ޑެނިއަލް ކްރެއިގަށްފަހު މަޝްހޫރު ޖާސޫސް 007ގެ ޒިންމާ ޕެޓިންސަންއާ ހަވާލުކުރާއިރު، އޭނާއަކީ އެ ރޯލަށް އެންމެ އެކަށީގެންވާ ފަންނާނު ކަމަށް 'ޓެނެޓް'ގައި އޭނާއާއެކު މަސައްކަތްކުރި ބަތަލާ އެލިޒަބަތު ޑެބިކީ ބުނެފިއެވެ.
ހޮލީވުޑްގެ މަޝްހޫރު ޖާސޫސީ ކެރެކްޓާ ޖޭމްސް ބޮންޑްގެ ރޯލަށް އިނގިރޭސިވިލާތުގެ ކުޅަދާނަ އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެހުމާ ގުޅިގެން، ކްރިސްޓޮފަ ނޯލަންގެ 2020 ވަނަ އަހަރުގެ ފިލްމު 'ޓެނެޓް'ގައި އޭނާއާއެކު މަސައްކަތްކުރި ބަތަލާ އެލިޒަބަތު ޑެބިކީ ވަނީ އެކްޓަރަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކާފައެވެ.
ލޮސް އެންޖެލިސްގައި ބޭއްވި 'ދަ ފާދަ މިސް-އެޑްވެންޗާސް އޮފް ކްލިފް ބޫތު'ގެ ޕްރިމިއާ ހަފްލާގައި 'ވެރައިޓީ' މަޖައްލާއަށް ދިން ބަސްދީގަތުމެއްގައި ޑެބިކީ ބުނީ، ރޮބަޓަށް ލިބުނު މި ބޮޑު ފުރުސަތާ މެދު އޭނާ ނުހަނު އުފާވާ ކަމަށެވެ. ބޮންޑްގެ ރޯލަށް ޕެޓިންސަން އެންމެ ފުރިހަމަވާނެ ކަމަށް ދެކޭ ސަބަބު ހާމަކުރަމުން އޭނާ ފާހަގަކުރި ގޮތުގައި، ޕެޓިންސަންއަކީ އޭގެ ޒާތުގައިވެސް ސިއްރުވެރި ގޮތްތަކެއް ހުންނަ، ރީތި، މަޖާ އަދި ވިސްނުންތޫނު ފަންނާނެކެވެ.
މީގެ އިތުރުން، ފަންނާނެއްގެ ގޮތުގައި ޕެޓިންސަން ވަރަށް ބޮޑަށް ކުރިއަރައިފި ކަމަށާއި، އޭނާ ޚިޔާރުކުރާ ތަފާތު އަދި ޝައުގުވެރި ރޯލުތަކުން އޭނާގެ ވިސްނުންތޫނުކަން ހާމަވާ ކަމަށްވެސް ޑެބިކީ ބުންޏެވެ.
އެމެޒޯން އެމްޖީއެމް ސްޓޫޑިއޯސްއިން ހޯމަ ދުވަހު ރަސްމީކޮށް އިޢުލާންކުރި ގޮތުގައި، 2021 ވަނަ އަހަރުގެ 'ނޯ ޓައިމް ޓު ޑައި' އަށްފަހު ޑެނިއަލް ކްރެއިގް ދޫކޮށްލި 007ގެ ޝަރަފުވެރި މަޤާމު ދެން އަދާކުރާނީ ރޮބަޓް ޕެޓިންސަންއެވެ. މި އުފާވެރި ޚަބަރާއެކު ޕެޓިންސަން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސިނަމާގެ ތާރީޚުގައިވެސް އެންމެ އައިކޮނިކް އެއް ކެރެކްޓަ ކަމަށްވާ ޖޭމްސް ބޮންޑްގެ ޒިންމާ އޭނާއާ ހަވާލުކުރުމަކީ މުޅި ހަޔާތުގައިވެސް ލިބުނު އެންމެ ބޮޑު ޝަރަފު ކަމަށެވެ. އަދި މި ރޯލަކީ އޭނާ ދެކެމުން އައި ހުވަފެނެއް ޙަޤީޤަތަކަށްވުން ކަމަށް ސިފަކުރަމުން، އޭނާއަށް އިތުބާރުކުރި ކަމަށްޓަކައި ޑެނިސް، އޭމީ، ޑޭވިޑް، ޓާނިޔާ އަދި އެމެޒޯން އެމްޖީއެމް ސްޓޫޑިއޯސްގެ މުޅި ޓީމަށް އޭނާ ވަނީ ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.
ޖޭމްސް ބޮންޑް ސިލްސިލާގެ މި އާ ފިލްމު ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވަނީ 'ޑޫން' އަދި 'އެރައިވަލް' ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ކުޅަދާނަ ޑައިރެކްޓަރު ޑެނިސް ވިލްނުއޭވްއެވެ. ޝައުގުވެރި ކަމަކީ، ވިލްނުއޭވް ޑައިރެކްޓްކުރާ 'ޑޫން: ޕާޓް ތްރީ'ގެ ވިލަންގެ ރޯލުންވެސް ޕެޓިންސަން ފެނިގެންދާނެކަމެވެ. އާ ބޮންޑްގެ ގޮތުގައި ޕެޓިންސަންއަށް މަރުހަބާ ކިޔަމުން ވިލްނުއޭވް ވިދާޅުވީ، 007ގެ ޒަމާންވީ އަސްލު ރޫޙު ޕެޓިންސަންގެ ކިބައިގައި ހުރުމާއެކު، އެ ކެރެކްޓަރއަށް އާ ދިރުމެއް އޭނާ ގެނެސްދޭނެ ކަމަށެވެ.
މި ބޮޑު ޕްރޮޖެކްޓްގެ ޕްރޮޑިއުސަރުންގެ ގޮތުގައި ހޮލީވުޑްގެ ތަޖުރިބާކާރު ދެ ޕްރޮޑިއުސަރުން ކަމަށްވާ އޭމީ ޕާސްކަލް އާއި ޑޭވިޑް ހޭމަން ގުޅިގެން މަސައްކަތް ކުރާއިރު، އެގްޒެކެޓިވް ޕްރޮޑިއުސަރުގެ ޒިންމާ އުފުލާނީ ޓާނިޔާ ލަޕޮއިންޓްއެވެ. އަދި މި ފިލްމުގެ ސްކްރީންޕްލޭ ލިޔުމަށް ހަމަޖެހިފައިވަނީ މަޝްހޫރު ލިޔުންތެރިޔާ ސްޓީވެން ނައިޓްއެވެ.
އަނެއްކޮޅުން، ރޮބަޓް ޕެޓިންސަންއަށް ތައުރީފުކުރި ބަތަލާ އެލިޒަބަތު ޑެބިކީ ދެން އެންމެ އަވަހަށް ބެލުންތެރިންނާ ބައްދަލުކުރާނީ، 2019 ވަނަ އަހަރު ކްއެންޓިން ޓެރެންޓީނޯ ގެނެސްދިން 'ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް'ގެ ސީކުއަލް ކަމަށްވާ 'ދަ ފާދަ މިސް-އެޑްވެންޗާސް އޮފް ކްލިފް ބޫތު'އިންނެވެ. ޓެރެންޓީނޯގެ ސްކްރީންޕްލޭއަކަށް ޑޭވިޑް ފިންޗަ ޑައިރެކްޓްކޮށްފައިވާ މި މަހުގެ 25ގައި އައިމެކްސް ސިނަމާތަކުގައި ރިލީޒްކުރުމަށްފަހު، ޑިސެމްބަރު 23 ގައި ނެޓްފްލިކްސް މެދުވެރިކޮށް ސްޓްރީމް ކުރަން ފަށާނެއެވެ.