ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގެ ސީލިންގު ފީވެގެން މިއަދު ވެއްޓިއްޖެއެވެ.
"ސަން"އަށް މައުލޫމާތު ދިން އެ ހޮސްޕިޓަލްގެ މުވައްޒަފަކު ވިދާޅުވީ، ސީލިންގުގެ ބައިތައް ވެއްޓިފައިވަނީ އައިސީޔޫގައި ބަލިމީހުން ބާއްވާ އެނދެއްގެ މައްޗަށެވެ. އަދި އެ ހާދިސާ ހިނގި ވަގުތު އައިސީޔޫގައި ބަލިމީހަކު ފަރުވާ ހޯދަމުން ދިޔަ ކަމަށް ވެސް އޭނާ މައުލޫމާތު ދެއްވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހޮސްޕިޓަލުގެ އައިސީޔޫ ސީލިންގުން ފެން ލީކުވާތާ މިހާރު ވަނީ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައެވެ. ނަމަވެސް އެ މައްސަލައަށް އެދެވޭ ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ވުމަށްފަހު، މިއަދު ސީލިންގުގެ ބައެއް ވެއްޓުނީ ފީވުމުގެ ސަބަބުންނެވެ.
މި ހާދިސާ ހިނގި ވަގުތު އައިސީޔޫގައި ބަލިމީހަކު އޮތް ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމެއް ނުވަތަ ނޫން ކަމެއް އަދި މިހާތަނަށް ސާފުވާގޮތެއް ނުވެއެވެ.
މިކަމާ ގުޅިގެން ގަމު ރީޖަނަލް ހޮސްޕިޓަލުގެ ރަސްމީ ބަހެއް ހޯދުމަށް ފޯނުން ގުޅި ނަމަވެސް، ފޯނަށް ޖަވާބު ނުދޭތީ އެ ހޮސްޕިޓަލުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.