މީހުން ހީކުރަނީ އަހަންނަކީ ބަލިކަށި މީހެއް ކަމަށް، އެކަމަކު ކެތްތެރިވުމުގެ ހިތްވަރު އެބަހުރި: ބާބިލް ޚާން

ބޮލީވުޑްގެ ޒުވާން އެކްޓަރު ބާބިލް ޚާން--ފޮޓޯ/އެންޑީޓީވީ

ބޮލީވުޑްގެ ކުރީގެ އެކްޓަރު އިރްފާން ޚާންގެ ދަރިފުޅު ބާބިލް ޚާންއަކީ އޭނާގެ ޖަޒުބާތީ މިޒާޖުގެ ސަބަބުން ސޯޝަލް މީޑިއާގައި އަބަދުވެސް ގިނަ ބައެއްގެ ފާޑުކިޔުންތަކާއި މަލާމާތް ރައްދުވާ ފަންނާނެކެވެ. ނަމަވެސް، ރަޗިތު ސިންގްއަށް ދިން ޚާއްޞަ އިންޓަވިއުއެއްގައި ބާބިލް ވަނީ ސޯޝަލް މީޑިއާގެ އެފަދަ ފާޑުކިޔުންތަކަށް ރައްދުދީ، ނޭދެވޭ ވާހަކަތަކުން ނަފްސު ދުރުހެލިކޮށް ހިތްހަމަޖެހުން ހޯދަން މިހާރު ދަސްވެފައިވާކަން ހާމަކޮށްފައެވެ.

ފިލްމީ ދާއިރާގައި ހޭދަކުރި ހަ އަހަރުގެ ދިގު ދަތުރުގެ ތަޖުރިބާ ހިއްސާކުރަމުން ބާބިލް ބުނީ، އޭނާ އަމިއްލަ އަސްލު ސިފައިގައި ދެމިހުރުމަށްޓަކައި އެއްވެސް މީހެއްގެ ކިބައިން މާފަށް އެދެން ނުޖެހޭކަން މިހާރު ވިސްނިފައިވާ ކަމަށެވެ. އެގޮތުން އޭނާގެ މިޒާޖުގެ ސަބަބުން މީގެ ކުރިން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، މިހާރު އެކަންކަމާ މާ ބޮޑު ފަރުވާލެއް ނުބަހައްޓާ ކަމަށް އޭނާ ފާހަގަކުރިއެވެ.

"އަދިވެސް ހިތަށް ތަދުވޭ، އެކަމަކު އެ ތަދުގެ ބާރު މިހާރު ވަރަށް ކުޑަ. އަހަންނަކީ އަދިވެސް ހިތުގައި އޮންނަ އެއްޗެއް ފޮރުވުމެއްނެތި ހާމަކުރާ މީހެއް. އެކަމަކު މިހާރު އެ ހިތާމަތަކާ ދުރުހެލިވެ، އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިގެން ކުރިއަށް ދާން އަހަންނަށް އެނގޭ،" ބާބިލް ބުނެފައިވެއެވެ.

ބާބިލް އޭނާގެ ބައްޕަ އިރުފާން ޚާން އަދި މަންމައާ އެކު--ފޮޓޯ/އެންޑީޓީވީ

ބާބިލް އިތުރަށް ބުނީ، އޭނާގެ ޖަޒުބާތީ މިޒާޖަކީ ބަލިކަށިކަމެއްގެ ގޮތުގައި ގިނަ ބަޔަކު މާނަކުރާ ކަމަށެވެ. އެހެންކަމުން، މީހުންނަށް އޭނާއާ މެދު އެންމެ ބޮޑަށް އޮޅިފައި އޮންނަ ކަމަކީ، އޭނާއަކީ ބަލިކަށި އަދި ކަންކަން ތަހައްމަލު ކުރުމުގެ ހިތްވަރު ނެތް މީހެއް ކަމަށް ހީކުރުން ކަމަށްވެސް އޭނާ ބުންޏެވެ.

މިފަދަ ފާޑުކިޔުންތަކަށް އޭނާ އެންމެ ބޮޑަށް ހުށަހެޅުނު އެއް ހާދިސާއަކީ 2024 ވަނަ އަހަރު ބޭއްވި ހަފުލާއެއްގައި ހިނގި ކަމެކެވެ. އެ ހަފުލާގައި އަންހެނަކު ފޮޓޯ ނަގަން ހުއްޓައި އޮޅިގެން އެ ފޮޓޯއަށް އެރުމުން، ބާބިލް ތަކުރާރުކޮށް އެ އަންހެން މީހާގެ ކިބައިން މާފަށް އެދޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވިއެވެ. އެ ވީޑިއޯއާ ގުޅިގެން ސޯޝަލް މީޑިއާ ބޭނުންކުރާ ބައެއް ފަރާތްތަކުން އޭނާއަކީ "ދެއްކުންތެރި" މީހެއްގެ ގޮތުގައި ސިފަކޮށް ފާޑުކިޔާފައިވެއެވެ.

އެ ހާދިސާއާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް އަލިއަޅުވާލަމުން ބާބިލް ހާމަކުރި ގޮތުގައި، ރެޑް ކާޕެޓްގައި އެހެން މީހެއްގެ ޚާއްޞަ ވަގުތުކޮޅަކަށް ހުރަސްއެޅުމުން އެ މީހެއްގެ ކިބައިން މައާފަށް އެދުމަކީ ކޮންމެ މީހެއްގެ ތަބީޢަތުގައި ވެސް ހުންނާނެ ކަމެކެވެ. ނަމަވެސް، އެ ވަގުތު ކަންތައް ކުރެވުނު ގޮތާ މެދު ޝައްކުތަކެއް އުފެދުނު ކަމަށާއި، ބޭރުފުށުން ބަލާ މީހުންނަށް އެއީ މާ ބޮޑަށް އެކްޓުކުރަނީ ކަމަށް ހީވެދާނެކަން އޭރުވެސް އިހުސާސްވި ކަމަށް އޭނާ ބުންޏެވެ.

ކެމެރާ އެސިސްޓެންޓެއްގެ ގޮތުގައި ފިލްމީ ދާއިރާގެ މަސައްކަތް ފެށި ބާބިލް ޚާން އެކްޓިންގްއަށް ތައާރަފުވީ 2022 ވަނަ އަހަރު ނުކުތް ފިލްމު 'ގާލާ'އިންނެވެ. ބަތަލާ ތުރިޕްތީ ދިމްރީ އަދި ސްވަސްތިކާ މުކަރްޖީއާއެކު އޭނާ ކުޅުނު އެ ފިލްމަށްފަހު، "ދަ ރެއިލްވޭ މެން" ސީރީޒްގައި އޭނާ ދެއްކި ތަފާތު މޮޅު އެކްޓިންގްއަށް ގިނަ ބައެއްގެ ތައުރީފު އޮހިގެންދިޔައެވެ. ހަމަ އެ އަހަރު ޖޫހީ ޗާވްލާއާއެކު "ފްރައިޑޭ ނައިޓް ޕްލޭން" ކިޔާ ކޮމެޑީ ފިލްމަކުންވެސް އޭނާގެ ހުނަރު ފެނިގެންދިޔައެވެ.

އެންމެ ފަހުން 2025 ވަނަ އަހަރު ނުކުތް "ލޮގްއައުޓް" ފިލްމަށްފަހު ބާބިލް ވަނީ ފިލްމީ ދާއިރާގެ ހަލަބޮލިކަމާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ކުޑަ ބްރޭކެއް ނަގާފައެވެ. އެއަށްފަހު، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އަލުން ސޯޝަލް މީޑިއާއަށް އެނބުރި އައިސް، މި އަހަރުގެ ކުރީކޮޅު އޭނާ ވަނީ އާ ޕްރޮޖެކްޓެއްގެ މަސައްކަތް ފަށާފައެވެ. ނަމަވެސް، އެ ޕްރޮޖެކްޓާ ބެހޭ އިތުރު ތަފްސީލުތައް އަދި އާންމުންނާ ހަމައަށް ތިލަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް