އދ. ގެ އާބާދީ ފަންޑު (ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް - ޔޫއެންއެފްޕީއޭ) އިން، ބޮޑެތި މީހުންގެ ދިރިއުޅުމުގެ މަރުހަލާތައް ކަޑައްތުކުރުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޒުވާނުންނަށް މާލީ ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެފިއެވެ.
ޔޫއެންއެފްޕީއޭއިން އިއްޔެ ނެރުނު ދުނިޔޭގެ އާބާދީގެ ހާލަތާ ގުޅޭ ރިޕޯޓުން ދައްކާ ގޮތުން މާލީ މިނިވަންކަމާއި، ދާއިމީ ވަޒީފާއާއި، ކައިވެނިކުރުމާއި، ދަރިން ހޯދުން ފަދަ ކަންކަން ހާސިލުކުރުމަށް ޒުވާނުންނަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ކުރީގެ ޖީލުތަކަށް ވުރެ މިހާރުގެ ޒުވާނުންނަކީ ތައުލީމީ ގޮތުން ކުރިއަރާފައިވާ އަދި މައުލޫމާތު ފަސޭހައިން ލިބޭ ބަޔަކަށް ވީ ނަމަވެސް، އެ މީހުން ބޭނުންވާ ފަދަ ދިރިއުޅުމެއް ބިނާކުރުމަށް ބޭނުންވާ ވަޒީފާއާއި ގެދޮރާއި މާލީ ތަނަވަސްކަން ހޯދުމަށް އެތައް މިލިއަން ޒުވާނުންނަށް ވަނީ ދަތިވެފައެވެ.
މި ރިޕޯޓު އެކުލަވާލުމަށް 73 ގައުމަކާއި ސަރަހައްދަކުން އެއް ލައްކައަށް ވުރެ ގިނަ ޒުވާނުން ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ ސާވޭއިން ދައްކާ ގޮތުގައި، ޒުވާން ޖީލުތަކުން ކައިވެންޏާއި ދަރިން ހޯދުމާ ދުރުހެލިވަމުންދާ ކަމަށް ބުނާ ވާހަކަތަކުގައި ހަގީގަތެއް ނެތެވެ. އެގޮތުން ސާވޭގައި ބައިވެރިވި މީހުންގެ 90 އިންސައްތައަށް ވުރެ ގިނަ މީހުން މަދުވެގެން އެއް ކުއްޖަކު ބޭނުންވާ ކަމަށް ބުނެފައިވާއިރު، 70 އިންސައްތަ މީހުން ބުނެފައިވަނީ އެންމެ ރަނގަޅު ގުޅުމަކީ ކައިވެނި ކަމަށެވެ.
ނަމަވެސް ބައިވެރިއަކު ހޯދުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މާލީ ނުތަނަވަސްކަން ކަމަށް ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ބުނެފައިވާއިރު، ހަތަރުބައިކުޅަ ތިންބަޔާ ގާތްކުރާ އަދަދެއްގެ މީހުން ބުނީ ދަރިން ހޯދުމަށް އޮތް ހުރަހަކީ ވެސް އެއީ ކަމަށެވެ. އަދި ކޮންމެ 10 މީހަކުން ގާތްގަނޑަކަށް ނުވަ މީހުން ބުނި ގޮތުގައި، މައިންބަފައިންނަށް ވުމަށް ތައްޔާރުވުމުގެ ކުރިން ފުރިހަމަވާންޖެހޭ ޝަރުތަކީ މާލީ ރައްކާތެރިކަމެވެ.
މީގެ އިތުރުން، ދުނިޔޭގެ ނިސްބަތުން ކޮންމެ ފަސް ޒުވާނަކުން އެކަކީ ވަޒީފާއެއްގައި، ތައުލީމެއްގައި ނުވަތަ ތަމްރީނެއްގައި ނޫޅޭ މީހެއް ކަމަށާއި، ދަށް އާމްދަނީ ލިބޭ ގައުމުތަކުގެ ކޮންމެ ފަސް ޒުވާނަކުން ހަތަރު މީހުންނަށް ދާއިމީ އާމްދަނީއެއް ލިބޭ ރައްކާތެރި ވަޒީފާއެއް ނުލިބޭ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޔޫއެންއެފްޕީއޭގެ އެގްޒެކެޓިވް ޑިރެކްޓަރު ދިއެން ކެއިޓާ ވިދާޅުވީ، ފަރަގު އޮތީ ޒުވާނުންގެ އުންމީދުތަކުގައި ނޫން ކަމަށާއި، އެ މީހުންނަށް ލިބޭ ފުރުސަތުތަކުގައި ކަމަށެވެ. މިއަދުގެ ޒުވާނުންނަކީ ކުރީގެ ޖީލުތަކަށް ވުރެ ތައުލީމީ، މައުލޫމާތު ލިބުމުގެ ފުރުސަތު ބޮޑު، އަދި އިންސާނީ ހައްގުތައް ލިބިގެންވާކަން އުނގަންނައިދެވިގެން ބޮޑެތިވި ބައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އާންމު ސިއްހަތާއި، އިގުތިސާދީ ތަރައްގީއާއި، ޓެކްނޮލޮޖީގެ ރޮނގުން ފާއިތުވި އަހަރުތަކުގައި ހޯދާފައިވާ ކުރިއެރުންތަކުގެ ސަބަބުން އެ މީހުންގެ އުމުރު ދިގުވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ކެއިޓާ ވިދާޅުވިއެވެ.
އެހެން ނަމަވެސް، މި ހުރިހާ ކަމަކާއެކު ތާރީހުގައި ވެސް އެންމެ ކާމިޔާބު ޒުވާން ޖީލަށް އެ މީހުން ވާންޖެހުނު ނަމަވެސް، ގިނަ ބަޔަކަށް އެ މީހުންނަށް ވައުދުވެފައިވާ ކުރިއެރުންތައް އަދި ފެންނަމުން ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.