ބޮޑު މަޤުބޫލުކަމެއް ހޯދި 'ކޭޖީއެފް' ގެނެސްދިން ޕްރަޝާންތު ނީލްގެ ބިރުވެރި ތުރިލާ '418' ނެޓްފްލިކްސްއަށް

ތެލުގޫ ބިރުވެރި ތުރިލާ "418"ގެ ޕޯސްޓަރެއް-- ފޮޓޯ/މިޑްޑޭ

ބެލުންތެރިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ލިބުނު "ކޭޖީއެފް" އަދި "ސަލާރު" ފަދަ ބްލޮކްބަސްޓާ ފިލްމުތައް ގެނެސްދިން ކާމިޔާބު ފިލްމު އުފެއްދުންތެރިޔާ ޕްރަޝާންތު ނީލްގެ ހިއްސާއާއެކު އުފައްދާފައިވާ ތެލުގޫ ބިރުވެރި ތުރިލާ "418"، މަޝްހޫރު ސްޓްރީމިންގް ޕްލެޓްފޯމް ނެޓްފްލިކްސްގައި ދައްކަން ފަށައިފިއެވެ.

އިއްޔެ ނެޓްފްލިކްސްއިން ރަސްމީކޮށް އިއުލާނުކުރި ގޮތުގައި، ސޫރްޔާ ރާޖް ވީރަބަތިނީ މުހިންމު ރޯލުން ފެނިގެންދާ މި ފިލްމު ތެލުގޫ ބަހުގެ އިތުރުން ހިންދީ، އިނގިރޭސި، ތަމަޅަ، ކަންނަޑާ އަދި މަލަޔާޅަމް ބަހުންވެސް ބެލުންތެރިންނަށް މިހާރު ބަލައިލެވޭނެއެވެ. މި ފިލްމު ސްޓްރީމިންގްއަށް ދޫކޮށްލިކަން ހާމަކޮށް ނެޓްފްލިކްސްގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، "ސައުތުވާސް" ސާޗްކޮށްގެން ދެކުނު އިންޑިއާގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކާއި ސީރީޒްތައް ބަލައިލުމުގެ ފުރުސަތު މިހާރު ބެލުންތެރިންނަށް ފަހިވެފައިވާ ކަމަށެވެ.

ތެލުގޫ ބިރުވެރި ތުރިލާ "418"ގެ ޓްރެއިލާގެ މަންޒަރުތަކެއް-- ފޮޓޯ/ ޓެލެގްރާފްއިންޑިއާ

ފަނަރަ އަހަރު ވަންދެން ބަންދުކޮށްފައި ހުރި އިމާރާތެއް އަލުން ހުޅުވުމާއެކު، ކޮޓަރި ނަންބަރު 418ގެ ސިއްރު ހޯދަން އުޅޭ 18 އަހަރުގެ ޒުވާނަކަށް ކުރިމަތިވާ ބިރުވެރި ހާދިސާތަކާއެކު ވާހަކަ އިތުރަށް ފޯރިގަދަވާ ގޮތް މި ފިލްމުން ދައްކުވައިދެއެވެ.

ޕްރަޝާންތު ނީލްއާއެކު މަސައްކަތްކޮށް ތަޖުރިބާ ހޯދާފައިވާ ކީރްތަން ނާޑަގައުޑާ ލިޔެ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ، މަޝްހޫރު "މައިތުރީ މޫވީ މޭކާސް"އިން ބިރުވެރި ޖޯންރާއަށް ނެރުނު ފުރަތަމަ ފިލްމުވެސް މެއެވެ.

މި ފިލްމުގެ ޕްރޮޑަކްޝަން ޓީމުގައި ހިއްސާވާ ޕްރަޝާންތު ނީލްއަކީ 2018 ވަނަ އަހަރުގެ "ކޭޖީއެފް: ޗެޕްޓާ 1" އާއި، 2022 ވަނަ އަހަރުގެ "ކޭޖީއެފް: ޗެޕްޓާ 2"ގެ އިތުރުން 2023 ވަނަ އަހަރު ނެރުނު "ސަލާރު: ޕާޓް 1 – ސީޒްފަޔާ" ޑައިރެކްޓްކޮށް ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފަންނާނެކެވެ. އޭނާ މިހާރު ތައްޔާރުވަމުންދަނީ އޭނާގެ ކުރިއަށް އޮތް ބޮޑު ޕްރޮޖެކްޓް ކަމަށްވާ "ޑްރެގަން"ގެ އުފެއްދުމުގެ މަސައްކަތަށެވެ.

comment ކޮމެންޓް