އޯޕަންއޭއައި އިން އެ ކުންފުނީގެ މަޤްބޫލު އޭއައި ޗެޓްބޮޓް ކަމަށްވާ ޗެޓްޖީޕީޓީގެ ލައިވް ޑިކްޓޭޝަން ފީޗާ އިތުރަށް ފުރިހަމަކޮށް، އެކައުންޓިން މަސައްކަތްތަކަށް ޚާއްޞަ ޓޫލެއް ތަޢާރަފުކޮށްފިއެވެ.
އަލަށް ތަޢާރަފުކުރި ޗެޓްޖީޕީޓީ ފޯ އެކައުންޓިން ޓޫލްގެ މައިގަނޑު ބޭނުމަކީ އެކައުންޓިންގެ އާންމު މަސައްކަތްތަކުގައި ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމެވެ. މި ޓޫލް މެދުވެރިކޮށް ތާޑް-ޕާޓީ އެކައުންޓިން ސޮފްޓްވެއާތައް ޕްލަގިންތަކުގެ އެހީގައި ޗެޓްޖީޕީޓީއާ ގުޅުވާލެވޭނެ ކަމަށް އޯޕަންއޭއައި އިން ބުނެއެވެ.
މި އައު ޓޫލްގެ އެހީގައި ރިޕޯޓުތައް ތައްޔާރުކުރުމާއި، ބޭންކް އެކައުންޓްތައް ރިކޮންސައިލް ކުރުމާއި، ޑޭޓާ އެންޓާ ކުރުމުގެ އިތުރުން އެކައުންޓިން ފޮތްތައް ބެލެހެއްޓުމަށް އެހީތެރިވެދޭނެއެވެ. އަދި މާލީ އޮޑިޓްތަކަށް ތައްޔާރުވުމުގައިވެސް މި ޓޫލްގެ ބޭނުން ހިފޭނެއެވެ.
ޗެޓްޖީޕީޓީ ބިޒްނަސް ބޭނުންކުރާ ފަރާތްތަކަށް މިހާރު އެކައުންޓިން ޕްލަގިން ޑައުންލޯޑް ކުރެވޭނެއެވެ. މި ޓޫލްއާއެކު މަސައްކަތްކުރާ އެކައުންޓިން ސޮފްޓްވެއާތަކުގެ ތެރޭގައި ބިލް، ކޭމްޕްފަޔާ، ފްރެޝްބުކްސް، އޮރަކަލް ނެޓްސުއިޓް، އޮރަކަލް ކުއިކްސްޓާޓް، ކުއިކްބުކްސް އޮންލައިން، ރިލެޓް އަދި ޒީރޯ ހިމެނެއެވެ.
އެކައުންޓިން ޕްލަގިން ޑައުންލޯޑް ކުރުމަށްފަހު، ބޭންކް ސްޓޭޓްމަންޓް ނުވަތަ ޕޭމަންޓް އެކްސްޕޯޓްތަކާއި ލެޖަރުތައް ޗެޓްޖީޕީޓީއަށް ދިނުމުން، ދިމާވާ މުޢާމަލާތްތަކާއި ޑުޕްލިކޭޓް ވެފައިވާ ބައިތައް ވަކިން ދައްކައިދޭނެއެވެ. މީގެ އިތުރުން މަދުވާ މުޢާމަލާތްތަކާއި، ފީ އަދި ފައިސާގެ އަދަދުތަކުގައި ހުންނަ ފަރަގުތައްވެސް މި ޓޫލްއިން ފާހަގަކޮށްދޭނެއެވެ.
https://x.com/ChatGPT/status/2123159134963196357
އިންވޮއިސްތަކާއި ރަސީދުތައް އަޕްލޯޑް ކުރުމުން، ވެންޑަރުގެ ނަމާއި، އިންވޮއިސް ނަންބަރާއި، އަދަދު އަދި ލެޖަރަށް އެންޓަރ ކުރަންވީ ގޮތުގެ ލަފާވެސް މި ޓޫލް މެދުވެރިކޮށް ހޯދޭނެއެވެ.
މީގެ އިތުރުން، އޯޕަންއޭއައި އިން ވަނީ ޗެޓްޖީޕީޓީގެ ލައިވް ޑިކްޓޭޝަން ފީޗާއަށްވެސް އައު އަޕްޑޭޓެއް ދޫކޮށްލާފައެވެ. ވާހަކަދައްކައިގެން ޓެކްސްޓަށް ބަދަލުކޮށްދޭ މި ސްޕީޗް-ޓު-ޓެކްސްޓް ޓޫލްގެ ދުވެލި މިހާރު ކުރިއަށްވުރެ ހަލުވިވެ، އިތުބާރު ބޮޑުވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އައިއޯއެސް، އެންޑްރޮއިޑް، ވެބް އަދި ޑެސްކްޓޮޕް އެޕްތަކަށް މި އަޕްޑޭޓް ދޫކުރަން ފަށާފައިވާއިރު، ކުރިން ލައިވް ޑިކްޓޭޝަން ބޭނުންކުރުމުގައި އޮތް 10 މިނެޓުގެ ވަގުތު ލިމިޓްވެސް މިހާރު ވަނީ އުވާލާފައެވެ.