ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ "ބެލްޓް އެންޑް ރޯޑް އަންޑަރ 19 ބޯއިޒް ޓީ20 2026" މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ 19 އަހަރުން ދަށުގެ ޤައުމީ ކްރިކެޓް ޓީމު މިއަދު ޗައިނާއަށް ފުރައިފިއެވެ.
ޗައިނާގެ ޖިއަންގްސޫ ޕްރޮވިންސްގައި ހުންނަ ޓައިކަންގ ޝާޒީ ކްރިކެޓް ސްޕޯޓްސް ޓްރޭނިންގ ސެންޓަރުގައި މުބާރާތް ކުރިއަށްދާނީ މި މަހުގެ 23 އިން 29 ގެ ނިޔަލަށެވެ
ރާއްޖޭގެ އިތުރުން މުބާރާތުގައި ދެން ވާދަކުރާނީ މޮންގޯލިއާ، ހޮންކޮންގ އަދި މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ޗައިނާއެވެ. މިއީ ދޭދޭ ޤައުމުތަކުގެ މެދުގައި އެކުވެރިކަމާއި ސަގާފަތް ބަދަހިކުރުމުގެ މަޤްޞަދުގައި ޗައިނީޒް ކްރިކެޓް އެސޯސިއޭޝަން (ސީސީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ.
މި މުބާރާތާ ގުޅޭގޮތުން "ސަން" އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ޓީމުގެ ކޯޗު އަޙްމަދު ނީޝަމް ބުނީ މި މުބާރާތުގައި ވާދަކުރާ ސްކޮޑަކީ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) އިން ތަރައްޤީވެގެން އައިސްފައިވާ ކުޅުންތެރިން ހިމެނޭ ސްކޮޑެއް ކަމަށެވެ. އަދި މި މުބާރާތް ވެގެންދާނީ ކުޅުންތެރިންގެ ހުނަރު ދައްކާލައި، ސީނިއާ ޤައުމީ ޓީމުން ޖާގަ ހޯދުމަށް ލިބޭ ވަރަށް ރަނގަޅު ފުރުޞަތަކަށް ކަމަށްވެސް ނީޝަމް ފާހަގަކުރެއްވިއެވެ.
"މިއީ އަސްލު ޖޫނިއާ ކްރިކެޓަށް ލިބުނު ވަރަށް ރަނގަޅު ފުރުޞަތެއް. މި މުބާރާތުގައި ރަނގަޅު ޕާފޯމަންސެއް ދެއްކިއްޖިއްޔާ، އެ ކުދިންނަށް ސީނިއާ ޓީމަށް އެރުމަށް މިއީ ވަރަށް ބޮޑު ފުރުޞަތެއް. މިއީ ވަރަށް ޕޮޒިޓިވް ކަމެއްގެ ގޮތުގައި ގަބޫލުކުރެވެނީ،" ކޯޗު ނީޝަމް ބުންޏެވެ.
ތަޖުރިބާކާރު ކޯޗު އަޙްމަދު ނީޝަމްގެ އިރުޝާދުގެ ދަށުން ޖުމްލަ 14 ކުޅުންތެރިން ހިމެނޭ މި ސްކޮޑުގެ ކެޕްޓަންކަން ކުރާނީ ކަތޫމް ޝިފާޒް ޢަލީއެވެ. އަދި ވައިސް ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ މުޙައްމަދު ޖޫދު އަޙްމަދެވެ. ޓީމުގެ މެނޭޖަރަކީ އިބްރާހީމް މޫސާއެވެ.