ލ. ފޮނަދުއާއި ތ. ތިމަރަފުށީގައި ޓޫރިސްޓް ހޮޓާ ތަރައްގީކޮށް ހިންގާނެ ފަރާތްތަކެއް ހޯދުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން ބީލަމަށް ހުޅުވާލައިފިއެވެ.
އެ ވުޒާރާއިން އިއްޔެ ކޮށްފައިވާ ދެ އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ތިމަރަފުށީގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރުމަށް ކަނޑައަޅާފައިވަނީ 26,480.67 އަކަމީޓަރުގެ ބިމެކެވެ.
މީގެ އިތުރުން ފޮނަދޫގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ތެރެއިން ތިން ބިމެއްގައި ޓޫރިސްޓް ހޮޓާ ތަރައްގީކޮށް ހިންގުމަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ.
މި މަޝްރޫޢުތަކާ ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުންތައް އަންނަ މަހުގެ އެއްވަނަ ދުވަހާއި 17 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް، އޮންލައިންކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.
މި ބައްދަލުވުންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ 12:00 ގެ ކުރިން ނުވަތަ އަންނަ މަހުގެ 16 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެ ވުޒާރާގެ އީމެއިލް [email protected] މެދުވެރިކޮށް ނަމާއި، އީމެއިލް އަދި ފޯނު ނަންބަރު ހިއްސާކުރަން ވަނީ އެދިފައެވެ.
ބީލަން ފޮތް ގަތުމަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު އިޢުލާނާއެކު ހިމަނާފައިވާއިރު އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖަނަވަރީ ހަޔެއްގެ ނިޔަލަށް، ބީލަން ފޮތް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވެސް އިއުލާނުގައި ބުންޏެވެ. އެ ފޮތް ލިބޭނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އާ ދެމެދު އީމެއިލް މެދުވެރިކޮށެވެ.
މި އިޢުލާނުތަކާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އަންނަ އަހަރުގެ ޖެނުއަރީ ފަސް ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އެދިފައެވެ.
ފޮނަދުއާއި ތިމަރަފުށްޓަކީ ގުދުރަތީ ގޮތުން ރީތި ދެ ރަށް ކަމަށްވާއިރު، ފޮނަދޫގެ އާބާދީގެ 3،000އަށް އަރައެވެ. އަދި ތިމަރަފުށީ ކައުންސިލުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެ ރަށުގައި ގާތްގަނޑަކަށް 2,000 މީހުން ދިރިއުޅެއެވެ.