ބަރުދަން ލުއިކުރާ ބޭސް ބޭނުންކުރާނަމަ ބަރު އުފުލާ ކަސްރަތުކުރުން މުހިންމު: ދިރާސާ

ބަރުދަން ލުއިކުރުމަށް ބޭނުންކުރާ ބާރުގަދަ ބޭސްތައް ބޭނުންކުރާ މީހުން ހަފުތާއަކު ތިން ދުވަހު ބަރު އުފުލާ ކަސްރަތު ނުވަތަ ރެސިސްޓެންސް ޓްރެއިނިން ހެދުމަކީ، ހަށިގަނޑުގެ މަސްތައް ވިރިގެންދިޔުން ކުޑަކޮށްދީ، ހަށިގަނޑުގެ ބާރު ދެމެހެއްޓުމަށް ނުހަނު ބޭނުންތެރި ކަމެއްކަން އާ ދިރާސާއަކުން ދައްކައިފިއެވެ.

އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ވެސްޓާން އޮސްޓްރޭލިއާއިން ކުރިއަށްގެންދިޔަ މި ދިރާސާގެ ހޯދުންތައް މަޝްހޫރު ސައިންސް ޖާނަލް "ނޭޗަރ މެޑިސިން" ގައި ވަނީ ޝާއިއުކޮށްފައެވެ.

މި ދިރާސާގައި އޮޒެމްޕިކް އަދި މައުންޖާރޯ ފަދަ ޖީ.އެލް.ޕީ-1 މަރުކާގެ ބޭސްތަކުގެ ތެރެއިން ޓިރްޒެޕަޓައިޑް ބޭނުންކުރާ މީހުންނަށް ކަސްރަތުގެ ސަބަބުން ކުރާ އަސަރު ވަނީ ބަލާފައެވެ.

ސާޅީސް ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަޖުރިބާގައި، އުމުރުން 50 އަހަރާއި 70 އަހަރާ ދެމެދުގެ، އާދަޔާ ޚިލާފަށް ފަލަ 120 މީހުން ބައިވެރިކުރިއެވެ.

މި ދިރާސާގެ ބައިވެރިން ދެ ގްރޫޕަކަށް ބަހާލިއިރު، އެއް ގްރޫޕުގެ މީހުންނަށް ބޭހާއެކު ހަފުތާއަކު ތިން ދުވަހު ބަރު އުފުލާ ކަސްރަތު ކުރުމަށް އިރުޝާދު ދެވުނެވެ. އަނެއް ގްރޫޕުގެ މީހުންނަށް ދެވުނީ ހަމައެކަނި ބޭހެވެ.

https://sun.mv/230369

ދިރާސާގެ ނިމުމާ ހަމައަށް އައިއިރު، ދެ ގްރޫޕުގެ މީހުންގެ ބަރުދަނުންވެސް ގާތްގަނޑަކަށް އެއްވަރަކަށް، އެވްރެޖްކޮށް 22 ކިލޯގްރާމް (ގާތްގަނޑަކަށް 50 ޕައުންޑް) ލުއިވެފައިވެއެވެ.

ނަމަވެސް، ބަރު އުފުލާ ކަސްރަތު ކުރި މީހުންގެ ހަށިގަނޑުން ގެއްލުނު މަސް ނުވަތަ 'ލީން މާސް' ގެ މިންވަރު، ކަސްރަތު ނުކުރާ މީހުންނާ އަޅާބަލާއިރު 25 އިންސައްތަ މަދުކަން ވަނީ ފާހަގަކުރެވިފައެވެ.

މީގެ އިތުރުން، ކަސްރަތު ކުރި މީހުންގެ ހަށިގަނޑުގެ މަތީބަޔާއި ތިރީބައިގެ ބާރު 10 އިންސައްތަ އިތުރުވެފައިވާއިރު، ކަސްރަތު ނުކޮށް ހަމައެކަނި ބޭސް ބޭނުންކުރި މީހުންގެ ހަށިގަނޑުގެ ބާރު ވަނީ 10 އިންސައްތަ ދަށްވެފައެވެ.

މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޕްރޮފެސަރު ޑެނީ ގްރީން ވިދާޅުވި ގޮތުގައި، ކޮންމެ ގޮތަކަށް ބަރުދަން ލުއިކުރި ނަމަވެސް ހަށިގަނޑުން ސަރުބީގެ އިތުރުން މަސްތައް މަދުވުމަކީ ހިނގާނެ ކަމެކެވެ.

ބަރުދަން ލުއިކުރާ ބޭސްތަކާއެކު ބަރު އުފުލާ ކަސްރަތު ކުރުމަކީ ބޭސްވެރިކަމުގެ ފަރުވާގެ ބައެއްގެ ގޮތުގައި ހިމަނަންޖެހޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސަބަބަކީ، ހަމައެކަނި ތިލަފަތުން ދައްކާ ބަރުދަން ލުއިކުރުމުގެ ބަދަލުގައި، އުމުރުން ދުވަސްވާއިރު އެހެން މީހުންނަށް ބަރޯސާނުވެ އަމިއްލައަށް އުޅެވޭނެ ފަދަ ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް މަސްތައް ވަރުގަދަކޮށް ބެހެއްޓުން މުހިންމުވާތީ ކަމަށް ދިރާސާވެރިން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް