ޓްރަމްޕް ވަނީ މާޔޫސްވެފައި، ދެން އޭނާ އީރާން އާދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ފަށާނެކަމަށް ނުބެލެވޭ: ޕާސީ

ޓްރަމްޕް

ވޮޝިންޓަން (22 ނޮވެންބަރު 2026) : އީރާންގެ ހިއްވަރާއި އަޒުމާއި ކެރިގެން ކުރިމަތިލުމުގެ ނަތީޖާއެއްގެ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ގޮތްހުސްވެފައިވާކަމަށާ ހަނގުރާމައިގެ ގުރާބުތައް ޖަމާކޮށްގެން އީރާނަށް ބިރުދެއްކި ނަމަވެސް ދެން އީރާންއާ ހަނގުރާމަކުރުމުގެ ސިޔާސީ ހިއްވަރާއި ކެރުން ޓްރަމްޕްގެ ކިބާގައި ނެތްކަމަށް އެމެރިކާގެ ރިސާޗް މަރުކަޒެއްކަމަށްވާ ކުއިންސީ އިންސްޓިޓިއުޓުން ބުނެފިއެވެ.

ގުޑްގަވަނަންސް އާ އަދި ބައިނަލްއަގްވާމީ ގުޅުންތަކާ ބެހޭ ދިރާސާތައް ކުރާ މަޝްހޫރު މަރުކަޒެއްކަމަށްވާ "ކުއިންސީ އިންސްޓިޓިއުޓް ފޯ ރެސްޕޮންސިބްލް ސްޓޭޓްކްރާފްޓް" އިން ކުރި ތަހުލީލުތަކެއްގެ އަލީގައި އެ އިންސްޓިޓިއުޓްގެ ނައިބު ރައީސް ޓްރިޓާ ޕާސީ ވިދާޅުވީ އީރާންއާ މުއާމަލާތް ކުރުމުގައި ޓްރަމްޕްގެ ކުރިމަތީގައި ހުރީ ހައްތާވެސް ބިޓާ ޗޮއިސް ނުވަތަ ކާމިޔާބު ހާސިލް ނުކުރެވޭނެ އިޚްތިޔާރު ތަކެކެވެ.

ހަމަލާތައް އަލުން ފެށުމުން އީރާނަށް ބޮޑެތި ގެއްލުންތަކެއްލިބި އެތަށް ހާސްބަޔަކު މަރުވިނަމަވެސް އީރާނުގެ މިހާރުގެ ސަރުކާރު ވައްޓާލައި އީރާނުގައި އެމެރިކާއަށް ބޯލަނބާ ސަރުކާރެއް އުފެއްދޭނެކަމުގެ އެއްވެސް ޔަގީންކަމެއްނެތް ކަމަށް ޕާސީ ވިދާޅުވިއެވެ. ހާލަތު މިގޮތަށް އޮތުމުން ޓްރަމްޕް ޚިޔާރު ކުރައްވާނެ ހަމައެކަނި ޗޮއިސް އަކީ ކުރިޔަށް އޮތް މަހެއްހާ ދުވަހު އީރާނަށް ބިރުދައްކައި ހުއްޓުމެއްނެތި އިންޒާރުތައް ދިނުމަށްފަހު އަންނަ ޖަނަވަރީ ކުރީކޮޅު ކޮންގްރެސްގެ އަޣްލަބިއްޔަތު ރިޕަބްލިކަން ޕާޓީއަށް ގެއްލުމުގެ ކުރިން އީރާނުގެ މައްޗަށް ކާމިޔާބި ހޯދިކަން އިއުލާން ކުރުމަށްފަހު ހަނގުރާމައިން ދުރަށް ދިޔުމުގެ ނިންމުމެއް ނިންމުންކަމަށް ޕާސީ ވިދާޅުވިއެވެ.

ކެޕްޝަން.. ޓްރިޓާ ޕާސީ

އަލްޖަޒީރާ އަށް ދެއްވި ބަސްދީގަތުމެއްގައި ޕާސީ ވިދާޅުވީ ޓްރަމްޕް އެދޭގޮތަށް އަދި ޓްރަމްޕް ބޭނުންވާ ދޫތަށް ދީގެން އެއްބަސްވުމަކަށްދާން އީރާން ބޭނުންނުވާއިރު އީރާނުގެ މަސްލަހަތު ރައްކާތެރިކުރެވޭ ފަދަ އެއްބަސްވުމަކަށްދާން ޓްރަމްޕް ވެސް ބޭނުމެއް ނުވާނެއެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ އީރާންއާއެކު އެއްބަސްވުމަކަށް ޓްރަމްޕް ނުދާނެކަމުގައެވެ.

"އީރާނުގެ މައްޗަށް ކާމިޔާބި ހޯދިއްޖެ ކަން ޓްރަމްޕް އިއުލާން ކުރައްވައި އޭނާ ހަނގުރާމައާ ފެއަށް ޖެހިލާނީ އެއްބަސްވުމަކާ ނުލައި" ޕާސީ ވިދާޅުވިއެވެ. އަލަށް އިންތިޚާބުކުރި ކޮންގްރެސް ގެ މެންބަރުން މަގާމުގެ ހުވާކުރެއްވުމާއެކު ކޮންގްރެސްގެ ދެގޭންވެސް ޓްރަމްޕަށް އަޣްލަބިއްޔަތު ގެއްލޭނެއެވެ. އެހެންކަމުން ޓްރަމްޕް އަލުން ހަނގުރާމަ ފެށިނަމަވެސް އެހަނގުރާމަ ކުރިޔަށް ގެންދަން ބޭނުންވާ ފައިސާ އައުކޮންގްރެސް އިން އެޕްރޫވް ނުކުރާނެކަން ޓްރަމްޕަށް އެނގުމަކީވެސް ހަނގުރާމައިގެ ހަމަލާތައް ފުޅާދާއިރާއެއްގައި ފެށުމަށް ޓްރަމްޕް ޖެހިލުންވާ މައިގަނޑު ސަބަބެއް ކަމަށް ޕާސީ ވިދާޅުވިއެވެ.

އީރާންއާ ދެކޮޅަށް ޓްރަމްޕް ފެށި ހަނގުރާމައިން މަގްސަދު ހާސިލް ނުވުމުން މިމައްސަލާގައި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީވެސް ވަރަށް ބޮޑަށް ބައިބައިވެފައިވާ ކަމަށް ޕާސީ ވިދާޅުވިއެވެ. މިމައްސަލާގައި ޓްރަމްޕާއި އޭނާގެ ނައިބު ޖޭޑީ ވޭންސް ވެސްވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައެވެ. ވޭންސް ވަނީ ނިމިދިޔަ މިޑްޓާމް އިންތިޚާބުގައި ރިބަޕްލިކަން ޕާޓީ ބަލިވުމުގެ މައިގަނޑު ސަބަބަކީ އީރާންއާ ދެކޮޅަށް ޓްރަމްޕް ފެށި ހަނގުރާމަ ކަމަށް ވޭންސް ވިދާޅުވުމުން ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެންފައެވެ.

ކުއިންސީ އިންސްޓިޓިއުޓް ގެ ނައިބު ރައީސް ޓްރިޓާ ޕާސީ ގެ އިތުރުން ބައިނަލްއަގްވާމީ މަސްރަހު ދިރާސާ ކުރައްވާ އެމެރިކާގެ މަޝްހޫރު ޕްރޮފެސަރެއްކަމަށްވާ ޖެފްރީ ސާކްސް ވެސްވަނީ އީރާންގެ ހިއްވަރާއި އަޒުމާއި ކެރިގެން ކުރިމަތިލުމުގެ ނަތީޖާއެއްގެ ގޮތުން އީރާން އާ މުއާމަލާތް ކުރުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ގޮތްހުސްވެފައިވާ ކަމަށާ އެމެރިކާގެ އިންތިޚާބުގެ ނަތީޖާ ނުކުތްގޮތުން ދެން ޓްރަމްޕް އީރާންއާ އދެކޮޅަށް ވަރުގަދަ ހަމަލާތަކެއް އަލުން ފަށާނެ ކަމަށް ނުބެލެވޭކަމަށް ވިދާޅުވެފައެވެ. އަދި އީރާނާއެކު އެއްބަސްވުމަކަށް ނުގޮސް އީރާނުގެ މައްޗަށް ނަސްރު ނުވަތަ ކާމިޔާބު ހޯދިއްޖެކަން އިއުލާން ކުރުމަށްފަހު ޓްރަމްޕް ހަނގުރާމައާ ފެއަށް ޖެހިވަޑައިގަންނަވާނެކަމަށް ޖެފްރީ ސާކްސް ވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޓްރަމްޕް އީރާނަށް ލިމިޓެޑް ހަމަލާތަކެއް ދީފާނެކަމަށް ޖެފްރީ ވިދާޅުވިއެވެ.

comment ކޮމެންޓް