ޗައިނާގެ ޓެކްނޮލޮޖީ ކުންފުނި ވާވޭއިން އަލަށް ނެރުމަށް ތައްޔާރުވަމުންދާ ސްމާޓްވޮޗް "ވާވޭ ވޮޗް އެއާ" އަންނަ އަންގާރަ ދުވަހު ޗައިނާގައި ރަސްމީކޮށް ލޯންޗުކުރާނެކަން އެ ކުންފުނިން ހާމަކޮށްފިއެވެ.
މި ގަޑިއަކީ އެންމެ 6.9 މިލިމީޓަރުގެ ބޯމިން ހުންނަ ތުނި ޓައިޓޭނިއަމް ބޮޑީއަކާއެކު އުފައްދާފައިވާ ގަޑިއެއްކަމުން، މިއީ ވާވޭއިން މިހާތަނަށް ނެރޭ އެންމެ ތުނި ސްމާޓްވޮޗަށް ވާނެއެވެ.
ހަތަރެސްކަން ޑިސްޕްލޭއެއް ހިމެނޭ މި ގަޑީގެ ވަށައިގެން ހުންނަ ބޯޑަރުތަކުގައި ހުންނާނީ އެންމެ 1.4 މިލިމީޓަރުގެ ތުނިމިނެއް ކަމަށާއި، ސްކްރީން ރައްކާތެރިކުރުމަށް ސަފަޔާ ގްލާސް ބޭނުންކޮށްފައިވާކަން ވާވޭއިން އާންމުކުރި ޓީޒާތަކުން ދައްކައެވެ.
ސިލްވަރު، ލައިޓް ގޯލްޑް އަދި ބްލެކް ޓައިޓޭނިއަމް ކުލައިން މިގަޑި ލިބެން ހުންނާނެ ---ސިލްވަރު، ލައިޓް ގޯލްޑް އަދި ބްލެކް ޓައިޓޭނިއަމް ކުލައިން ލިބެން ހުންނާނެ މި ގަޑިއާއެކު ސިލިކޯން، ވޯވަން އަދި މިލަނީސް މެޓަލް ސްޓްރެޕްގެ އިޚްތިޔާރުތައް ވެސް ލިބޭނެއެވެ.
ޓެކް ޚަބަރުތައް ލީކުކުރާ ފަރާތެއް ކަމަށްވާ ޑިޖިޓަލް ޗެޓް ސްޓޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ވާވޭ ވޮޗް އެއާގައި 1.92 އިންޗީގެ އެލްޓީޕީއޯ 2.0 އެމޯލެޑް ޑިސްޕްލޭއެއް ހުންނާނެއެވެ.
3،500 ނިޓްސްގެ އަލިކަން ލިބޭ މި ޑިސްޕްލޭގެ ސްކްރީން-ޓު-ބޮޑީ ރޭޝިއޯއަކީ 86 އިންސައްތަ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ބަރުދަނުގައި ގާތްގަނޑަކަށް 27 ގްރާމް ހުންނާނެ ކަމަށް ލަފާކުރެވޭ މި ގަޑީގައި ހައި-ސިލިކޯން ސްޓެކްޑް ބެޓެރިއެއް ހިމެނޭއިރު، އެއް ފަހަރު ޗާޖުކޮށްލުމުން ހަތް ދުވަސް ވަންދެން ބެޓެރި ހިފަހައްޓާނެ ކަމަށް ބެލެވެއެވެ.
މި ގަޑީގައި ވާވޭ ވޮޗް 6 ފަދަ ސިއްހީ ކަންކަން މޮނިޓަރކުރާ ފީޗާތަކާއި، ވޮޗް ޖީޓީ 7 ޕްރޯ ފަދަ ކުޅިވަރު ހަރަކާތްތައް ޓްރެކްކުރާ ވަސީލަތްތައް ހިމެނޭނެ ކަމަށް މައުލޫމާތު ލިބުނު ނަމަވެސް، ވާވޭއިން އަދި މި ތަފްސީލުތަކާއި ގަޑީގެ އަގު ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އަންގާރަ ދުވަހު ބާއްވާ ޚާއްޞަ އިވެންޓުގައި ވާވޭ ވޮޗް އެއާގެ އިތުރުން، އެ ކުންފުނީގެ އާ ފޯލްޑަބަލް ސްމާޓްފޯން "ވާވޭ މޭޓް އެކްސް 8" އާއި "މޭޓް 90 އެއާ" ވެސް ތައާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ.