ރޮހިންގާ ގަތުލުއާންމުގެ މައްސަލައިގައި ރާއްޖެއިން ހުށަހެޅި ގާނޫނީ ނުކުތާތަކަށް އައިސީޖޭގެ ތާރީޚީ ހުކުމުގައި ތާއީދުކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަޙްމަދު އުޝާމް -- ފޮޓޯ: އޭޖީ އޮފީސް

ރޮހިންގާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިޔަންމާއިން ހިންގި ގަތުލުއާންމުގެ މައްސަލައިގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިއްވި ތާރީޚީ ހުކުމުގައި، މި މައްސަލައަށް ތަދައްޚުލުވެ ދިވެހިރާއްޖެއިން ހުށަހެޅި މުހިންމު ގާނޫނީ ނުކުތާތަކަށް އެ ކޯޓުން ތާއީދުކޮށްފިއެވެ.

ރޮހިންގާ ދަރިކޮޅުގެ މީހުން ނައްތާލުމުގެ ނިޔަތުގައި މިޔަންމާއިން އަމަލުކޮށްފައިވާ ކަމަށް އައިސީޖޭއިން ކަނޑައެޅީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

https://sun.mv/230766

ބަންޑާރަނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ބެހޭ މުއާހަދާ (ޖެނޮސައިޑް ކޮންވެންޝަން) ގެ ބައިވެރިއެއްގެ ހައިސިއްޔަތުން މި މައްސަލައަށް ތަދައްޚުލުވާނެކަން އެންމެ ފުރަތަމަ އިޢުލާނުކުރި ގައުމަކީ ދިވެހިރާއްޖެ ކަމަށެވެ. އަދި މި މައްސަލައިގައި ރާއްޖޭގެ އޭޖެންޓެއްގެ ގޮތުގައި ބަންޑާރަނައިބު އަޙްމަދު އުޝާމް ހަރަކާތްތެރިވެވަޑައިގެންނެވިއިރު، ރާއްޖެ ތަމްސީލުކުރެއްވި ވަކީލުންނަކީ ބެރިސްޓާ އަދި ޕްރޮފެސާ އަމާލް ކްލޫނީ އާއި ބެރިސްޓާ އަދި ޕްރޮފެސާ ފިލީޕާ ވެބް ކޭސީއެވެ.

މި މައްސަލައިގައި ރާއްޖެއިން ހުށަހެޅި ހުށަހެޅުންތަކުގައި، ގަތުލުއާންމު ހިންގި ފަރާތްތަކަށް އަދަބު ދިނުމަށް މިޔަންމާގެ މައްޗަށް އޮތް ޒިންމާއަށާއި، މިނިވަން އަދި މުސްތަގިއްލު ޓްރައިބިއުނަލެއްގެ ކުރިމަތީގައި ކުށްވެރިންގެ މައްސަލަ ތަހުގީގުކޮށް ދައުވާކުރުމުގެ ވާޖިބަށް އަލިއަޅުވާލާފައިވެއެވެ.

ބަންޑާރަނައިބުގެ އޮފީހުން ފާހަގަކުރި ގޮތުގައި، އައިސީޖޭގެ ހުކުމުގައި ވަނީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން އުފުލަންޖެހޭ މުހިންމު އިލްތިޒާމުތަކާ ގުޅޭގޮތުން ރާއްޖެއިން ހުށަހެޅި ގާނޫނީ ނުކުތާތަކަށް ރިއާޔަތްކޮށްފައެވެ. އެގޮތުން ދައުލަތެއްގެ ސަރަހައްދުގައި ގަތުލުއާންމު ހިންގައިފިކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ފެންނަ ހިނދުން ފެށިގެން އެކަން އަވަސް، ހަރުދަނާ، ފުރިހަމަ، މިނިވަން އަދި ހެޔޮ ނިޔަތުގައި ތަހުގީގުކުރަންޖެހޭނެ ކަމަށް ރާއްޖެއިން ހުށަހެޅި ނުކުތާތަކަށް ދަ ގެމްބިއާއިން ތާއީދުކޮށްފައިވާކަން ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، ކޮންވެންޝަންގެ ދަށުން ހިންގޭ ޝަރީއަތްތަކުގައި އިންސާފުވެރި ޝަރީއަތެއްގައި ހުންނަންޖެހޭ އެންމެހައި ސިފަތައް ހުންނަންޖެހޭނެ ކަމަށާއި، ކަނޑައަޅާ އަދަބަކީ ގަތުލުއާންމު ކުށުގެ ކުޑަބޮޑުމިނާ އެކަށީގެންވާ، ކުރިމަގުގައި އެފަދަ އަމަލުތައް ހުއްޓުވުމަށް ބާރުއަޅާ އަދަބަކަށް ވާންޖެހޭނެ ކަމަށް ބަޔާންކޮށް ރާއްޖެއިން ހުށަހެޅި ހުށަހެޅުމަށް ވެސް ކޯޓުން ވަނީ ތާއީދުކޮށްފައެވެ. އަދި މި ޖަރީމާ ހިންގާ ހުރިހާ ފަރާތްތަކެއްގެ މައްޗަށް ދައުވާކޮށް، ހަރުކަށި އަދަބު ދެވޭނެ ފަދަ ގާނޫނީ އޮނިގަނޑުތައް ގައުމުތަކުން ގާއިމުކުރަންޖެހޭނެ ކަމަށް ރާއްޖެއިން ވަކާލާތުކުރި ނުކުތާއަށް ވެސް ހުކުމުގައި ރިއާޔަތްކޮށްފައިވެއެވެ.

އައިސީޖޭގެ މި ހުކުމާ ގުޅިގެން ބަންޑާރަނައިބު އުޝާމް ވިދާޅުވީ، ރާއްޖެއިން މި މައްސަލައަށް ތަދައްޚުލުވީ ގަތުލުއާންމު ހިންގާ ފަރާތްތަކަށް އަދަބު ނުލިބި ދޫވެފައި އޮތް އޮތުމާ ދެކޮޅުހަދައި، ޝިކާރައަކަށްވި ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް މަގުފަހިކުރުމަށް ކަމަށެވެ.

"ރޮހިންގާ ދަރިކޮޅުގެ މީހުންނަށް އިންސާފު ލިބެންޖެހޭ ކަމަށާއި، ދައުލަތުގެ މަތީ މަގާމުތަކުގައި ތިބޭ ފަރާތްތައް ވެސް ހިމެނޭހެން މިކަމުގައި ޒިންމާވާ އެންމެހައި ފަރާތްތަކުގެ މައްސަލަ މިޔަންމާއިން ވަގުތުން ތަހުގީގުކޮށް، ދައުވާކޮށް، އެފަރާތްތަކަށް އަދަބު ދޭންޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައެޅުއްވި ކަނޑައެޅުއްވުމަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔަން،" ބަންޑާރަނައިބު ވިދާޅުވިއެވެ.

https://sun.mv/230774

ބަންޑާރަނައިބު އިތުރަށް ވިދާޅުވީ، ޖެނޮސައިޑް ކޮންވެންޝަން ނެގެހެއްޓުމުގައާއި، ބައިނަލްއަގްވާމީ ބޮޑެތި ޖަރީމާތަކަށް އަދަބު ނުލިބި ދޫވެގެންދާ ދިއުން ހުއްޓުވުމަށާއި، ބައިނަލްއަގްވާމީ ގާނޫނުތަކުގެ ތެރެއިން އިންސާނީ ހައްގުތަކާއި ކަރާމާތް ރައްކާތެރިކުރުމަށް މަސައްކަތްކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ.

މި މައްސަލައަކީ ރޮހިންގާ ދަރިކޮޅު ނައްތާލަން މިޔަންމާއިން މަސައްކަތްކުރި ކަމަށް ތުހުމަތުކޮށް، 11 ނޮވެންބަރު 2019 ގައި ގެމްބިއާއިން އައިސީޖޭއަށް ހުށަހެޅި މައްސަލައެކެވެ. ގެމްބިއާއިން އެދުނީ 1948 ވަނަ އަހަރުގެ ޖެނޮސައިޑް ކޮންވެންޝަނާ މިޔަންމާއިން ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައި، ރޮހިންގާ މީހުންނަށް އަމާޒުކޮށް ހިންގާ ގާނޫނާ ޚިލާފު ޢަމަލުތައް ހުއްޓުވައި އަދަބު ދިނުމަށެވެ.

މިޔަންމާ އަސްކަރިއްޔާއިން ބުނަމުން ދިޔައީ އެއީ އަރަކާން ރޮހިންޖާ ސެލްވޭޝަން އާމީ (އާސާ)ގެ ހަނގުރާމަވެރިން ފުލުހުންގެ ޕޯސްޓުތަކަށް ދިން ހަމަލާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. ނަމަވެސް މި މައްސަލައިގެ ހުކުމް އިއްވަވަމުން އައިސީޖޭގެ ރައީސް ޔޫޖީ އިވަސާވާ ވިދާޅުވީ، މިޔަންމާގެ ސަލާމަތީ ބާރުތަކުން ރޮހިންގާ ދަރިކޮޅުގެ 10,000 އެއްހާ މީހުން މަރާލައި، ފުޅާ ދާއިރާއެއްގައި ޖިންސީ އަނިޔާކޮށް، ކުޑަކުދިންނަށް އަނިޔާދީފައިވާކަން ސާބިތުވާ ކަމަށެވެ.

comment ކޮމެންޓް