މޫނު ދެނެގަނެގެން ފޯނު ހުޅުވޭ އާ ފީޗާއެއް އައިފޯނު ޑުއޯއަށް ތައާރަފުކޮށްފި

މި ފީޗާއަކީ ފޭސް އައިޑީއެއް ނޫން، ހަމައެކަނި ފޯނު ފަށްޖަހާފައި އޮންނަ އިރު ލޮކް ސްކްރީނުން ފޯނު ހުޅުވުމަށް ބޭނުންކުރެވޭ ފީޗާއެއް ---

އެޕަލްގެ ފަށްޖެހޭ ފޯނު ކަމަށްވާ "އައިފޯން ޑުއޯ" އަށް މޫނު ދެނެގަނެގެން ފޯނު ހުޅުވޭ (ފޭޝަލް އަންލޮކިން) އާ ފީޗާއަކާއި، ފޯނު ފަށްޖަހާލުމާއެކު އޮޓޮމެޓިކުން ލޮކްވާ "ކްލޯޒް ޓު ލޮކް" ފީޗާ އައިއޯއެސް 27.3 ބީޓާ އަޕްޑޭޓާއެކު ތައާރަފުކޮށްފިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އައިފޯން 18 ޕްރޯ އަދި އައިފޯން 18 ޕްރޯ މެކްސްއާއެކު ބާޒާރަށް ނެރުނު އައިފޯން ޑުއޯގައި ބަޔޯމެޓްރިކް ސެކިއުރިޓީއަށް ބޭނުންކުރަނީ ޓަޗް އައިޑީ ޓެކްނޮލޮޖީ ކަމަށްވާއިރު، އަލަށް ތައާރަފުކުރި ފީޗާގެ ދަށުން ފޯނު ފަށްޖަހާފައި އޮންނަ ވަގުތުތަކުގައި ބޭރު ސްކްރީނުގެ ފްރަންޓް ކެމެރާ ބޭނުންކޮށްގެން ވެރިފަރާތުގެ މޫނު ދެނެގަނެ ފޯނު އަންލޮކް ކޮށްދޭނެއެވެ.

އެޕަލްއިން ބުނީ މި ފީޗާއަކީ ފޭސް އައިޑީއެއް ނޫން ކަމަށާއި، މިއީ ހަމައެކަނި ފޯނު ފަށްޖަހާފައި އޮންނަ އިރު ލޮކް ސްކްރީނުން ފޯނު ހުޅުވުމަށް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ފީޗާއެއް ކަމަށެވެ. އެހެންކަމުން، އެޕަލް ޕޭ މެދުވެރިކޮށް ފައިސާ ދެއްކުމަށާއި، ޕާސްވޯޑުތަކަށް ވަނުމަށާއި، އެޕްތައް ހުޅުވުން ފަދަ ކަންކަމުގައި އަދިވެސް ޓަޗް އައިޑީ ނުވަތަ ޕާސްކޯޑް ބޭނުންކުރަން ޖެހޭނެއެވެ.

މީގެ އިތުރުން، ފޯނު ބޭނުންނުކޮށް 45 މިނެޓު ވެއްޖެނަމަ ކެމެރާ މެދުވެރިކޮށް އަންލޮކްވާ މި ފީޗާ ވަގުތީގޮތުން މެދުކެނޑޭނެ ކަމަށާއި، އަލުން އެ ފީޗާ ބޭނުންކުރެވޭނީ ޓަޗް އައިޑީ ނުވަތަ ޕާސްކޯޑް ޖަހައިގެން ފޯނު ހުޅުވުމުން ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. އަދި ފޯނު ހުޅުވާފައި އޮންނަ ވަގުތުތަކުގައި މި ފީޗާ މަސައްކަތެއް ނުކުރާނެއެވެ.

https://sun.mv/229646

މި އަޕްޑޭޓާއެކު ޑިސްޕްލޭ އެންޑް ބްރައިޓްނެސް ސެޓިންގްސްގެ ތެރެއަށް އިތުރުކުރި "ކްލޯޒް ޓު ލޮކް" އޮޕްޝަން އޮން ކޮށްފައި ބެހެއްޓުމުން، ފޯނު ފަށްޖަހާލާ ވަގުތު ބޭރު ސްކްރީނަށް ބަދަލުވުމުގެ ބަދަލުގައި ފޯނު އޮޓޮމެޓިކުން ލޮކް ވާނެއެވެ.

އެޕަލްއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މިހާރު 200،000 އަށްވުރެ ގިނަ އެޕްލިކޭޝަން ވަނީ އައިފޯން ޑުއޯގެ ސްކްރީނަށް ފުރިހަމައަށް ފެތޭ ގޮތަށް އޮޕްޓިމައިޒް ކުރެވިފައެވެ.

އައިއޯއެސް 27.3 ގެ ދެވަނަ ޑިވެލޮޕާ ބީޓާގައި ހިމެނޭ އެހެނިހެން މުހިންމު ކަންތައްތަކުގެ ތެރޭގައި، ސަފާރީ ބްރައުޒާގައި ހުޅުވާފައި ހުންނަ ވެބްޕޭޖުތަކުގެ މައުލޫމާތު ބޭނުންކޮށްގެން ސިރީއަށް ސުވާލުތަކަށް ޖަވާބުދެވޭ "އާސްކް އެބައުޓް ޕޭޖް" ފީޗާއާއި، އެޕަލް ޓީވީ އެޕްގައި ވީޑިއޯ ޕޮޑްކާސްޓް ބެލޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ.

comment ކޮމެންޓް