ރަޝިއާގެ އުޅަނދަކަށް ހަމަލާދިންކަމަށް ޔުކްރެއިން އެއްބަސްވެއްޖެ

ޔުކްރެއިނުން ހަމަލާދިން ރަޝިއާ ގެ އުޅަނދު

ކިޔޭވް (23 ނޮވެންބަރު 2026) : ލީބިޔާގެ އިރުމަތީ ސަރަހައްދުގެ އަސްކަރީ ބަނދަރެއްގައި އޮތް ރަޝިއާގެ އަސްކަރީ ބޯޓަކަށް ހަމަލާދިނީ ޔުކްރެއިނުންކަމަށް އެގައުމުގެ ރައީސް ވްލަދިމިޔަ ޒެލެންސްކީ އެއްބަސްވެ ވަޑައިގެންފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒެލެންސްކީ ވިދާޅުވީ ލީބިޔާގައި އޮތް ރަޝިއާގެ އަސްކަރީ އުޅަނދަކަށް ހަމަލާދެވުމަކީ ޔުކްރެއިނުން ހިންގި ވަރަށް ކާމިޔާބު ނަމުނާ ހަމަލާއެއްކަމުގައެވެ. ލީބިޔާ އަކީ މެޑިޓަރޭނިއަން ކަނޑުގެ މެދެއްހާ ހިސާބުގައި އޮންނަ ގައުމަކަށްވާއިރު މިއީ ޔުކްރެއިން އާ ގާތްގަނޑަކަށް 3500 ވަރަކަށް ކިލޯމީޓަރު ދުރުގައިވާ ހިސާބެކެވެ. މިހާ ދުރުގައި އޮތް ރަޝިއާގެ އުޅަނދަކަށް ހަމަލާދިނުމަކީ މީގެކުރިން ޔުކްރެއިންއަށް ކުރެވިފައިވާ ކަމެއްނޫނެވެ. ޒެލެންސްކީ ވަނީ މިއޮޕަރޭޝަން ހިންގި ޔުކްރެއިންގެ ދިފާއީ ބާރުތަކާއި ޖާސޫސީ އިދާރާތަކުގެ ވެރިންނަށް ޝުކުރު އަދާކުރައްވައިފައެވެ.

ލީބިޔާގައި އުފެދިފައިވާ ސިޔާސީ ބައިބައިވުންތަކާއެކު ލީބިޔާގައި ދެ ސަރުކާރު އޮވެއެވެ. އެއް ސަރުކާރު އޮންނަނީ ލީބިޔާގެ ވެރިރަށް ޓްރިޕޮލީގައެވެ. އެސަރުކާރުގެ ބާރު ހިނގަނީ ލީބިޔާގެ ހުޅަނގުގެ ސަރަހައްދުތަކަށެވެ. އަނެއް ސަރުކާރު ހަރަކާތްތެރިވަނީ ލީބިޔާގެ އިރުމަތީ ސަރަހައްދުތަކުގައެވެ. މިސަރުކާރުގެ މައި މަރުކަޒުތައް ހުންނަނީ ލީބިޔާގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ބެންގާޒީގައެވެ. ރަޝިއާގެ އަސްކަރީ އުޅަނދު ބަނދަރުކޮށްފައިއޮތީ ބެންގާޒީ ގެ ކައިރީގައިވާ ލީބިޔާގެ އަސްކަރީ ބަނދަރެއްގައެވެ. މި އުޅަނދުގެ ނަމަކީ 'މާކިއުރީ' އެވެ. މިއީ ވަރަށް ކުޑަ އުޅަނދެކެވެ.

ލީބިޔާގެ މަސްދަރުތަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިއުޅަނދު ލީބިޔާގެ އަސްކަރީ ބަންދަރެއްގައި މަޑުކުރީ ލީބިއާއާއި ރަޝިއާ ސޮއިކޮށްފައިވާ ކަނޑުގެ ދަތުރުފަތުރުތަކާބެހޭ އެއްބަސްވުންތަކުގެ ދަށުންނެވެ. އެއުޅަނދަށް ބޭނުންވާ ތެލާއި އެހެނިހެން ވަސީލަތްތައް ލީބިޔާއިން ބަރުކުރުމަށެވެ. އެއީ އެއުޅަނދު މެޑިޓަރޭނިއަން ސަރަހައްދުގައި ކުރި ދަރުރަކަށްފަހު އެނބުރި ރަޝިއާއަށް ދިއުމުގެ މަގުމަތީގައެވެ. ބެންގާޒީ ގައި ގާއިމްކޮށްފައިވާ ލީބިޔާގެ ސަރުކާރު ބުނާގޮތުން ރަޝިއާގެ އުޅަނދަށް ހަމަލާދިނީ ޑްރޯނަކުންނެވެ. މި ޑްރޯން އައިކަމަށް ބެލެވެނީ ލީބިޔާގެ އިރުމަތީގެ ސަރަހައްދަކުންނެވެ.

މިއާއެކު ލީބިޔާގެ އިރުމަތީ ސަރަހައްދެއްގައި ގަވައިދާ ޚިލާފަށް ޔުކްރެއިންގެ އަސްކަރީންގެ ބަޔަކު ސިއްރިޔާތުގައި ތިބިތޯ ވަނީ ސުވާލު އުފެދިފައެވެ. މިކަން ބަލަމުންގެންދާކަމަށް ލީބިޔާގެ މަސްއޫލުވެރިއަކުވަނީ ވިދާޅުވެފައެވެ. ރަޝިއާއިން މިކަމާ ގުޅޭގޮތުން އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. ރިޕޯޓްތައް ބުނާގޮތުން މި ހާދިސާގައި ރަޝިއާ އަދި ލީބިޔާގެ ރައްޔިތުން ހިމެނޭހެން ޖުމްލަ 10 މީހަކު ޒަޚަމްވެގެން ބެންޣާޒީގެ ހޮސްޕިޓަލެއްގައި ދަނީ ފަރުވާ ދެމުންނެވެ. ޔުކްރެއިންގެ ހަމަލާގައި ރަޝިއާގެ އުޅަނދަށް ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށްވެއެވެ. މި ހަމަލާގެ އިތުރުން ބެންޣާޒީގެ އައްސޭރިފަށުން ބޭރުގައި އޮތް މޯލްޓާގެ އާގުބޯޓަކަށްވެސް ޑްރޯނެއް ބޭނުންކޮށްގެން ހަމަލާ އެއް ދީފައިވާ ކަމަށާ ލީބިޔާގެ ކަނޑުގެ ސިފައިން ވަނީ އެ އުޅަނދުގެ ފަޅުވެރިން ސަލާމަތްކޮށްފައި ކަމަށް ލީބިޔާގެ އަސްކަރީ ފަރާތްތަކާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު