މެއިންޓެނަންސާއި ފެން ލީކުވުން ހިމެނޭހެން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އަށް މިހާތަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 87 އިންސައްތަ މައްސަލައަށް ހައްލު ހޯދައިދެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.
އެފްޑީސީން ބުނީ ކަސްޓަމާ ރިލޭޝަންޝިޕް މެނޭޖްމަންޓް (ސީއާރުއެމް) ސިސްޓަމް މެދުވެރިކޮށް "އަމާން އުދަރެސް" ޓަވަރުތަކާއި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ އާންމުން ހުށަހަޅާ ޝަކުވާތައް ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ފަހި ޕޯޓަލާއި އީމެއިލާއި ރިސެޕްޝަން މެދުވެރިކޮށް މި މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ލިބުނު 7،749 ހުށަހެޅުމުގެ ތެރެއިން 6،746 ހުށަހެޅުމަށް އެކަށީގެންވާ ދާއިމީ ހައްލެއް ފޯރުކޮށްދެވިފައިވާ ކަމަށް އެފްޑީސީން ބުންޏެވެ. އެއީ އެ ކޯޕަރޭޝަނަށް ލިބުނު މައްސަލަތަކުގެ ތެރެއިން 87 އިންސައްތަ މައްސަލައެވެ. ބާކީ ހުރި މައްސަލަތައް ހައްލުކުރުމަށް ވެސް މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
މެއިންޓެނަންސާ ގުޅުންހުރި ކަންކަމުގެ އިތުރުން ދެން ހުށަހެޅުންތައް ލިބިފައިވަނީ އެފްޑީސީން ބުނި ގޮތުގައި، ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމާއި މައުލޫމާތު އަދާހަމަކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުންނާއި ފުލެޓުތަކަށް ގެންނަން އެދޭ ބަދަލުތަކާ ގުޅޭ ގޮތުންނާއި ޓަވަރުތަކުގެ އާންމު ސަރަހައްދުތަކާއި ލިފްޓުތަކުގެ ޚިދުމަތް އިތުރަށް ފުޅާކުރުމާ ގުޅޭ ގޮތުންނެވެ.
އެފްޑީސީން ބުނީ، އަމާން ޓަވަރުތަކުގައި ދިރިއުޅޭ އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށްޓަކައި 24 ގަޑިއިރުގެ ކޯލް ސެންޓަރެއް ހިންގުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.