ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅު ޖަހަން ސޯޝަލް މީޑިއާ މެދުވެރިކޮށް ގޮވައިލި މައްސަލައިގައި ހައްޔަރުކުރި އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓު ޢަލީ ޖުމާން (ޑެތު)ގެ ފޯނު ބޭރަށް ފޮނުވައިގެން އިތުރަށް ތަހުލީލުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް، ފުލުހުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފިއެވެ.
މިދިޔަ މަހުގެ 22ވަނަ ދުވަހު ހައްޔަރުކުރި ޖުމާންގެ ބަންދަށް އިތުރު 15 ދުވަސް އިތުރުކުރުމަށް ކޯޓުން އަމުރުކުރީ މިއަދެވެ.
މައްސަލަ ބައްލަވާ ގާޒީ މުޙައްމަދު ޢަބްދުﷲ ސޮއިކުރައްވައި ނެރުއްވި ކޯޓު އަމުރުގައިވަނީ، ޖުމާން 'އެކްސް'ގައި ގެންގުޅުނު އައިޑީގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހާ ފުލުހުން ކުރިއަށް ގެންދާ ކަމަށެވެ.
އޭގެ އިތުރުން ޖުމާންގެ އައިޑީގައި ހިމެނޭ އިތުރު ޕޯސްޓުތަކުން އޭނާއާއި އޭނާގެ އައިޑީއާ ގުޅުމެއް އޮތް ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުންގެ ފަރާތުން ހެކި ހުށަހަޅައިފައިވާ ކަމަށް އެ އަމުރުގައިވެއެވެ. އަދި އޭނާގެ ފޯނު ރާއްޖޭން ބޭރަށް ފޮނުވައިގެން ތަހުލީލުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް، ޖުމާންގެ މައްސަލަ ބައްލަވާ ފުލުހުންގެ އޮފިސަރު ކޯޓުގައި ވިދާޅުވިކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.
ހަމައެއާއެކު އޭނާގެ ފޯނުގެ ޕާސްވޯޑު ދީފައި ނުވާ ކަމަށާއި، ފޯނުގެ ލޮކް ކޯޑު ކްރެކް ކުރެވިފައި ނުވާކަމަށް ކޯޓު އަމުރުގައި ފުލުހުންނާ ހަވާލާދީ ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެމްޑީޕީން "ލޫޓުވައިފި ލޫޓުވައިފި"ގެ ނަމުގައި ބޭއްވި ބޮޑު މުޒާހަރާއިން ވެސް ޖުމާން ހައްޔަރުކޮށްފައިވެއެވެ.
ޖުމާން ވަނީ 'އެކްސް' އެކައުންޓުގައި އެ ޕޯސްޓު ކުރުމަށް ފަހު ޑިލީޓު ވެސް ކޮށްފައެވެ.
އޭނާ ހައްޔަރުކުރުމުގެ ކުރިން މިފަދަ އިތުރު މައްސަލައެއްގައި ވެސް މީހަކު ހައްޔަރުކުރިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ސުޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުޖަހަން ގޮވައިލުމުގެ ތުހުމަތުގައި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒިހާން ހައްޔަރުކޮށް އޭނާ ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ.