އާއިލީ ލޯބީގެ ވާހަކަތައް ގެނެސްދިނުމުގައި މަޝްހޫރު ޑައިރެކްޓަރު ސޫރަޖް ބަރްޖާތިޔާގެ ކުރިއަށް އޮތް ރޮމޭންޓިކް ޑްރާމާ "ޔޭ ޕްރޭމް މޯލް ލިޔާ"ގެ ޓްރެއިލަ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
އާޔުޝްމާން ކުރާނާ އާއި ޝަރްވަރީ ވާގް ލީޑް ރޯލުން ފެނިގެންދާ މި ފިލްމުގެ ޓްރެއިލާއިން، އިންޑިއާގައި ކައިވެންޏާ ގުޅިފައިވާ މުޖުތަމައުގެ ޒަމާންވީ އާދަކާދަތަކާ މެދު އުފެދޭ ފިކުރީ އަދި އަޚްލާޤީ ޚިޔާލުތަފާތުވުންތައް ވަރަށް ފުރިހަމައަށް ދައްކުވައިދެއެވެ.
ޓްރެއިލާއިން ފެންނަ ގޮތުގައި، ލޯބިވެތި އަދި ހިތްގައިމު ޝަޚްޞިއްޔަތެއްގެ ވެރި ޒުވާނަކު، އޭނާގެ ލޯބިވެރިޔާ ކައިވެންޏަށް އެއްބަސްކުރުވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެއެވެ. ނަމަވެސް، ހަމައެކަނި އަންހެނުން ދިރިއުޅޭ އާއިލާއެއްގެ ޒިންމާ އުފުލަމުންދާ އެ އަންހެން ކުއްޖާ ހުރީ ކައިވެންޏަށްފަހު އާއިލާ ދޫކޮށް ދާން ޖެހިލުންވެފައެވެ. އަންހެނުން ފިރިމީހާގެ ގެއަށް ދިރިއުޅުން ބަދަލުކުރަންޖެހޭ މުޖުތަމައެއްގައި، އޭނާ ގެއިން ހިނގައްޖެނަމަ އާއިލާ ބަލަހައްޓާނެ އިތުރު މީހަކު ނުހުންނާނެތީ އޭނާ ވަރަށް ކަންބޮޑުވެއެވެ.
މި ކަންބޮޑުވުމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ކައިވެންޏަށްފަހު އަންހެން ކުއްޖާގެ ގެއަށް ދިރިއުޅުން ބަދަލުކުރުމަށް ޒުވާނާ ނިންމާ ނިންމުމާއެކު އޭނާގެ އަމިއްލަ އާއިލާއަށް ބޮޑު ސިހުމެއް ލިބިގެންދެއެވެ. މުޖުތަމައުގެ ފާޑުކިޔުންތަކާއި ޒަމާންވީ ވިސްނުންތަކުގެ ކުރިމަތީގައި ގޮތް ދޫނުކޮށް ޒުވާނާ ސާބިތުވެ ހުރުމުން، ލޯތްބާއި އާއިލީ ގުޅުމާ ދެމެދު ބޮޑު ކުރިމަތިލުމަކަށް މަގުފަހިވެގެންދާ މަންޒަރު ޓްރެއިލައިން ދައްކުވައިދެއެވެ. މި ފިލްމުގެ އިތުރު މުހިންމު ރޯލުތަކުން ސުޕްރިޔާ ޕާތަކް، ސީމާ ޕަހުވާ، ސްވާނަންދު ކިރްކިރޭ، ސައުމިޔާ ޓަންޑަން، ސުރްބީ ތިވާރީ އަދި އަންޝޫރު ކޯރް ކުކްރޭޖާ ފަދަ ހުނަރުވެރި ތަރިން ވެސް ފެނިގެންދާނެއެވެ.
ޤައުމީ އެވޯޑުވެސް ކާމިޔާބުކޮށްފައިވާ ސޫރްޖް ބަރްޖާތިޔާ ޑައިރެކްޝަނަށް އެނބުރި އަންނަ މި ފިލްމަކީ، ރާޖްޝްރީ ޕްރޮޑަކްޝަންސްގެ އެންމެ މަޤްބޫލު ކެރެކްޓަ ކަމަށްވާ 'ޕްރޭމް' 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ބޮޑު ސްކްރީނަށް ގެނެސްދޭ ފިލްމު ވެސް މެއެވެ. މީގެ އިތުރުން، "ޕްރޭމް ރަތަން ދަން ޕާޔޯ" އަށްފަހު މިއުޒިކް ޑައިރެކްޓަރު ހިމޭޝް ރޭޝަމިޔާ އާއި ބަރްޖާތިޔާ އަލުން އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމަކީ ވެސް މިއީއެވެ.
ރާޖްޝްރީ ޕްރޮޑަކްޝަންސް އާއި މަހާވީރު ޖެއިން ފިލްމްސް ގުޅިގެން އުފައްދާ "ޔޭ ޕްރޭމް މޯލް ލިޔާ" ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.