މިއަދު މާލެއާއި ކުޅުދުއްފުށީ ސިޓީއަށް ވަރަށް ބޮޑަށް ވައި ނުސާފުވެ، ރެޑް އެލާޓް ނުވަތަ ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވެއްޖެއެވެ.
ވައިގެ ކޮލިޓީ ދައްކުވައިދޭ އެޕެއްކަމަށްވާ އައިކުއެއާއިން ދައްކާގޮތުގައި މިއަދު މާލޭގެ ވައިގެ ކޮލިޓީ ހުރީ 159 ގައެވެ.
އައިކުއެއާއިން ދައްކާގޮތުން މިއަދުގެ މެންދުރު 12:00 އިން ފެށިގެން ވައި ކޮންމެސް ވަރަކަށް މާލެއަށް ވައި ސާފުވާން ފަށާނެއެވެ.
ހަމައެއާއެކު ރާއްޖޭގެ އުތުރުން ކުޅުދުއްފުށީ ސިޓީގައި ވައިގެ ކޮލިޓީ ހުރީ 165 ގައެވެ. އަދި ވިލިމާލޭގެ ވައިގެ ކޮލިޓީ ހުރީ 160 ގައެވެ. މިއީ ސިއްހަތަށް ނުރައްކާ މިންވަރެކެވެ.
އާއްމު ގޮތެއްގައި ވައިގެ ކޮލިޓީ ހުންނަންޖެހޭނެ މިންވަރަކީ 50 އަށް ވުރެ ދަށުގައެވެ. މިއީ އެންމެ ރަނގަޅު މިންވަރެވެ. އަދި 51 އާއި 100 އާ ދެމެދު ނަމަ އެއީ މޮޑަރޭޓް ލެވަލެވެ. އަދި 101 އާއި 150 އާ ދެމެދު އެއީ ވައިގެ ކޮލިޓީ ގޯސް ވުމެވެ. އަދި 151 އާއި 200 އާ ދެމެދު އެއީ ވަރަށް ބޮޑަށް ގޯސްވުން ނުވަތަ "އަންހެލްތީ" ލެވަލެވެ.
މިއީ ރާއްޖޭގެ އެކި ހިސާބުތަކަށް ވައި ނުސާފު ދުވަސްވަރެކެވެ. އެގޮތުން ރާއްޖޭގެ ގިނަ ހިސާބުތަކަށް ވައިގެ ކޮލިޓީ ހުރީ މޮޑަރޭޓް ލެވަލްގައެވެ.
އެގޮތުން ހުޅުމާލޭގެ ވައިގެ ކޮލިޓީ ހުރީ 71ގައި އަދި އައްޑޫ ސިޓީގައި ހުރީ 70 (މޮޑަރޭޓް ލެވަލް) ގައެވެ.
ވައި ތަޣައްޔަރުވުމަކީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ނުރައްކާތެރި ކަމެކެވެ. ނަމަވެސް ބަލިތަކަށް ފަރުވާ ކުރާ މީހުންނަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރާ މިންވަރު އިތުރެވެ. އެހެންވެ، ވައި ނުސާފުވެއްޖެ ނަމަ، ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބައްޔާއި އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. އަދި ބޭރަށް ނުކުންނަ ހާލަަތްތަކުގައި މާސްކު ބޭނުންކުރުން އެދެވިގެންވެއެވެ.