ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ބަންދަށް 30 ދުވަސް ޖަހާފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ބަންދުކުރަން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލައިގައި ހައިކޯޓުން މާދަމާ ގޮތެއް ނިންމުމަށް ތައްޔާރުވެއްޖެއެވެ.
ހައިކޯޓުގެ ކަލަންޑަރުގައިވާ ގޮތުން ޝާހިދުގެ ބަންދު މައްސަލަ ނިންމާނީ މާދަމާ މެންދުރު ފަހުއެވެ. މި މައްސަލައަށް މިދިޔަ ހަފްތާގައި ޝާހިދުވަނީ ކޯޓަށް ހާޒިރުކޮށްފައެވެ.
ޝާހިދު ހައްޔަރުކުރުމަށްފަހު ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ދީފައެވެ. މި ނިންމުން ބާތިލުކުރުމަށް އެދި ޝާހިދުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެން، ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުންތައް މިދިޔަ ހަފުތާގައި ވަނީ ނިންމާލާފައެވެ.
މި މައްސަލައިގެ ޙުކުމް އިއްވުމުގެ މަޖިލިސް މާދަމާއަށް ތާވަލުކޮށްފައިވާއިރު، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ އާންމުކޮށް ސިއްރުކޮށްގެން ކުރިއަށްގެންދާ މައްސަލަތަކަކަށް ވާތީ، މައްސަލައިގެ އަޑުއެހުންތައް ވެސް ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ކޮށްގެންނެވެ.
އުމުރުން 64 އަހަރުގެ ޝާހިދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މި މަހުގެ ކުރީކޮޅު، ހުޅުމާލޭގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުގައި ހުންނަވަނިކޮށެވެ.
އދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އަދި މިއީ ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައި ވަނިކޮށް، އޭނާގެ އަބުރު ކަތިލުމަށް ސިޔާސީ މަގްސަދެއްގައި ކުރަމުންދާ ދޮގު ތުހުމަތުތަކެއް ކަމަށް ވިދާޅުވެފައެވެ۔
ނަމަވެސް ސަރުކާރުން ބުނެފައިވަނީ ޝާހިދު ހައްޔަރުކުރުމުގެ ފަހަތުގައި އެއްވެސް ސިޔާސީ ނުފޫޒެއް ނެތް ކަމަށާއި، މިފަދަ ސީރިއަސް ތުހުމަތުތަކުގައި ޤާނޫނު ތަންފީޒުކުރުމުގައި އެންމެންގެ މައްޗަށް ވެސް ހަމަހަމަކަމާއެކު ފިޔަވަޅު އަޅާނެ ކަމަށެވެ.